އިނގިރޭސި ކުލަބް މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ޤައުމީ ފޯވާޑް ސާޖިއޯ އަގުއޭރޯއަށް ދެވަނަ ފަހަރަށް އަނިޔާވެ ކުޅުމާއި ދުރަށްދާން ޖެހިއްޖެއެވެ.

އެންމެ ފުރަތަމަ އަގުއޭރޯގެ ކަކުލަށް އަނިޔާވީ މި އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ. އެ ފަަހަރު އަގުއޭރޯގެ ކަކުލަށް ލިބުނު އަނިޔާއަށް އިތުރު ފަރުވާ ހޯދަން އޭނާ ވަނީ ސްޕެއިންގެ ބާސެލޯނާއަށް ގޮސް ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައެވެ. އޭނާއަށް އަނިޔާވެގެން ކުޅުމާއި ދުރުގައި ހަތަރު މަސްދުވަސް ވަންދެން ހުރުމަށްފަހު އެނބުރި ކުޅުމުގެ ތެރެއަށް އައީ މިމަހުގެ 17 ގައެވެ.

ސިޓީގެ އެންމެ ކާމިޔާބު ކުޅުންތެރިންތަކުގެ ތެރޭގައި ހިމެނޭ އަގުއެރޯއަށް ދެވަނަ ފަހަރަށް އަނިޔާވީ މިދިޔަ ހޮނިހިރު ދުވަހު ވެސްޓް ހޭމް ޔުނައިޓެޑާ 1-1 ން ސިޓީ އެއްވަރުވި މެޗުގައެވެ. އެ މެޗުގައި އަގުއެރޯގެ ފަލަމަސްގަނޑަށް ވަނީ އަނިޔާވެފައެވެ. އެއާއެކު މެޗުތެރެއިން އޭނާ ބަދަލުކުރިއެވެ.

މިކަމާއި ގުޅިގެން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއީ ޗެމްޕިއަންސް ލީގުގައި ސިޓީ ކުޅޭ މެޗުތަކުން ކުރިޔަށްއޮތް ތަނުގައި އަގުއެރޯ ނުފެންނާނެތީ އެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ރަށުން ބޭރުގައި އޮލިމްޕިކް މާސޭ އަތުން 3-0 ން ސިޓީ މޮޅުވި މެޗުގައި އަގުއޭރޯ ކުޅެފައެއް ނުވެއެވެ.

މި އަނިޔާވުމާއެކު ޕްރިމިއަރ ލީގުގައި ކުޅޭ މުހިއްމު މެޗުތަކުގައި އަގުއެރޯއަށް ނުކުޅެވޭނެކަން ބެލެވެއެވެ. ނަމަވެސް ސިޓީގެ ޑޮކްޓަރުންގެ ޓީމުން ދަނީ އަގުއެރޯގެ އަނިޔާގެ ތަފްސީލު ބަލަމުންނެވެ. އަދި އެނބުރި ކުޅުމުގެ ތެރެއަށް އަންނާނެ ތާރީޚެއް ކަށަވަރުވާނީ މި ބެލުންތަކަށްފަހު އެވެ.

ޕްރިމިއާ ލީގުގައި ސިޓީން ދެން މެޗެއް ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ޝެފީލްޑް ޔުނައިޓެޑާއި ދެކޮޅަށެވެ.