ހއ. އިހަވަންދޫ އަދި ނ. މަނަދޫ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމަށް އާރުކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

މި ދެ ރަށުގެ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމަށް އެކުންފުންޏާއި ހަވާލުކުރީ މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަހްމަދު އިބްރާހީމްއެވެ. އަދި އާރުކޭއެލް ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުޒައިމާ އާސިރުއެވެ. ހއ. އިހަވަންދޫ ދަނޑުގެ މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 2،321،105.71 (ދެ މިލިއަން ތިންލައްކަ އެކާވީސް ހާސް އެއްސަތޭކަ ފަސް) ރުފިޔާއަށެވެ.

ނ. މަނަދޫ ދަނޑުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 2،219،130.81 (ދެ މިލިއަން ދެލައްކަ ނަވާރަ ރުފިޔާ އެއްސަތޭކަ ތިރީސް) ރުފިޔާއަށެވެ. މި އެއްބަސްވުމާއެކު މަސައްކަތުގެ ސައިޓް ހަވާލުކުރާތާ 14 ދުވަހުގެ ތެރޭގައި މަސައްކަތް ފަށައި 50 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑު އެޅުން ހިމެނޭއިރު، ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފުޓްބޯޅަ ދަނޑުތައް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި މިހާތަނަށް ސަރުކާރުން ވަނީ ތ. ވިލުފުށީ ޓާފް ދަނޑާއި، ރ. އަލިފުށި ޓާފް ދަނޑާއި، ފ. ނިލަންދޫ ޓާފް ދަނޑާއި ނ. ކެނދިކުޅުދޫ ޓާދް ދަނޑުގެ އިތުރުން އެ އަތޮޅު ހޮޅުދޫ ޓާފް ދަނޑުގެ މަސައްކަތް ނިންމާލާފައެވެ.

ސަރުކާރުން ގިނަ މަޝްރޫއުތަކެއް ހިންގާއިރު ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމުން ދަނީ ރާއްޖޭގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ދިވެހި ޕްރިމިއަރ ލީގު މުޅި ރާއްޖެއަށް ފުޅާކުރުމަށް މަސައްކަތްކުރަމުންނެވެ.