މުސްލިމެއްގެ ގޮތުގައި މުޅި ދުނިޔެ އާއި ކުރިމަތިލުމަކީ އަބަދުވެސް ބޮޑު ގޮންޖެހުމެކެވެ. ހާއްސަކޮށް މުސްލިމުންގެ ރިވެތި ސިފަ އާއި އާދަކާދަތައް ބައްޓަންކުރާ އިރު އެކުގައި ދެން ތިބޭ އިސްލާމްދީނާއި އަދާވާތްތެރި ވިސްނުން ގެންގުޅޭ މީހުންގެ އުނދަގޫ ކޮންމެވެސް އެއްގޮތަކުން ފޯރައެވެ.

މާތްވެގެންވާ އިސްލާމްދީނުގައިި ކުޅިވަރު ކުޅުމަށް ނުވަތަ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އަބަދުވެސް ބާރުއަޅައެވެ. އަދި ދީނާއި ޚިލާފުނުވާނެ ގޮތްތަކެއްގެ މަތިން ކޮންމެ ކުޅިވަރެއްވެސް ކުޅެވެއެެވެ. އާންމުންގެ ބޮޑު ލޯތްބެއް ހޯދާ، މިގޮތަށް މުޅި ކުޅިވަރުގެ ކެރިއަރު ނިންމާލި އެތްލީޓުން މަދެއް ނޫނެވެ. އެގޮތުން މަޝްހޫރު ބޮކްސިން އެތްލީޓް މުހައްމަދު އަލީ އާއި ބާސްކެޓްބޯޅަ ކުޅުންތެރިޔާ ކަރީމް އަބްދުލް ޖައްބާރު އަދި ފްރާންސްގެ ޒައިނުއްދީން ޒިދާން ފާހަގަކޮށްލެވެއެވެ.

މިފަދަ ކުޅުންތެރިންގެ ލިސްޓަށް އެންމެފަހުން އިތުރުވި ނަމަކީ އަލްޓިމޭޓް ފައިޓިން ޗެމްޕިއަންޝިޕް (ޔޫއެފްސީ) އިން ދާދިފަހުން ރިޓަޔާވި ރަޝިއާގެ އެތްލީޓް ޚަބީބް ނުރްމަގޯމެދޮވްއެވެ. މިކްސް މާޝަލް އާޓްސްއަށް ހާއްސަކޮށް ކުރިޔަށްދާ ޔޫއެފްސީއަކީ ރެސްލިންއަށް ހާއްސަކޮށް މިހާރު ކުރިޔަށްދާ ވޯލްޑް ރެސްލިން އެންޓަޓެއިންމަންޓް އާއި ބޮކްސިންއަށް ވުރެ ވެސް މަގުބޫލު ކަން ބޮޑު ކުޅިވަރެކެވެ. މި ކުޅިވަރު ކެރިއަރު ޚަބީބް ނިންމާލީ އެއްވެސް މެޗަކުން ބަލިނުވެ ސައްތައިން ސައްތަ ރެކޯޑަކާއެކުގައެވެ.

