ޒުވާން ފޯވާޑް މާކަސް ރަޝްފޯޑުގެ ހެޓްރިކަކާއި އެކު ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އެޗްގައި ޖަރުމަނުގެ އާރް.ބީ ލިޕްޒިގްގެ މައްޗަށް 5-0 އިން ޔުނައިޓެޑުން ކުރިހޯދައިފިއެވެ.

ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މިމެޗުގައި އެޓީމުގެ ފުރަތަމަ ގޯލު ޖަހާފައިވަނީ ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައެވެ. ލިޕްޒިގު ޑިފެންޑަރުން ކައިރިން ވަރަށް ރީތިކޮށް ނައްޓާލުމަށްފަހު ޕޮގްބާ ދިން ރީތި ތްރޫ ޕާހެއްގައި ޔުނައިޓެޑުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މޭސަން ގްރީންވުޑެވެ. ރަނގަޅު ކުޅުމެއް ދެޓީމުގެ ފަރާތުން ފެނިގެންދިޔަ ނަމަވެސް މިހާފުގައި އިތުރު ލަނޑެއް ފެނިގެންގޮސްފައެއް ނުވެއެވެ.

ދެވަނަ ހާފު ފަށައިގެން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 64 ވަނަ މިނެޓުގައި ލިޕްޒިގްގެ ފަރާތުން ވަނީ ނުރައްކާތެރި ހަމަލާއެއް ފެނިގެންގޮސްފައެވެ. ޔޫސުފް ޕޮއުލްސަން ދިން ޕާހެއް އިބްރާހިމާ ކޮނާޓޭ ބޮލުން ގޯލާއިދިމާލަށް ބާރު ހަމަލާއެއް ފޮނުވާލިނަމަވެސް ޔުނައިޓެޑުގެ އިތުބާރު ކީޕަރު ވަނީ ބޯޅަ ދިފާއުކޮށްފައެވެ.

ޔުނައިޓެޑުގެ ދެވަނަ ލަނޑު ކައުންޓަރ އެޓޭކެއްގައި ބްރޫނޯ ފެރްނާންޑޭޒް ތަނަވަސްކޮށްދިން ހުސް ފުރުސަތެއް ގޯލްގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ރަޝްފޯޑުއެވެ. ޔުނައިޓެޑުގެ ތިންވަނަ ލަނޑަކީވެސް ލިޕްޒިގްގެ ޑިފެންޑަރުން ކައިރިން ވަރަށް ރީތިކޮށް ނައްޓާލުމަށްފަހު ރަޝްފޯޑް ކާމިޔާބުކުރި ލަނޑެކެވެ.

އެޓީމުން މެޗުގައި ޖެހި ހަތަރުވަނަ ލަނޑަކީ ލިބުނު ޕެނަލްޓީއެއްގައި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓައް ވެފައިވަނިކޮށް އެންތޮނީ މާޝިއަލް ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި ޔުނައިޓެޑުގެ ފަހު ލަނޑު ޖަހާ ރަޝްފޯޑު އޭނާގެ ހެޓްރިކް ފުރިހަމަކުރީ އިތުރުވަގުތުގެ ދެވަނަ މިނެޓުގައެވެ.

މިއާއެކު ރަޝްފޯޑް ވެގެންގޮސްފައިވަނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއަރާ ޔުނައިޓެޑުގައި ހެޓްރިކް ހެދި ދެވަނަ ކުޅުންތެރިއާ އާށެވެ. މީގެ ކުރިން މިލަގަބު އޮތް ހަމަ އެކަނި ކުޅުންތެރިއަކީ މިހާރު އެޓީމުގެ ކޯޗުކަމުގެ މަގާމުގައި ހުރި އޮލެގޮނަ ސޯލްޝެއާއެވެ. އޭނާ ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ހެޓްރިކް ހަދާފައިވަނީ 1999 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޔުނައިޓެޑުން ނޮޓިންގްހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

މި ގްރޫޕުގައި ދެން ކުޅުނީ ފްރާންސްގެ ޕީއެސްޖީއާއި ތުރުކީގެ އިސްތާންބުލް ބަސަކްސަހިރެވެ. މިމެޗު ޕީއެސްޖީ ކާމިޔާބުކުރީ 0-2ގެ ނަތީޖާއަކުންނެވެ.

ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ޕީއެސްޖީގެ ދެ ލަނޑުވެސް އެޓީމުން ކާމިޔާބުކޮށްފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ. ދެޓީމުގެ ފަރާތުންވެސް ރަނގަޅު ހަމަލާތަކެއް ފެނިގެންދިޔަ މިމެޗުގައި ޕީއެސްޖީގެ ކީޕަރު ނަވާސް ވަނީ ނުރައްކާތެރި ހަމަލާތަކެއް ދިފާއުކޮށް މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ޕީއެސްޖީގެ ދެލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ލޯން އެއްބަސްވުމެއްގެ ދަށުން އެވަޓަނުން އެޓީމަށް ބަދަލުވި އިޓަލީގެ ޒުވާން ފޯވާޑް މޮއިސް ކީންއެވެ. އޭނާގެ ފުރަތަމަ ލަނޑަކީ މެޗުގެ 63 ވަނަ މިނެޓުގައި އެމްބާޕޭ ނަގައިދިން ކޯނަރެއް މުޅިން ހުސްކޮށް ހުރެ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްދިން ލަނޑެކެވެ.

ދެވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދިހަ މިނެޓަށް ވެފައިވަނިކޮށް ޕަބްލޯ ސަރާބިއާ އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅަ އެމްބާޕޭ ފައިގައި ޖެހިފައި އައުމުން ވަރަށް ރީތިކޮށް ގޯލްގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މި ނަތީޖާތަކާއިއެކު ކުޅުނު ދެމެޗުންވެސް މޮޅުވެ ތާވަލްގެ އެއްވަނައިގައި އޮތީ ޔުނައިޓެޑެވެ. ދެވަނައިގައި ޕީއެސްޖީ އޮތީ ގޯލްގެ ތަފާތުން ތިންވަނައިގައި އޮތް ލިޕްޒިގުގެ މައްޗަށް ކުރިހޯދައިގެންނެވެ. ޕޮއިންޓެއް ނުލިބި ތާވަލްގެ ފުލުގައި އޮތީ އިސްތާންބުލް ބަސަކްސަހިރެވެ.