ޗެމްޕިއަންސް ލީގުގެ ގްރޫޕް ޑީގައި ޑެންމާކުގެ މިޖިލޭންޑާއި ދެކޮޅަށް ކުޅެ މޮޅުވިމެޗުގައި ޑިފެންޑަރަކަށް ކުޅެމުން އައި ބްރެޒިލްގެ ފަބީނިއޯއަށް އަނިޔާވެ ލިވަޕޫލަށް އިތުރު ހާސްކަމަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.

މިހާރުވެސް އެޓީމުގެ މުހިންމު ދެ ކުޅުންތެރިއަކު އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރިއިރު ފަބީނިއޯއަށް އަނިޔާވުމުން ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕްއަށް ވަނީ ޑިފެންސް ލައިން ބެލެހެއްޓުމަށް ކުޅުންތެރިއަކު ނެގުމަށް ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައެވެ.

ފަބީނިއޯއަށް އަނިޔާވެފައިވަނީ މެޗުގެ 28 ވަނަ މިނެޓުގައިއެވެ. ޑިފެންސިވް މިޑްފީލްޑަރެއްގެ ގޮތުގައި ކުޅެމުން އައި ފަބީނިއޯ ސީދާ ސެންޓަރ ބެކެއްގެ މަގާމަށް ލިވަޕޫލްގައި ކުޅެންފެށީ ޕްރިމިއަރ ލީގުގައި އެޓީމުން އެވަޓަން އާއި ދެކޮޅަށް ކުޅުނު މެޗުގައި އެޓީމުގެ އެންމެ އިތުބާރު ޑިފެންޑަރު ވާޖިލް ވެން ޑައިކަށް އަނިޔާވެ ދިގުމުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހުމުންނެވެ.

ބޮޑެތި ގޮންޖެހުންތަކާއި އެކު ލިވަޕޫލް އިން މިޖިލޭންޑުގެ މައްޗަށް ކުރިހޯދީ 0-2ގެ ނަތީޖާއަކުންނެވެ. މެޗުގައި ލިވަޕޫލަށް ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައެވެ. މި ލަނޑު ޓްރެންޓް އެލެކްސަންޑްރާ އާނޯލްޑްގެ އެހީތެރިކަމާއިއެކު ކާމިޔާބުކޮށްދިނީ ޑިއޯގޯ ޖޮޓާއެވެ.

މެޗުގައި ލިވަޕޫލުން ޖެހި ދެވަނަ ލަނޑަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އެޓީމުގެ އިތުބާރު ފޯވާޑް މުހަންމަދު ސަލާހަށް އޭރިއާ ތެރެއިން މިޖިލޭންޑްގެ ކުޅުންތެރިއަކު ކުރި ފައުލަކާއި ގުޅިގެން ލިބުން ޕެނަލްޓީއަކުން ސަލާހު ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި ގުރޫޕުގައި ދެން ކުޅުނީ އިޓަލީގެ އެޓަލަންޓާއާއި ނެދަލޭންޑްސްގެ އަޔެކްސްއެވެ. މިމެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މެޗުގައި އަޔެކްސްއިން ޖެހި ދެ ލަނޑުވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ.

އަޔެކްސްގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއެއްގައި ޑުސާން ޓަޑިޗް ކާމިޔާބުކޮށްދިންއިރު ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 38 ވަނަ މިނެޓުގައި ލަސީނާ ޓްރޮއާއޮއެވެ.

އެޓެލާންޓާއިން މެޗުގެ ނަތީޖާ ހަމަހަމަކުރަން ޖެހި ދެ ލަނޑުވެސް ފެނިގެންގޮސްފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ. ކައިރި ކައިރީގައި ޖެހި މި ދެލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޑުވާން ޒަޕަޓާއެވެ.

މި ނަތީޖާތަކާއިއެކު ގްރޫޕުގެ އެއްވަނައިގައި ކުޅުނު ދެ މެޗުން ހަ ޕޮއިންޓު ހޯދައިގެން ލިވަޕޫލް އޮތްއިރު ދެވަނައިގައި އެޓަލާންޓާ އޮތީ ހަތަރު ޕޮއިންޓާއެކުއެވެ. އަދި ތިންވަނައިގައި އަޔެކްސް އެއް ޕޮއިންޓާއެކު އޮތްއިރު ޕޮއިންޓެއް ނުލިބި ތާވަލްގެ ފުލުގައި އޮތީ މިޖިލޭންޑެވެ.