ކާމިޔާބު އެތްލީޓަކަށް ވުމަށް ޚަބީބް ކުރި ދަތުރު

ޚަބީބް އުފަންވީ ރަޝިއާގެ ސޮވިއެޓް ޔޫނިއަންގައި ހިމެނޭ ކުޑަ އަވަށެއް ކަމަށް ސިލްޑީގެ ސުމަޑިންސްކީ ޑިސްޓްރިކްޓް އަށެވެ. އެއްބަނޑު ތިން މީހުންގެ ތެރެއިން ޚަބީބް އަކީ ދެވަނައަށް އެންމެ ބޮޑެވެ. ޚަބީބް ކުޑައިރު އެ އަވަށުން އެންމެ އަސާސީ ޚިދުމަތްތައް ހޯދުމަށް ދަތިތަކާއި ކުރިމަތިލާން ޖެހުމުން އޭނާގެ ބައްޕަ ވަނީ އެހެން ހިސާބަކަށް ބަދަލުވާން ނިންމާފައެވެ. އެގޮތުން ކިރޮވޮލް އަވަށަށް ބަދަލުވެ ދެ ބުރީގެ އިމާރާތެއް އޭނާގެ ބައްޕަ ގަތެވެ. މިއީ ޚަބީބްގެ ކާމިޔާބު ކެރިއަރުގެ ފެށުމަށް ވެގެންދިޔައީ މި އިމާރާތުގެ އެއް ބުރި ޖިމަކަށް ބަދަލުކުރި ހިސާބުންނެވެ. އަދި މާޝަލް އާޓްސް އަށް ހިތް ޖެހުނީވެސް މިހާ ހިސާބުންނެވެ. އުމުރުން އެންމެ އަށް އަހަރުގައި ޚަބީބް މާޝަލް އާޓްސްގެ ހުނަރު ދަސްކުރަން ފެށިއެވެ. ބައްޕަ އަބްދުލްމަނަޕް ނޫރްމަގްމެދޮވްގެ އެހީތެރިކަމާއެކު ފެށި މި ތަމްރީނުތަކުގެ ތެރެއިން ވީޑިއޯއެއްވެސް މަޝްހޫރުވިއެވެ. އެއީ ޅަ ސާރިދޯޅަކާއި ޚަބީބް ރެސްލިން ކުރަން ހުރި ވީޑިއޯއެވެ. މިއީ ގިނަބައެއްގެ ލޮލުގައި ޚަބީބް އަޅައިގަތް އެއް ސަބަބެވެ.

ޚަބީބް އެތަނުގައި ހަތަރު އަހަރު މަޑުކުރުމަށްފަހު 2001 ވަނަ އަހަރު އެތަނުން ޚަބީބްގެ އާއިލާއިން އަނެއްކާވެސް ބަދަލުވާން ޖެހުނެވެ. އުމުރުން އެންމެ 12 އަހަރުގައި ޚަބީބް ވަނީ ރެސްލިންގެ ގިނަ ހުނަރުތަކެއް ދަސްކޮށްފައެވެ. އަދި އުމުރުން 15 އަހަރުގައި ޖޫޑޯ ދަސްކުރިއެވެ. މި ދެ ކުޅިވަރު އެއްކޮށް ކުޅުމަކީ ޚަބީބަށް ވަރަށް އުނދަގޫވި ކަމެކެވެ. އެކަން އެންމެ ރަނގަޅަށް ނަގައިގަތީ ބައްޕައެވެ. ބައްޕަގެ މޮޅު ހިޔާލުތަކާއެކު އެ ދެ ކުޅިވަރުގެ ތެރޭގައި ހިމެނޭ ހުނަރުތައް ކިޔައިދިނެވެ.

މި ހުރިހާ ކަންކަމުގެ ތެރެއިން ޚަބީބްގެ ބައްޕައަށް ބޮޑު ޓީމެއްގެ ކޯޗުކަން ކުރުމަށް ލިބުނެވެ. މި ފުރުސަތުގެ ބޭނުން ހިފާ ޚަބީބްގެ ބައްޕަ ވަނީ އޭނާގެ ދަރިފުޅު މި މުބާރާތްތަކުން އޭނާގެ ދަރިފުޅަށް ފުރުސަތު ހޯދައިދީފައެވެ. އޭގެފަހުން މުބާރާތަކަށްފަހު މުބާރާތެއް ޚަބީބުގެ ހުނަރު ދިޔައީ މަޑުމަޑުން ފެންނަމުންނެވެ. މިއީ ޔޫއެފްސީ އިން ޚަބީބް ކެރިއަރު ފެށިގެންއައި ގޮތެވެ.

ކެރިއަރެއްގެ ގޮތުގައި ރަސްމީކޮށް ޚަބީބް މިކަން ކުރަން ފެށީ 2012 ވަނަ އަހަރުގައެވެ. އެގޮތުން ޔޫއެފްސީގެ މެޗުތަކުގައި އޭނާ ބައިވެރިވެ ތަފާތު ދައްކަން ފެށީ މިހާހިސާބުންނެވެ.

