ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ބީގައި ޖަރުމަނުގެ ބޮރޫޝިއާ މޮންޗެންގްލަޑްބަކާ ކުޅުނު މެޗުގެ ފަހު ވަގުތު ކާމިޔާބުކުރި ލަނޑުތަކުން ސްޕެއިންގެ ރެއާލް މެޑްރިޑް ބަލިނުވެ ސަލާމަތްވެއްޖެއެވެ.

ބޮރޫޝިއާ މޮންޗެންގްލަޑްބަކުގެ ބޮރޫޝިއާ ޕާކުގައި ކުޅުނު މި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައި، ގިނަ ހަމަލާތަކެއް ރެއާލުން އުފެއްދި ނަމަވެސް އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފެއެވެ. މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް މޮންޗެންގްލަޑްބަކެވެ. މި ލަނޑު މެޗުގެ 33 ވަނަ މިނެޓުގައި އަލެސޭން ޕްލީ ތަނަވަސްކޮށްދިން ހުސް ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ މާކަސް ތުރަމްއެވެ.

މެޗުގައި މޮންޗެންގްލަޑްބަކުން ޖެހި ދެ ވަނަ ލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ތުރަމްއެވެ. ދެވަނަ ހާފުގެ 58 ވަނަ މިނެޓުގައި އޭނާ ކާމިޔާބުކުރި މި ލަނޑަކީ އަލެސޭން ޕްލީ ފޮނުވާލި ހަމަލާއެއް ރެއާލްގެ ކީޕަރު ތިބޮއު ކޯޓުއާ ހުރަސްއެޅުމުން ރިބައުންސަށް އައި ބޯޅަ ގޯލުގެތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

ރެއާލަށް ފަރަގު ކުޑަކޮށްދިން ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ކަސެމީރޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ތަޖުރިބާކާރު ފޯވާޑް ކަރީމް ބެންޒީމާއެވެ. އަދި ރެއާލުން މެޗުގެ ނަތީޖާ ހަމަހަމަކުރި ލަނޑު ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޮސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކަސެމީރޯއެވެ.

މި ގްރޫޕުގައި ރޭ ކުޅުނު ދެވަނަ މެޗުގައި ޔޫކްރެއިންގެ ޝަކްތަރު ޑޮނެޓްސްކް އާއި އިޓަލީގެ އިންޓަ މިލާން ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މި ނަތީޖާތަކާއެކު ގްރޫޕް ބީގެ އެއްވަނަ ލިބެނީ ޝަހްތަރު ޑޮނެސްކް އަށެވެ. ދެވަނައިގައި މޮންޗެންގްލަޑްބަކް ދެ ޕޮއިންޓާއެކު އޮތްއިރު ތިންވަނައިގައި އިންޓަ މިލާންވެސް އޮތީ ދެ ޕޮއިންޓާއެކުގައެވެ. މޮންޗެންގްލަޑްބަކް އަށް ކުރިލިބެނީ ގޯލްގެ ތަފާތުންނެވެ. ފުލުގައި ރެއާލް އޮތީ އެންމެ ޕޮއިންޓަކާއެކު އެވެ.