ދުނިޔޭގެ ނަން މަޝްހޫރު ޓެނިސް އެކަޑަމީއެއް ކަމަށްވާ "ޓިޕްސަރެވިކް ލަގްޒަރީ ޓެނިސް" އިން ރާއްޖޭގެ ވައްކަރު މޯލްޑިވްސް ރިސޯޓްގައި ޓެނިސް ކްލާސްތަކެއް ފަށަން ތައްޔާރުވަމުންދާ ކަމަށް ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ބ.އަތޮޅުގައި އޮންނަ ވައްކަރު ރިސޯޓާއި ޓިޕްސަރެވިކް އިން މިހާރު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. ވައްކަރުގައި ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންނަށް ޓިޕްސަރެވިކް އިން ޓެނިހުގެ ތަފާތު މައުލޫމާތުތައް ފޯރުކޮށްދީ ޓެނިސްގެ ޓްރޭނިންތައް މިއެއްބަސްވުމުގެ ދަށުން ލިބެމުން ދާނެއެވެ.

ވައްކަރުގައި މިހާރު ވެސް ރަނގަޅު ފެންވަރުގެ ދެ ޓެނިސް ކޯޓު އެބައޮތެވެ.

ޓިޕްސަރެވިކް ލަގްޒަރީ ޓެނިސް އަކީ ދުނިޔޭގެ ޓެނިސް ރޭންކިންގައި އަށްވަނަ މަގާމު ހޯދި ސާބިއާގެ ޓެނިސް ކުޅުންތެރިއެއް ކަމަށްވާ ޖަންކޯ ޓިޕްސަރެވިކްގެ ކުންފުންޏެކެވެ. ވައްކަރު އާއި އެކު ޖަންކޯގެ ކުންފުނިން ހެދި އެއްބަސްވުމާއި ގުޅިގެން ދުނިޔޭގެ އެންމެ ފާހަގަ ކޮށްލެވޭ ޓެނިސް ކުޅުންތެރިން ވައްކަރު އަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ވެސް ތަނަވަސް ވެގެން ދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

"އެހެންކަމުން މިއެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ އެންމެ މަޝްހޫރު އެންމެ ވަރުގަދަ ޓެނިސް ކުޅުންތެރިންނާއި އެކު ޓެނިސް ޓްރޭނިންތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ރިސޯޓްގައި ޗުއްޓީ ހޭދަކުރަންދާ ފަތުރުވެރިންނަށް ވެސް ލިބިގެން ދާނެ." ޓިޕްސަރެވިކް އިން ބުންޏެވެ.

ވައްކަރު ރިސޯޓް އާއި އެކު ޓިޕްސަރެވިކް އިން ކުރިއަށް ގެންދާ ޕްރޮގްރާމް ފެށުމުގެ ގޮތުން ޖަންކޯ ޓިޕްސަރެވިކް ނޮވެމްބަރ މަހުގެ 10 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ހާއްސަ ތަމްރީންތަކެއް ކުރިއަށް ގެންދާނެއެވެ. އޭނާ އާއިއެކު ޖަރުމަންވިލާތުގެ ކުރީގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ރެއިނާ ޝަލްޓާ ވެސް ބައިވެރިވާނެއެވެ. ރެއިނާ އަކީ ޓެނިސް ރޭންކިންގެ 05 ވަނަ މަގާމު ކުރިން ފުރި ކުޅުންތެރިއެކެވެ.

މީގެ އިތުރުން މިހާރު ދުނިޔޭގެ ރޭންކިންގެ 12 ވަނައިގައި އޮތް ކެނެޑާގެ ޑެނިސް ޝަރަފޯވާ އާއި ޑަންކާ ކޮވިނިކް ވެސް ނޮވެމްބަރ މަހު ވައްކަރުގައި ކްލާސްތައް ނަގައި ދޭނެއެވެ.

ވައްކަރު ރިސޯޓާއި ޓިޕްސަރެވިކްގެ އެއްބަސްވުމުގެ ދަށުން ފިޒިކަލް ޓްރޭނިންތަކުގެ އިތުރުން މެންޓަލް ޓްރޭނިންތައް ވެސް ފަތުރުވެރިންނަށް ދޭނެ ކަމަށް ޓިޕްސަރެވިކް އިން މީޑިއާ އަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒިމްޒިމް

    އަހަރެން ކުޑައިރު އެންމެ ކުޅޭހިތްވި ކުޅިވަރަކީ ޓެނިސް.. އެކަމް ސްކޫލްނިމި މުސްކުޅިވިއިރުވެސް ޓެނިސް ކުޅެލާނެ ކޯޓެއްނެތް. އޭރުހިތުގައި އޮވޭ ރާއްޖޭގެ އެންމެމޮޅު ޓެނިސްކުޅުންތެރިއަކަށްވާނީ އަހަންނޭ.. މާލެ އައިސް އެމްއީއެސްގައި ކިޔެވިއިރު ދިޔައިން ޓެނިސްކުޅޭތަން ފެނިގެން ސަރުކާރު މުވައްޒަފުންގެނާދީއަށް. އެތާ ކުޅެންތިބި މީހުންކައިރީ އަހަރެންނަށްވެސް މިތަނަށް އައިސް ކުޅެވިދާނެތޯ އެހީމަ ބުނީ ކޮއްކޯއޭ މިއީ ސަރުކާރު މުވައްޒަފުންނަށް އެކަނި ވަދެ ކުޅެވޭނެތަނެކޭ.. އެދުވަހު އަހަންނަށް ހަމަ ރަގަޅަށްވެސްރޮވުނު.. އޭރު އަހަރެންގެ އުމުރުން އެންމެ 13 އަހަރު..