ޗެމްޕިއަންސް ލީގުގައި ރަޝިއާގެ ކްރަސްނަޑާރް ބަލިކޮށް އިނގިރޭސި ކުލަބް ޗެލްސީން އެޓީމު ކުޅުނު އެންމެ ފަހުން ކުޅުނު ތިން މެޗަށްފަހު ފުރަތަމަ މޮޅު ހޯދައިފިއެވެ.

މިސީޒަނުގައި ޕްރިމިއަރ ލީގުގައި އެންމެ ފަހުން އެޓީމުން ކުޅުނު ދެމެޗުންވެސް އެއްވަރުވެފައިވާއިރު މިދިޔަ ހަފްތާގައި އެޓީމުން ޗެމްޕިއަންސް ލީގުގައި ސެވިއްޔާއާއި ދެކޮޅަށް ކުޅުނު މެޗުވެސް ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.

އެންމެ ފަހުން އެޓީމު މޮޅުވެފައިވަނީ މިމަހުގެ ތިންވަނަ ދުވަހު ކްރިސްޓަލް ޕެލަސްއާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. އަދި މި ސީޒަން ފެށުނުފަހުން އެޓީމަށް ހޯދިފައިވަނީ ޖުމްލަ ތިން މޮޅެވެ.

ކްރަސްނަޑާރްގެ މައްޗަށް ޗެލްސީ ކުރިހޯދީ 4-0 ގެ ނަތީޖާއަކުންނެވެ. މިއީ 2017 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގައި އެފް.ކޭ ގަރަބާގް އަތުން ހޯދި މޮޅަށްފަހު މިހާތަނަށް މި މުބާރާތުގައި ޗެލްސީއިން މިހާ ފަރަގުބޮޑު ނަތީޖާއަކުން މޮޅުވި ފުރަތަމަ ފަހަރެވެ.

މެޗުގައި މޮޅަށް ކުޅެ ޑޮމިނޭޓުކުރަމުން ދިޔަ ޗެލްސީއަށް މެޗުގެ 14 ވަނަ މިނެޓުގައި ޕެނަލްޓީއެއް ލިބިވަނީ ބޭކާރުވެފައެވެ. ޖޯޖީނިއޯ ފޮނުވާލި ޕެނަލްޓީ ގޯލްގެ ދަނޑީގައި ޖެހިފައި ކްރަސްނަޑާރްގެ ގޯލްކީޕަރުގެ ގައިގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައި ނަމަވެސް ދެވަނަ ފަހަރަށް ލިބުނު ފުރުސަތުގެ ބޭނުން ޗެލްސީއަށް ހިފޭގޮތެއް ނުވެއެވެ.

މެޗުގައި ޗެލްސީން ޖެހި ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ހަޑްސަން އޮޑޯއިއެވެ. މިއީ ކައި ހަވާޓްސްގެ އެހީތެރިކަމާއިއެކު އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

ޗެލްސީގެ ދެވަނަ ލަނޑަކީ ދެވަނަ ހާފުގެ 75 ވަނަ މިނެޓުގައި ޗެލްސީގެ ޕުލިސިޗް އޭރިއާތެރެއިން ފޮނުވާލި ހަމަލާ ކްރަސްނަޑާރްގެ އެލެކްސަންޑްރާ މާޓިނޮވިޗްގެ އަތުގައި ޖެހުމުން ލިބުނު ޕެނަލްޓީއެއްގައި ޓިމޯ ވާނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ޗެލްސީގެ ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިސީޒަނުގައި އެޓީމާއި ގުޅުނު ހަކީމް ޒިޔެޗްއެވެ. މިއީ އޭނާ ޗެލްސީއަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. އަދި 90 މިނެޓު އެއްކޮށް އޭނާ ޗެލްސީއަށް ކުޅެދިން ފުރަތަމަ މެޗުވެސް މެއެވެ.

މެޗުގައި ޗެލްސީން ޖެހި ފަހު ލަނޑު މެޗުގެ ފުރިހަމަ ވަގުތުގެ އެންމެ ފަހު މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މޮޅު ކުޅުމެއް ދެއްކި ކްރިސްޓިއަން ޕުލިސިޗެވެ.

މި ގުރޫޕުގައި ދެން ކުޅުނީ ސްޕެއިންގެ ސެވިއްޔާ އާއި ފްރާންސްގެ ރެނެސްއެވެ. މިމެޗުން ސެވިއްޔާ މޮޅުވީ އާދައިގެ 0-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ސެވިއްޔާއަށް ކާމިޔާބުކޮށްދިނީ މެޗުގެ 56 ވަނަ މިނެޓުގައި ލޫކް ޑިޖޯންގެވެ.

ގްރޫޕް އީގެ އެއްވަނައިގައި ޗެލްސީ އޮތީ ހަަތަރު ޕޮއިންޓާއެކުއެވެ. ޕޮއިންޓުގެ ގޮތުން އެއްވަރުވިނަމަވެސް ސެވިއާއަށް ދެވަނަ ލިވެނީ ގޯލްގެ ތަފާތުންނެވެ. ތިންވަނައިގައި ރެނެސް އޮތްއިރު ހަތަރުވަނައިގައި ކްރަސްނަޑާރް އޮތީ ބައިކޮޅަށް ވަތް 5 ލަނޑާއި އެކުގައެވެ.