ޗެމްޕިއަންސް ލީގުގައި ރޭ އިނގިރޭސި ވިލާތުގެ މެންޗަސްޓަ ސިޓީ އިން ފްރާންސްގެ މާސެއި އަތުން މޮޅުވެ ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.

މާސެއިގެ ދަނޑުގައި ކުޅުނު މިމެޗުން ސިޓީ މޮޅުވީ 0-3ގެ ނަތީޖާއަކުންނެވެ.

މެޗު ފެށިގެން ގިނަ ހަމަލާތައް އުފައްދަމުން އައި ސިޓީން މެޗުގައި ލަނޑެއް ޖަހާ ލީޑު ނެގީ ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައެވެ. ތަޖުރިބާކާރު މިޑްފީލްޑަރު ކެވިން ޑި ބްރޭނާގެ އެހީތެރިކަމާއިއެކު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭޒްއެވެ.

ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. މެޗުގައި އިތުރު ލަނޑެއް ޖަހާ ސިޓީން ލީޑު ފުޅާކުރީ ދެވަނަ ހާފުގެ ފަހުކޮޅުގައެވެ. މެޗުގެ 76 ވަނަ މިނެޓުގައި ރަހީމް ސްޓާލިންގް ބޮލުން ދިން ރީތި ޕާހަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނި ގުންޑަގޮންއެވެ.

އޭގެ ފަސް މިނެޓު ފަހުން ރަހީމް ސްޓާލިންގްވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 0-3 އަށް ބަދަލުކޮށްލާފައެވެ. މިއީ ޑި ބްރޭނާ މުޅިިން ހުސްކޮށްލާފައި ދިނުމުން ހުސްގޯލެއްގެ ތެރެއަށް ބޯޅަ ވައްދާލައިގެން ސްޓާލިންގް ކާމިޔާބުކުރި ލަނޑެކެވެ.

ގްރޫޕް ސީގައި ދެން ބައްދަލުކުރީ ޕޯޗުގަލްގެ އެފްސީ ޕޯޓޯއާއި ގްރީސްގެ އޮލިމްޕިއާކޯސްއެވެ. މިމެޗުގައި ޕޯޓޯއިން އޮލިމްޕިއާކޯސްގެ މައްޗަށް ކުރިހޯދީ 0-2ގެ ނަތީޖާއަކުންނެވެ. ޕޯޓޯގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އެޓީމުން ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ މެޗުގެ 11 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފެބިއޯ ވިއެއިރާއެވެ.

ޕޯޓޯގެ ދެވަނަ ލަނޑު މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް މޫސާ މަރެގާގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ ސާޖިއޯ އޮލިވެއިރާއެވެ.

ރޭގެ މޮޅާއެކު ކުޅުނު ދެ މެޗުން ހަ ޕޮއިންޓު ހޯދައިގެން ސިޓީ އޮތީ ގްރޫޕް ސީގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި ޕޯޓޯ އޮތީ ތިން ޕޮއިންޓާއެކު ގޯލްގެ ތަފާތުން ކުރި ހޯދައިގެންނެވެ. ތިންވަނައިގައި އޮލިމްޕިއާކޯސް ވެސް ތިން ޕޮއިންޓާއެކު އޮތްއިރު ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައި އޮތީ މާސޭއެވެ.