ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިޓަލީގެ ޔުވެންޓަސް އަތުން ހޯދި މޮޅާއެކު ސްޕެއިންގެ ބާސެލޯނާއިން ގްރޫޕް ޖީގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ

ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މިމެޗުން ބާސާ މޮޅުވީ 0-2 ގެ ނަތީޖާއަކުންނެވެ.

ދެޓީމުންވެސް ރަނގަޅު ހަމަލާތަކެއް އުފެއްދި މި މެޗުގައި ޔުވެންޓަސްގެ ފޯވާޑް މޮރާޓާ ވަނީ އޮފްސައިޑް ތިން ލަނޑު ޖަހާފައެވެ. މެޗުގެ ވަރަށް ކުރީކޮޅު ބާސާއިން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ.

ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި އޭރިއާ ބޭރުން ބާސާގެ އުންމީދީ ފޯވާޑް އުސްމާން ޑެމްބެލޭ ފޮނުވާލި ބާރުހަމަލާއެއް ޔުވެންޓަސްގެ ޑިފެންޑަރެއްގެ ފައިގައި ޖެހި މިސްރާބު ބަދަލުވެ ބޯޅަ ގޮސްވަނީ ގޯލުގެ ތެރެއަށެވެ.

މެޗު ނިމެން ފަސްމިނެޓަށް ވެފައިވަނިކޮށް ޔުވެންޓަސްގެ މެރިހް ޑެމްރިއަލްއަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑަކާއިއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ.

ބާސާއިން ކާމިޔާބުކުރި ދެވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތުގެ ފަހު މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ކާމިޔާބުކޮށްދިން ލަނޑެވެ. މިއީ މި ސީޒަނުގައި މެސީ އެޓީމަށް ކާމިޔާބުކޮށްދިން ދެވަނަ ލަނޑެވެ. މެސީގެ ފުރަތަމަ ލަނޑަކީވެސް ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

ގްރޫޕް ޖީގައި ރޭ ޔޫކްރެއިންގެ ޑިނެމޯ ކިޔޭވް އާއި ހަންގޭރީގެ ފެރެންކަވަރޯސް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

މެޗުގައި ޑިނަމޯ ކިޔޭވް އިން ކާމިޔާބުކުރި ދެ ލަނޑަކީވެސް މެޗުގެ ފުރަތަމަ ހާފުގައި އެޓީމުން ކާމިޔާބުކުރި ދެލަނޑެވެ. އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 28 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ވިކްޓަރ ކާމިޔާބުކޮށްދިން އިރު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައިވަނިކޮށް ކާލޮސް ޑީ ޕެންޔާ ވަނީ އިތުރު ލަނޑެއް ޖަހާ އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ.

ދެވަނަ ހާފުގައި މޮޅަށް ކުޅެމުންދިޔަ ފެރެންކަވަރޯސްއިން އެޓީމުގެ ފުރަތަމަ ލަނޑު ޖަހާ ފަރަގު ކުޑަކުރީ މެޗުގެ 59 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެންގުއެންއެވެ. އަދި އެޓީމުން މެޗުގެ ނަތީޖާ ހަމަހަމަކުރި ލަނޑު ފުރިހަމަ ވަގުތުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ ފްރޭންކް ބޮލީއެވެ.

މި ނަތީޖާތަކާއިއެކު މިގްރޫޕުގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި އޮތީ ބާސެލޯނާ އޮތީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި ޔުވެންޓަސް އޮތް އިރު ޑިނެމޯ ކިޔެވް އަށް ތިންވަނަ ލިބެނީ ހަތަރުވަނައިގައި އޮތް ފެރެންކަވަރޯސްގެ މައްޗަށް ފައިދާ ގޯލުން ކުރިހޯދައިގެނެވެ.