ވަރޗުއަލް އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ސިސްޓަމް ބޭނުންކުރެވެނީ ހަމައެކަނި ބާސާއާދެކޮޅަށް ނިންމުންތައް ނިންމަން ކަމަށް ބާސެލޯނާގެ ކޯޗް ނެދަލޭންޑްސްގެ ރޮނާލްޑް ކޫމަން ބުނެފިއެވެ.

ކޫމަން މިހެން ބުނެފައި ވަނީ ރޭ ސްޕެނިޝް ލީގުގައި ޗެމްޕިއަން ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު އެލް ކްލަސިކޯ މެޗުގައި ބާސާގެ ޑިފެންޑަރު ކްލެމެންޓް ލެންގްލޭ އޭރިއާ ތެރެއިން ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޮސްގެ ޖާޒީގައި ހިފެހެއްޓުމުން ވީއޭއާރު ބެލުމަށްފަހު ދިން ޕެނަލްޓީއާއި ބެހޭގޮތުން ވާހަކަދައްކަމުންނެވެ.

ރޭގެ މެޗުގެ ފަސްވަނަ މިނެޓުގައި ރެއާލުން ލަނޑެއް ޖަހާފައިވަނިކޮށް އޭގެ ތިން މިނެޓުފަހުން ބާސާގެ އަންސޫ ފަޓީ ވަނީ ލަނޑެއް ޖަހާ އެލް ކްލަސިކޯގައި ލަނޑުޖެހި އެންމެ ހަގު ކުޅުންތެރިއާގެ ރެކޯޑް ހަދާފައެވެ. އަދި ނަތީޖާ ހަމަހަމަ ކުރުމަށްފަހު ރަނގަޅަށް ކުޅެމުންދިޔަ ބާސާއަށް އިތުރު ދަތިތަކާއި ކުރިމަތިލާން ޖެހުނީ މެޗުގެ ދެވަނަ ހާފުގައި ރެއާލްއަށް ލިބުނު ޕެނަލްޓީއާއި ގުޅިގެންނެވެ.

ގިނަ އިރުތަކެއްވަންދެން ރިވިއުކުރި މި ޕެނަލްޓީ ވީއޭއާރ ރެފްރީން ބެލުމަށްފަހު މެޗުގައި ރެފްރީކަން ކުރި އިޓުރާލްޑޭ ގޮންޒާލޭސްވެސް ވަނީ ވީޑިއޯ ޗެކްކޮށްފައެވެ. ވީޑިއޯ ޗެކްކުރުމަށްފަހު އޭނާ ނިންމީ ލެންގްލޭ ގޯސްހެދި ކަމަށާއި ރާމޯސް އެޕީލްކުރި ޕެނަލްޓީއަކީ އެޓީމަށް ހައްގު އެއްޗެއް ކަމަށެވެ. ކޫމަން ބުނިގޮތުގައި ރޭގެ މެޗުން ބާސާ ބަލިވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ މި ޕެނަލްޓީ ކަމަށެވެ.

މީގެއިތުރުން ކޫމަން ބުނީ ބާސާއަށްވެސް ހައްގު ދެ ޕެނަލްޓީއެއް ރޭގެ މެޗުގައި ލިބުން ކަމަށާއި އެހެންނަމަވެސް ވީއޭއާރަށްވެސް އަދި ރެފްރީއަށްވެސް ބާސާއަށް ހައްގުވާ އެއްޗެއްނަމަ ދޭން އުނދަގޫވާ ކަމަށެވެ. އަދި މިހާތަނަށް ފަސް މެޗު ކުޅުނުއިރު ވީއޭއާރުގެ އެހީ މުޅިންވެސް ލިބެނީ ބާސާއާއި އިދިކޮޅަށް ކުޅޭ ޓީމަށް ކަމަށާއި ދުވަހަކުވެސް ބާސާއާއި އެއްކޮޅަށް ނިންމުމެއް ވީއޭއާރުން ނުނިންމާ ކަމަށްވެސް ކޫމަން ވަނީ ބުނެފައެވެ.

ޕެނަލްޓީއާއި ބެހޭގޮތުން ވާހަކަދައްކަމުން ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޮސް ބުނީ ދުވާލުގެ އަލިކަމުގައި އެންމެންނަށް ފެންނާނެހެން ކުރި ފައުލަކާއި ބަޔަކު މީހުން ދެކޮޅުހަދާ ރެފްރީއާ ދިމާލަށް ބަސްބުނުމުގެ އެއްވެސް ހައްގެއް ނޯންނާނެކަމަށެވެ. އަދި މެޗު ބެލި އެންމެނަށްވެސް އޭނާގެ ޖާޒީގައި ލެންގްލޭ ހިފެހެއްޓިތަން ފެންނަންހުންނާނެ ކަމަށްވެސް ރާމޮސްވަނީ ބުނެފައެވެ.

މި ނަތީޖާއާއެކު ބާސާއަށް ވުރެ އިތުރަށް ހަ ޕޮއިންޓް ހޯދައިގެން ކުޅުނު ހަމެޗުން 13 ޕޮއިންޓާއެކު ރެއާލް އޮތީ ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. ބާސާއަށް ފަސް މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ލިބެނީ ތާވަލްގެ 10 ވަނައެވެ.

ބާސާއަށް ކުރިއަށް ދެން އޮތީ ޗެމްޕިއަންސް ލީގުގައި މިމަހުގެ 29 ވަނަ ދުވަހު ޔުވެންޓަސްއާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ. އަދި ރެއާލް އިން ނުކުންނާނީ 28 ވަނަ ދުވަހުގެރޭ ހަމަ އެ މުބާރާތުގެ މޮންޗްންގްލަޑްބަކާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޔތރ

    ބާސާއިންވެސް ބަހަނަ ނުދައްކަ ކުޅެބަލަ. ކިޅިވަރުގެ ރޫހަ އެއްގޮތަށް

    1
    5
  2. މޫސާ

    ޖެހިޖެހިގެން 3 ފަހަރު ޗެމްޕިއަންސް ލީގު ނަގަން ރެފުރީން ގަނެލި ބަޔަކު ތިކަން ކޮށްފާނެ ހަމަ..އެހެންނު

  3. ރާމޯސް

    އޭރިއާ ތެރެއިން ރިއާލް ކުޅުންތެރިއެއް އަތުގަ ބޯޅަ ޖެހުނީމަ ވީއޭއާރު ވީތަނެއްވެސް ރެފްރީއައް ނޭގޭދޯ؟ އެބަލާކައްވެސް ނުޖެހޭ ހަމަ؟

  4. ބޯގަންވިލާ ސިންގް

    ދިވެހި ބާސްކެޓް ގަ އުޅޭކަހަލަ ރެފްރީން ދޯ