އިޓާލިއަން ލީގުގައި ވާދަވެރި އޭސީ މިލާނާއި ރޯމާ ބައްދަލުކުރިމެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

މިލާނުގެ ސޭން ސީރޯގައި ކުޅުނު މިމެޗު ނިމުނީ ވާދަވެރި ކުރިމަތިލުމަކަށްފަހު 3-3 އިންނެވެ. މިއީ މިސީޒަނުގައި މިލާން މޮޅުނުވި ފުރަތަމަ މެޗެވެ.

މެޗުގެ ދެވަނަ މިނެޓުގައި ރަފެއަލް ލިއާއޮ ތަނަވަސްކޮށްދިން ރީތި ފުރުސަތެއްގައި މުޅިން ހުސްކޮށްހުރެ މިސީޒަނުގައި މިލާނާއި އަލުންގުޅުނު ޒްލަޓަން އިބްރާހިމޮވިޗްވަނީ ލަނޑެއް ޖަހާ އެޓީމަށް ލީޑު ނަގައިދީފައެވެ.

އެހެން ނަމަވެސް މެޗުގެ 14 ވަނަ މިނެޓުގައި ކެޕްޓަން އެޑިން ޒެކޯވަނީ ލަނޑެއް ޖަހާ ރޯމާއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މިއީ ލޮރެންޒޯ ޕެލެގްރިނީ ނަގައިދިން ހުރަސް މުޅިން ހުސްގޯލެއްގެ ތެރެއަށް ބޮލުން ފޮނުވާލައިގެން ޒެކޯ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިހާފުގައި އޭސީ މިލާނުންވަނީ ލަނޑުޖަހާނެ އިތުރު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ 30 ވަނަ މިނެޓުގައި އަނެއްކާވެސް ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި ސިމޯން ބޮލުން ފޮނުވާލި ނަމަވެސް މިފަހަރު ބޯޅަ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.

އޭސީ މިލާނުގެ ހިލޭޖެހުންތަކާއި ކޯނަރުތަކުން ތަނަވަސްކުރާ ފުރުސަތުތަކުގައި ރޯމާގެ ގޯލަށް ނުރައްކާވި ނަމަވެސް މިހާފުގައި އިތުރު ލަނޑެއް ފެނިގެން ގޮސްފައެއްނުވެއެވެ.

މެޗުގެ ދެވަނަ ހާފުވެސް މިލާނުން ފެށީ ވަރުގަދަކޮށެވެ. ދެވަނަ ހާފުގެ ދެވަނަ މިނެޓުގައި އަނެއްކާވެސް އެޓީމުންވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. ރޯމާގެ ދެކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ލިއާއޮ އޭރިއާތެރެއަށް ނަގައިދިން ހުރަސް ވަރަށް ރަނގަޅަށް ބޯޅައަށް ހުސްވެހުރެ ގޯލްގެ ތެރެއަށް ފޮނުވާލީ އެލެކްސިސް ސެއިލަމޭކާސްއެވެ.

މެޗުގެ ނަތީޖާ ދެވަނަފަހަރަށް ރޯމާއަށް ހަމަހަމަކޮށްދިނީ ލިބުނު ޕެނަލްޓީއެއްގައި ޖޯޑަން ވެރެޓައުޓްއެވެ. މިއީ އޭރިއާތެރެއިން ޕެޑްރޯއަށް އިސްމާއިލް ބެނަކަރ ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

އޭގެ އަށް މިނެޓުފަހުން މެޗުގެ 79 ވަނަ މިނެޓުގައި އަނެއްކާވެސް މިލާނުން ވަނީ ލަނޑެއް ޖަހާ ތިންވަނަ ފަހަރަށް މެޗުގައި ލީޑު ނަގާފައެވެ. މިލާނުގެ ހަކަންއަށް ރޯމާގެ ޖިއާންލުކާ މަންޗިނީ ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕިނެލްޓީ ގޯލްގެ ތެރެއަށް ވައްދާލައިގެން މިލާނުގެ ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީވެސް އިބްރަހިމޮވިޗް އެވެ.

މެޗުގައި ފެނިގެންދިޔަ ފަހު ލަނޑު ރޯމާއިން ނެގި ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި އިބްރަހިމޮވިޗަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އެޓީމަށް ކާމިޔާބުކޮށްދިނީ މަރާޝް އެވެ.

މި ނަތީޖާއާއިއެކު އަދިވެސް ލީގުގެ ޕޮއިންޓް ތާވަލްގެ އެއްވަނައިގައި ފަސްމެޗުން 13 ޕޮއިންޓް ހޯދައިގެން އޮތީ އޭސީ މިލާނެވެ. ރޯމާއަށް 8 ޕޮއިންޓާއެކު ލިބެނީ ތާވަލްގެ ނުވަވަނައެވެ.