ޕްރިމިއަރ ލީގާއި ޔުރޮޕާ ލީގަށް އެކުލަވާލި ސްކޮޑުން އާސެނަލަށް ކުޅޭ ޖަރުމަނުގެ ތަޖުރިބާކާރު މިޑްފީލްޑަރު މެސުޓް އޮޒިލް ބާކީކުރަން އެޓީމުގެ ކޯޗު މިކެލް އާޓެޓާ ނިންމި ނިންމުމަށް ފާޑުކިޔާ އޮޒިލްގެ ދިފާއުގައި އެޓީމުގެ ކުރީގެ ކެޕްޓަން ކޮޝެލްނީ ތެދުވެއްޖެއެވެ.

ފުޓުބޯޅައިގެ ގިނަ މާހިރުންތަކެއް މި ބަހުސްގެ ތެރެއަށް ވަންނަމުންދާއިރު ކޮޝެލްނީ ބޭރުގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ކުޅުންތެރިއެއްގެ ހައިސިއްޔަތުން އޮޒިލްއަކީ ދެވަނައެއް ނެތް ފަދަ މިޑްފީލްޑަރެއް ކަމަށެވެ. އަދި އެވަރުގެ ޕްލޭމޭކަރެއް މިއަދުގެ ފުޓުބޯޅައިގައި ހޯދަން އުނދަގޫވާނެ ކަމަށާއި އެހެން ޕްލޭމޭކަރުންނަށް ނުފެންނަ ކިތަންމެ ފުރުސަތުތަކެއް އޮޒިލްއަށް ފެނި އެ ފުރުސަތުތައް އެހެން ކުޅުންތެރިންނަށް އޭނާ ތަނަވަސްކޮށްދޭނެ ކަމަށްވެސް ކޮޝެލްނީ ވަނީ ބުނެފައެވެ.

އަދި އޮޒިލްގެ ޕާސްތަކުން ތަނަވަސްކޮށްދޭ ފުރުސަތުތަކަކީ މެޗުގެ ނަތީޖާ ބަދަލުކުރެވޭނެހާ ގާބިލްކަން ހުރި ޕާސްތަކެއް ކަމަށާއި އޭނާއަކީ ފުޓުބޯޅައިގެ ހަގީގީ މާހިރެއްކަމަށްވެސް ކޮޝެލްނީ ވަނީ ބުނެފައެވެ.

މީގެއިތުރުން ކޮޝެލްނީ ބުނީ އޮޒިލްއަކީ އޭނާއާއި އެކު އާސެން ވެންގާ ކޯޗުކަން ކުރިއިރު އާސެނަލަށް އެކުގައި ކުޅުނު ކުޅުންތެރިއެއް ކަމަށާއި އޮޒިލްއަކީ ވެންގާގެ އިތުބާރާއި ލޯބި ހޯދާފައިވާ ދެވަނައެއްނެތް މޮޅު ކުޅުންތެރިއެއް ކަމަށެވެ. އަދި އޮޒިލްގެ ބޭނުން ވެންގާއަށް ހިފަން އެނގެން ފެށިއިރު ވެންގާގެ ފަހުން ޓީމާއި ހަވާލުވި އެމެރާއި އަށާއި އާޓެޓާއަށް އޮޒިލްގެ ބޭނުން ހިފަން ނޭނގުން އެއީ ސުވާލު އުފެދޭކަމެއް ކަމަށްވެސް ކޮޝަލްނީ ވަނީ ބުނެފައެވެ.

އަދި އޮޒިލްއަކީ އަބަދުވެސް ފަރިތަކުރުންތަކަށް ގަޑިއަށް ހާޒިރުވެ އޭނާގެ އެންމެ ރަނގަޅު ކުޅުން ފަރިތަކުރުންތަކުގައިވެސް ދައްކާ، އެއްވެސް ޝައްކެއްނެތް ގޮތުގައި ޕްރިމިއަރ ލީގުގެ އެންމެ އުހުގައި ގުނާލެވޭ ފެންވަރުގެ ކުޅުންތެރިއެއް ކަމަށްވެސް އޭނާވަނީ ބުނެފައެވެ.

ވާހަކަ ނިންމާލަމުން ކޮޝެލްނީ ބުނެފައިވަނީ އުންމީދުކުރަނީ އޮޒިލްއާއި ޓީމުގެ މެނޭޖްމަންޓާއި ދެމެދު މަޝްވަރާތަކެއް ކުރެވި ރަނގަޅު ނިންމުންތަކެއް ނިންމާނެކަމަށެވެ. އަދި ދެފަރާތައްވެސް ފައިދާހުރި ގޮތަކަށް ކަންކަންނިމި ވަރަށް އަވަހަށް ދަނޑުމަތިން އާސެނަލްގެ ޖާޒީގައި އޮޒިލް ފެންނާނެކަމަށް އުންމީދުކުރާކަމަށްވެސް އޭނާވަނީ ބުނެފައެވެ.

2013 ވަނައަހަރު ސްޕެއިންގެ ރެއާލް މެޑްރިޑުން އާސެނަލްއަށް ބަދަލުވި އޮޒިލްވަނީ އެޓީމަށް 250 އަށްވުރެ ގިނަ މެޗުކުޅެދީ 44 ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ. އަދި 77 ލަނޑު ކާމިޔާބުކުރަން ފުރުސަތުތަނަވަސްވެސް ކޮށްދީފައެވެ. އެންމެފަހުން އޮޒިލް އާސެނަލްއަށް ކުޅެދީފައިވަނީ މިދިޔަ ސީޒަނުގައި މިއަހަރުގެ މާޗުމަހު ވެސްޓް ހޭމާއި ދެކޮޅަށް ކުޅެ އެޓީމް 0-1 އިން މޮޅުވި މެޗުގައެވެ. އެމެޗުގައި އާސެނަލްއިން މޮޅުވި ލަނޑު އެލެކްސަންޑްރާ ލަކަޒެޓް ކާމިޔާބުކޮށްދިން އިރު މިއީވެސް އޮޒިލް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކުރެވުނު ލަނޑެކެވެ.