ކާމިޔާބު ކެރިއަރުގެ ފަހަތުގައި އިސްލާމީ ރިވެތި އުސޫލު ހިފެހެއްޓުން

ކޮންމެ މެޗަކާއި ކުރިމަތިލާއިިރު ވެސް ޚަބީބުގެ އަޒުމެއް އޮވެއެވެ. އެއީ ﷲ ގެ އިރާދަފުޅާއެކު ކޮންމެ ކަމެއްވެސް ފެށުމެވެ. އަދި މުސްލިމަކަށް ވީތީ އެ ހިފަހައްޓަންޖެހޭ ޤަވާއިދުތަކާއި އުސޫލުތަކެވެ. ޔޫރަޕުގެ ނަން މަޝްހޫރު އެތްލީޓުންނާއި ކުޅޭއިރު ކިތަންމެ އައުގުރާނައެއް ގޮވާތަން ލައިވް ޓީވީތަކުން ފެނެއެވެ. ނަމަވެސް އޭގެން އެއްވެސް ބަހަކަށް ޚަބީބް ރައްދެއް ނުދެއެވެ. ރައްދުދެނީ މެޗުގެ ތެރެއިންނެވެ.

ޚަބީބް ކެރިއަރު ނިންމާލީ 13-0 ގެ ރެކޯޑަކާ އެކުގައެވެ. އެއްވެސް މީހަކަށް ބަލިކުރެވިފައި ނެތް އަދި އެއްވެސް ސުވާލެއް ވެސް ނެތް ގޮތެއްގައި އޭނާއަކީ މި ދާއިރާއިން ޗެމްޕިއަނެކެވެ. އަދި 29-0 ގެ ރެކޯޑަކާ އެކު ޕްރޯ އެމްއެމްއޭ ވެސް ލީޑުކުރަނީ އޭނާއެވެ. މި ހުރިހާ ކާމިޔާބީއެއްގެ ފަހަތުގައި ވަނީ އޭނާގެ ބައްޕައެވެ. ދީނުގެ ގޮތްތަކުގައި ހިފެހެއްޓުމަށް ބާރުއަޅައިދިނީ އޭނާގެ ބައްޕައެވެ.

ޚަބީބް ރިޓަޔާވީ 2020 ވަނަ އަހަރުގެ އޮކްޓޯބަރުގައެވެ. އޭނާގެ ކެރިއަރުގައި އެންމެ ބޮޑު އެހީތެރިކަމެއް ވި އޭނާގެ ބައްޕަ ވަނީ މިއަހަރުގެ ޖުލައިމަހު ކޮވިޑު ބަލީގައި މަރުވެފައެވެ. މުސްލިމް އާއިލާއަކަށް ނިސްބަތްވާ ޚަބީބ،ް އޭނާގެ ކެރިއަރު ނިންމާލާފައިވަނީ އުުމުރުން 32 އަހަރުގައެވެ. ފަހު ތެޅުން ހާއްސަކޮށްފައިވަނީ ވެސް އޭނާގެ ބައްޕައަށެވެ. އަދި ތެޅުން ހުއްޓާލާފައިވަނީ މަންމަގެ އެދުމުގެ މަތިންނެވެ.

މި ހުރިހާކަމަކުން ވެސް ޚަބީބް އަހަރެމެން އެންމެނަށްވެސް ދަސްކޮށްދިން ފިލާވަޅަކީ ކޮންމެ ކެރިއަރެއް ހިޔާރުކުރި ނަމަވެސް ދީނުގައި ހިފަހައްޓައިގެން ކާމިޔާބު ކެރިއަރެއް ފުރިހަމަކުރެވޭނެ ކަމެވެ. އަދި ކާމިޔާބު އެތްލީޓަކަށް ވެވޭނީ ޔޫރަޕުގެ ގޮތްގަނޑަށް ބައްޓަންވެގެން ނޫންކަން ސާބިތުކޮށްދީގެންނެވެ.

ޚަބީބުގެ ކެރިއަރު ނިންމާލިއިރު އޭނާގެ މިލްކިއްޔާތުގައި 30 މިލިއަން ޑޮލަރު އެބަހުއްޓެވެ. އޭނާ ނިންމާފައިހުރީ މި ފައިސާއިން ދީނުގެ ކަންކަމށް ހަރަދުކުރުމަށެވެ. އަދި އާއިލާއަށް ފާގަތި މުސްތަގްބަލެއް ހޯދައިދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. މަ

    😍❤️😍❤️😍❤️😍🤗🤗🤗😇😇😇💖💖💖💖💖💖💖💖💖💖💖

    66
    3
  2. ތިކި

    ހަބީބު ލިޔުނުނަމަ ..

