ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު މިއަހަރުގެ އޭއެފްސީ ކަޕް ފުޓުބޯޅަ މުބާރާތް ކެންސަލްކުރުމާއި ގުޅިގެން ކުލަބުތަކަށް ލިބުނު ގެއްލުމުގެ ބަދަލުދެވެން ނެތްކަމަށް އޭޝިއާގެ ފުޓުބޯޅައިގެ މައި އިދާރާ އޭއެފްސީން ބުނެފިއެވެ.

އޭއެފްސީ ކަޕުގެ ވަކި ހިސާބަކުން މުބާރާތުގެ ކުޅުން މެދުކަނޑާލިއެވެ. އެގޮތުން މާރޗް މަހު މުބާރާތް މެދުކަނޑާލުމަށްފަހު މިއަހަރުގެ އޮކްޓޯބަރު މަހު ސެންޓްރަލައިޒް ކޮށްގެން މުބާރާތް ބާއްވަން މަސައްކަތްކުރިއެވެ. ނަމަވެސް މުބާރާތް ފެށެން މަހަކަށް ގާތްވެފައިވަނިކޮށް އޭއެފްސީން ވަނީ މުބާރާތް ކެންސަލްކޮށްފައެވެ.

ކެންސަލްކުރިއިރު މުބާރާތަށް ގިނަ ކުލަބުތަކުން ވަނީ ބޮޑެތި ހަރަދުތަކެއް ކޮށްފައެވެ. އެގޮތުން ބިދޭސީ ކުޅުންތެރިން ހޯދުމާއި އިދާރީގޮތުން ގިނަ ހަރަދުތަކެއް ކުލަބުތަކުން ކުރިއެވެ. މީގެތެރޭގައި ރާއްޖޭގެ ދެ ކުލަބު ކަމަށްވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ޓީސީ ސްޕޯޓްސް ކުލަބުވެސް ހިމެނެއެވެ. މި ދެ ކުލަބަށްވެސް ވަނީ މިލިއަނުން ގެއްލުންވެފައެވެ.

އޭއެފްސީން މުބާރާތް ކެންސަލްކުރީ ސެންޓްރަލައިޒްކޮށް ހޯސްޓުކުރާނެ ޤައުމުތައް ނުލިބުމާއި ގުޅިގެންނެވެ. ނަމަވެސް ރާއްޖެ ހިމެނޭ ސަރަހައްދުގެ ގްރޫޕުގެ މެޗުތައް ކުޅެން ރާއްޖެ ވަނީ ބިޑު ކާމިޔާބުކޮށްފައެވެ. ނަމަވެސް އެހެން ސަރަހައްދުތަކުން މުބާރާތް ބާއްވަން އެއްވެސް ޤަައުމެއް ޝައުގުވެރިކަން ފާޅުކޮށްފައެއް ނުވެއެވެ.

މުބާރާތް ކެންސަލްކުރުމުގެ ސަބަބުން ބަދަލު ހޯދުމަށް މިހާތަނަށް ސިޓީ ފޮނުވީ ރާއްޖޭގެ ދެ ކުލަބު ކަމަށްވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ޓީސީ ސްޕޯޓްސް ކުލަބުގެ އިތުރުން ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އެވެ. ނަމަވެސް އޭއެފްސީން ވަނީ ބަދަލު ނުދޭން ނިންމާފައެވެ.