ވިނިޝަސް ޖޫނިއާއަށް އެއްވެސް ކުޅުންތެރިއަކު ބޯޅަ ޕާސްކުރަން ނުޖެހޭނެ ކަމަށާއި އޭނާ ކުޅެނީ ރެއާލް މެޑްރިޑާއި ދެކޮޅަށް ކަމަށް ބުނެ އެ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ ކަރިމް ބެންޒެމާ އެ ޓީމުގެ ބްރެޒިލްގެ ޒުވާން ކުޅުންތެރިޔާ ވިނިޝަސް ޖޫނިއާއަށް ބަހުގެ ހަމަލާތަކެއް ދީފިއެވެ.

ބޮރޫޝިއާ މޮންޗެންގްލަޑްބަކުގެ ބޮރޫޝިއާ ޕާކުގައި 2-2 އިން ރެއާލް އެއްވަރުވި މެޗަށްފަހު ބެންޒެމާ މިހެން ބުނީ ހާފްޓައިމުގައި ދެ ޓީމުގެ ކުޅުންތެރިންވެސް ފައިބަމުން ދިޔަ ވަގުތުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބެންޒެމާ މި ވާހަކަ ދެއްކީ ވިނިޝަސްއަށް އަޑުއިވޭ ގޮތަށް އެ ޓީމުގެ ކުޅުންތެރިޔާ މެންޑީ ގާތުގައެވެ. މި މެޗުގައި ވިނިޝަސްގެ ފަރާތުން މާ އެދެވޭ ކުޅުމެއް ނުދެެއްކޭއިރު ބެންޒެމާ މި އަމާޒުކުރި ބަސްތަކުން ގިނަބަޔަކު ދަނީ އޭނާއަށް ފާޑުކިޔަމުންނެވެ. އަދި މިއީ ސީނިއާ ކުޅުންތެރިއެއްގެ ބަސްމަގު ހުންނަންޖެހޭ ގޮތް ނޫންކަމަށްވެސް ގިނަ ބަޔަކު ބުނެއެވެ.

ދެ ގޯލުގެ ލީޑަކާއެކު ބޮރޫޝިއާ އޮއްވާ ރެއާލަށް ފަރަގު ކުޑަކޮށްދިން ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ކަސެމީރޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ތަޖުރިބާކާރު ފޯވާޑް ކަރީމް ބެންޒެމާއެވެ. އަދި ރެއާލުން މެޗުގެ ނަތީޖާ ހަމަހަމަކުރި ލަނޑު ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޮސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކަސެމީރޯއެވެ.

މި ނަތީޖާތަކާއެކު ގްރޫޕް ބީގެ އެއްވަނަ ލިބެނީ ޝަހްތަރު ޑޮނެސްކް އަށެވެ. ދެވަނައިގައި މޮންޗެންގްލަޑްބަކް ދެ ޕޮއިންޓާއެކު އޮތްއިރު ތިންވަނައިގައި އިންޓަ މިލާންވެސް އޮތީ ދެ ޕޮއިންޓާއެކުގައެވެ. މޮންޗެންގްލަޑްބަކް އަށް ކުރިލިބެނީ ގޯލްގެ ތަފާތުންނެވެ. ފުލުގައި ރެއާލް އޮތީ އެންމެ ޕޮއިންޓަކާއެކު އެވެ.