ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއަކީ ފުޓުބޯޅައިގެ މައިދާނުގެ ހެރީ ޕޮޓާ ކަމަށް އިޓަލީ ޤައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ކްރިސްޓިއަން ވިއެރީ ބުނެފިއެވެ.

މެސީއަށް ތައުރީފުކޮށް ވިއެރީ މި ވާހަކަދައްކާފައިވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާއިން އިޓަލީގެ ގަދަބާރު ޔުވެންޓަސް 2-0 ގެ ނަތީޖާއަކުން ބަލިކުރި މެޗަށްފަހު ވާހަކަދައްކަމުންނެވެ.

އެ މެޗުގައި ބާސެލޯނާ ޖެހި ދެ ގޯލުގައިވެސް މެސީގެ ދައުރު ބޮޑެވެ. އެގޮތުން ފުރަތަމަ ގޯލު އުސްމާން ޑެމްބެލޭ ޖެހީ މެސީ ދިން ހިތްގައިމު ބޯޅައަކުންނެވެ. އަދި ދެވަނަ ގޯލު މެސީ ކާމިޔާބުކޮށްފައިވަނީ ލިބުނު ޕެނަލްޓީއަކުންނެވެ.

ސީބީއެސް ސްޕޯޓްސްއާއި ވާހަކަދައްކަމުން ވިއެރާ ބުނީ މި މެޗުގައި ބާސާއިން ބޭނުންނަމަ ހަ ގޯލު ނުވަތަ ހަތް ގޯލުވެސް ޖެހިދާނެ ކަމަށާއި އެހާވެސް މި މެޗުގައި ބާސެލޯނާ މޮޅުކަމަށެވެ.

"މެސީއަކީ ޖާދޫގަރެއް، އެއީ ފުޓުބޯޅައިގެ ހެރީ ޕޮޓާ، އޭނަ ކުޅުން ހުއްޓާލައިފިނަމަ އަހަރެންގެ ޓީވީ އެއްލާލާނަން، އަދި ދުވަހަކުވެސް ޓީވީ ނުބަލާނަން، ދެން އަހަރެން ބަލަން ފަށާނީ ނެޓްފްލިކްސް، އެއީ މެސީ ކުޅުން ހުއްޓާލައިފިނަމަ އަހަރެން ކުރާނެ އިތުރު ކަމެއް ނުހުންނާނެ" ވިއެރާ ބުންޏެވެ.

މި މެޗުގައި މެސީގެ މޮޅު ކުޅުމާއެކު ޔުވެންޓަސްއަށް އެޓީމުގެ އަސްލު ކުޅުން ކުޅެވޭގޮތެއް ނުވެއެވެ. އަދި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީވެސް ބާސެލޯނާއެވެ. ވިއެރީ ބުނީ މި މެޗުގައި ބާސާގެ ފަރާތުން ފެނުނީ އުއްމީދުކުރި ވަރަށް ވުރެވެސް މޮޅު ކުޅުމެއް ކަމަށާއި އެއީ އެހެން ލެވެލްއެއްގެ ފުޓުބޯޅަ ކުޅޭ ޓީމެއް ކަމަށެވެ. އަދި މިިފަދަ މެޗެއް ބެލުމުގެ ފުރުސަތު ސަޕޯޓަރުންނަށް ނެތުމަކީ ދެރައެއް ކަމަށާއި މިއީ ކޮންމެ ފުޓުބޯޅަ ސަޕޯޓަރަކުވެސް ބަލަން ކަމުދާ މެޗެއް ކަމަށެވެ.

"އަހަންނަކަށް ނޭނގެ އެމީހުން (ބާސެލޯނާ) ރެއާލް މެޑްރިޑް އަތުން ބަލިވި ގޮތެއް، އެކަމަކު ޔުވެންޓަސް މެޗު ބަލާފަ އަހަންނަށް އެނގިއްޖެ އެމީހުން ބަލިކުރެވޭ ފެންވަރުގެ އެހެން ޓީމެއް މިހާރު ނެތްކަން، ބާސާ ބަލިކުރުމަކީ ނުކުރެވޭނެ ކަމެއް" ބާސާގެ ކުޅުމަށް ތައުރީފުކޮށް ވިއެރާ ބުންޏެވެ.

މިއީ ބާސެލޯނާގެ ރައީސްކަމުން ބާޓެމޮއު އިސްތިއުފާދިން ފަހުން އެޓީމުން ކުޅުނު ފުރަތަމަ މެޗެވެ. ލަލީގާގެ ތާވަލުގެ 12 ވަނައިގައި އޮތް ބާސެލޯނާ ދެން މެޗެއް ކުޅޭނީ އަންނަ ހޮނިހިރު ދުވަހު އަލަވޭސް އާއި ދެކޮޅަށެވެ.