ސްޕެއިންގެ ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީއަށް ޓީމަށް ކުޅޭ އެހެން ހުރިހާ ކުޅުންތެރިންވެސް ހޭނެންޖެހޭ ކަމަށް އެޓީމުގެ ޒުވާން މިޑްފީލްޑަރު ފްރެންކީ ޑި ޖޯންގް ބުނެފިއެވެ.

ޑި ޖޯންގް ބުނިގޮތުގައި މެސީއަކީ ދުނިޔެ މިހާތަނަށް ދެކެފައިނުވާހާ މޮޅު ކުޅުންތެރިއެއް ކަމަށާއި، އޭނާ ހޯދާފައިވާ ކާމިޔާބީ ތަކާއި ހަދާފައިވާ ރެކޯޑް ތަކަށް ބަލާލުމުންވެސް އޭނާއާއި އެކީ ޓީމަށް ކާމިޔާބީތަކެއް ހޯދޭނެކަން ސާބިތުވާކަމަށްވެސް ޑި ޖޯންގް ވަނީ ބުނެފައެވެ.

މީގެ އިތުރުން ޑީ ޖޯންގް ބުނީ އަދިވެސް ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިއަކީ މެސީކަމަށާއި ޓީމުގެ އެހެންކުޅުންތެރިން މެސީގެ ކުޅުމުގެ ސްޓައިލަށް ހޭނި އޭނާގެ ސްޓައިލުގައި ކުޅެން މުޅި ޓީމުވެސް ދަސްކޮށްފި ނަމަ ޓީމަށް ކާމިޔާބީ ތަކެއް ހޯދިދާނެކަމަށެވެ.

ޑި ޖޯންގް މިހެން ބުނެފައިވާއިރު މިސީޒަނުގައި އަދި މިހާތަނަށް މެސީއަށް ކާމިޔާބުކުރެވިފައިވަނީ އެންމެ ގޯލެކެވެ. އެއީވެސް ލިބުނު ޕެނަލްޓީއެއްގައި އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މީގެ އިތުރުން މިސީޒަނުގައި އަދި މެސީ ތަނަވަސްކޮށްދިން ފުރުސަތަކުން ބާސާއަށް ކާމިޔާބުކުރެވިފައިވަނީވެސް ހަމަ އެންމެ ލަނޑެކެވެ.

މިސީޒަނުގައި މެސީގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިފައިނުވާއިރު އާޖެންޓީނާގެ ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިއާ ހުއާން ސެބާސްޓަން ވެރޯން ވަނީ މެސީ ބާސާއަށް މިހާރު ކުޅެނީ ހިތްހަމަ ޖެހިގެން ނޫންކަމަށް ބުނެފައެވެ.