ބްރެޒިލުގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ރޮނާލްޑީނިއޯ ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އުމުރުން 40 އަހަރުގެ ރޮނާލްޑީނިއޯ މިކަން ހާމަކޮށްފައިވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރި ވީޑިއޯއަކުންނެވެ. މި ވީޑިއޯގައި އޭނާ ބުނެފައިވަނީ ކޮވިޑަށް ފައްސިވެފައިވާ ކަމަށާއި މިވަގުތު ހުރީ އައިސޮލޭޝަންގައި ކަމަށެވެ.

ރޮނާލްޑީނިއޯ ފައްސިވިކަން ހާމަކުރީ ބްރެޒިލުގެ ސިޓީއެއް ކަމަށްވާ ބެލޯ ހޮރިޒޯންޓުގައި އޮތް އިވެންޓަކު ބައިވެރިވުމަށް ހޮނިހިރު ދުވަހު އެ ސިޓީއަށް ދިޔުމަށްފަހު ކުރި ޓެސްޓުުތަކަށްފަހު އެވެ. މި އިވެންޓުގެ ވަކި ހިސާބަކުން ރޮނާލްޑީނިއޯ ވަނީ އެތަން ދޫކޮށް ގޮސްފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ރޮނާލްޑީނިއޯގެ ކިބައިން ކޮވިޑުގެ އެއްވެސް އަލާމާތެއް ނުފެނެއެވެ. އަދި އޭނާ ހުރީ ރަނގަޅު ސިއްހަތެއްގައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ކޮވިޑަށް ފައްސިވުމާއެކު ރޮނާލްޑީނިއޯ ވަނީ އޭނާގެ ގޭގައި 14 ދުވަހަށް އެކަހެރިިވެފައެވެ.

ބްރެޒިލްގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން އަންނައިރު އެ ޤައުމުގައި މި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 26،979 (ސައްބީސް ހާސް ނުވަސަތޭކަ ހަތްދިހަ ނުވަ) މީހުން ވަނީ ފައްސިވެފައެވެ. އަދި އެ ޤައުމުން ޖުމްލަ ފައްސިިވި މީހުންގެ އަދަދު ފަސް މިލިއަނަށްވުރެ ގިނައެވެ.

ރޮނާލްޑީނިއޯ އަކީ ބްރެޒިލްގެ ތާރީހުގައި ފާހަގަކޮށްލެވޭ ފުޓުބޯޅަ ތަރިއެކެވެ. އޭނާ އެންމެ ބޮޑަށް ފާހަގަވާން ފެށީ 2002 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ތަށި ބްރެޒިލަށް ހޯދައިދިން އިރުއެވެ. އަދި ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަޤާމު 2005 ވަނަ އަހަރާއި 2006 ވަނަ އަހަރު އޭނާ ހޯދިއެވެ.

ދުނިޔޭގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ވަނީ މިހާތަނަށް ކޮވިޑަށް ފައްސިވެފައެވެ. އަދި ގިނަ ކުޅުންތެރިންތަކެއް ވަނީ މި ބަލިން ރަނގަޅުވެފައެވެ. ނަމަވެސް މި ބަލީގެ ނުރައްކާ އެއްވެސް ވަރަކަށް އަދިވެސް ކުޑައެއްނޫނެވެ.