ފުރަތަމަ ސީޒަނުގައި އަލަށް ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސްގައި ހިމެނޭ ކުޅުންތެރިންގެ ސްކޮޑާއިމެދު ހިތްހަމަޖެހޭ ކަމަށާއި ބިދޭސީ ކުޅުންތެރިން ގުޅުމުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ޓީމު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އެ ޓީމުގެ ކޯޗު އަޙްމަދު ނާޝިދު (ނާދު) ބުނެފިއެެވެ.

އެޗްޕީއޭގެ ގައިޑްލައިނާއެކު ސަސްގެ ފުރަތަމަ ފަރިތަކުރުންތައް ވަނީ ބާއްވާފައެވެ. ރާއްޖެޓީވީއާއި ވާހަކަދައްކަމުން ނާދު ބުނީ ފުރަތަމަ ކަމަކަށް ޓީމުގެ އަމާޒަކީ ގަދަ ހަޔަކަށް ވަނުން ކަމަށާއި، އެކަމަކު އެއަށްވުރެވެސް މައްޗަށް ދިޔުމަށް ބޭނުންވާ ކަމަށެވެ.

މީގެއިތުރުން ނާދު ބުނީ ޓީމުގައި ޒުވާން ރަނގަޅު ކުޅުންތެރިންތަކެއް ތިބި ކަމަށެވެ. އަދި މި ސްކޮޑާމެދު އުއްމީދުތަކެއް ކުރެވޭކަމަށެވެ.

ސަސްގައި ހިމެނޭ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ޓީސީގެ ކުރީގެ ކެޕްޓަން ފައްރާހް އަހުމަދު (ފައްރަ) އާއި ތަޖުރިބާކާރު ޑިފެންޑަރ ޝާފިއު އަހުމަދު (ޝާފީ) އާއި އަބްދުﷲ ހަނީފް (ބެންޖޯ) އާއި އަހުމަދު ފަރުހާން (ގައްބެ) ހިމެނެއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފެށުމަށް ތާވަލުކޮށްފައިވަނީ ޑިސެމްބަރު މަހުގެ 13 އަށެވެ. ލީގުގައި ސަސްއިން ކުޅޭ ފުރަތަމަ މެޗުގައި ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުގެރޭ ނުކުންނާނީ ކުލަބު އީގަލްސްއާ ދެކޮޅަށެވެ.