    38
    4
  3. އަހުމަދުު

    ޒިދާންބުނެފައިވަނީ އޭނައަކީ ޕްރެކްޓިސްކުރާ މުސްލިމެއްނޫން ކަމަށް. މާނައަކީ މުސްލިމަކު ކުރަންޖެހޭ އަޅުކަންތައް ނުކުރުން. ވީމާ މިއީ އެއްގޮތަކަށްވެސް އަހަރެމެން އުފާކޮށް ނޫސްތަކުގަ ލިޔަންވީ މީހެއްނޫން.

    66
    6
  4. ާަާަަައަސްލު

    ﷲގެރަސޫލާވަނީ މޫނުގަތެޅުން ނަހީކުރައްވާފަ...؟
    އިލްމެއްނެތި މިފަދަ ބަޔަކައް ތާއިދްކުރަނީތޯ

    30
    13
  5. ޙަސަން

    އަލްޙަމްދު ލިﷲ، ޙަބީބަކީ މސްލިމުންނަށާއި ޣައިރު މުސްލިމުންނަށްވެސް ނަމޫނާއެއް ކަމުގައި ވެއްޖެ. އަހަރެމެން މުސްލިމުން ދީނުގައި މިގޮތަށް ހިފަހައްޓައި މާތްﷲ އަށް ބިރުވެތިވެ ތިބެ އެއްބައެއްގެ ގޮތުގައި ކުރިއަށްދާނަމަ އަހަރެމެންވާނީ ދުނިޔޭގެ އެންމެ ބާރުހުރި ޖަމާޢަތަށެވެ. އެއީ ﷲ އެބަޔަކާއެކު ވޮޑިގެންވާ ބަޔަކު ބަލިކުރެވޭނެ ފަރާތެއް ނުވެއެވެ. މިކަމާ މުސްލިމުން ވިސްނާ ފިކުރުކުރުމަށް އަހަރެން ގޮވާލަމެވެ.

    70
    2
  6. ހަނި

    ހިތްވަރު ގަދަ ބަތުލެއް

    58
    3
  7. ރައްޔިތުމީހާ

    ވަރަށްވެސް ފުރިހަމަ ލިޔުމެއް. ޢާމުންނަށް މީނާގެ ހަޔާތުން ރަނގަޅު އިބުރަތަކަށްފުދޭ. ޝުކުރިއްޔާ ވަގުތު ނޫސް.

    61
    2
    • މާ އެނގޭ

      ފުރިހަމަ ވާނެ ތަންދޮރު ނޭގުނު ވަރަކަށް

      6
      32
  8. ހުސޭނުބޭ

    ޒިދާނަކީ ނަން ޕްރެކްޓިކަލް މުސްލިމެއް! އެއީ އޭނާ ބުނެފައިވާ ގޮތް! ޒިދާނަށްވުރެ އަނެލްކާ އަދި ފްރެޑީ ކަނޫޓޭ ހާސްބައި ރަގަޅުވާނެ!

    41
    4
  9. ދިވެހި ދަރި

    އެންމެ ޓެޓޫއެއްވެސް ޖަހާފަ ހުރި ތަނެއް ނެތް ފެންނާކަށް. މާޟާﷲ

    44
    2
  10. Anonymous

    ޚަބީބަކީ ޕްރެކްޓިސިންގް މުސްލިމެކޭ. މިތާގަ މީހެއްގެ އަގު ވައްޓާކަށް ނޭނގޭ ވާހަކަ ނުދެއްކުން ބުއްދިވެރީ. ނުލާހިކު ދީންވެރި ޞޯލިޙު މީހެއް އެއީ.

    35
    2
  11. ނަމޫނާ

    ވީ ލަވް ޔޫ ޚަބީބް.

    32
    1
  12. އަހުމަދު

    އަސްލު ނަމަކީ ޙަބީބް ނޫރު މުޙައްމަދު

    25