އިންގްލެންޑުން ކާމިޔާބުކުރި ހަމައެކަނި ފީފާ ވޯލް ކަޕްގެ ތަށި 1966 ވަނަ އަހަރުގައި އުފުލާލި ފުޓުބޯޅައިގެ ލެޖެންޑް ނޮބާޓް ޕީޓާ ސްޓައިލްސް (ނޮބީ ސްޓައިލްސް) މަރުވެއްޖެއެވެ.

އަލްޒެއިމާސް އަދި ކެންސަރު ބައްޔަށްވެސް ފަރުވާ ކުރަމުންދިޔަ ނޮބީ މަރުވެފައިވަނީ އުމުރުން 78 އަހަރުގައެވެ. ނޮބީ މަރުވުމުން އިނގިރޭސިވިލާތަށް ތަށި ހޯދައިދިން "ގޯލްޑަން ޓީމް" ގެ ކުޅުންތެރިންގެ ތެރެއިން ދުނިޔޭގައި ބާކީ ތިބީ އެންމެ 4 ކުޅުންތެރިންނެވެ. އެއީ ފޯވަޑް ސަރ ރޮބަޓް ޗާލްސްއާއި ޑިފެންޑަރު ޖޯޖް ކޯހެން އަދި ފޯވާޑް ސަރ ޖޮފްރީ ހަރސްޓް ޗާލްސްގެ އިތުރުން ފޯވާޑް ރޮޖަރ ހަންޓެވެ.

ނޮބީ މަރުވިކަން ހާމަކޮށް އޭނާގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސްޓައިލްސް އާއިލާގެ ފަރާތުން ފުންހިތާމައާއިއެކު ނޮބީ ސްޓައިލްސް މަރުވިކަން ހާމަ ކުރާކަމަށާއި އޭނާ މަރުވެފައިވަނީ ދިގުމުއްދަތަކަށް ބައްޔަކަށް ފަރުވާހޯދަމުން ދަނިކޮށް ކަމަށެވެ. އޭނާ މަރުވީ އާއިލާއާއި އެކު އުފާވެރިވަގުތު ތަކެއް ހޭދަކުރުމަށް ފަހުގައި ކަމަށާއިި އާއިލާއަށް ދިމާވެފައި މިވާ ހިތާމަވެރި ވަގުތުގައި އެންމެހާ ފަރާތްތަކުންވެސް އާއިލާއަށް ހިތްނުތަނަވަސްކަން ވެރިވާނެ އެއްވެސް ކަމެއް ނުކުރުމަށް އެދޭކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ.

2010 ވަނަ އަހަރު އުމުރުން 68 އަހަރުގައި މިނީ ސްޓްރޯކެއް ޖެހި ނޮބީ ފަރުވާ ހޯދާފައިވާއިރު އޭނާގެ ގައިގައި ކެންސަރު ހުރިކަން އެންމެ ފުރަތަމަ އެނގިފައިވަނީ 2013 ވަނަ އަހަރުގައެވެ. ނޮބީ އަކީ 1998 ވަނަ އަހަރު ހޮވި "ފުޓްބޯލް ލީގް 100 ލެޖެންޑްސް" ގެ ލިސްޓުގައި އާއި 2007 ވަނަ އަހަރު އިނގިރޭސި ފުޓުބޯޅައިގެ "ހޯލް އޮފް ފޭމް" އިން ޖާގަ ހޯދާ އަދި ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަނުން ހޮވި ގަރުނުގެ އެންމެ މޮޅު ޓީމުގައި ވެސް ހިމެނިފައިވާ ކުރީގެ މޮޅު ކުޅުންތެރިއެކެވެ. އަދި އެފްއައިއޭ އިންޓަނޭޝަނަލް ފުޓްބޯލް އެވޯޑްސް އިން ހޮވި 1998 ވަނަ އަހަރުގެ އިންޓަނޭޝަނަލް ޕާސަނަލިޓީ އެވޯޑްވެސް ހޯދާފައިވާ ކުޅުންތެރިއެކެވެ.

ނޮބީ ސްޓައިލްސް މަރުވިއިރު އޭނާގެ ތިން ދަރިން އެބަތިއްބެވެ. އޭގެ ތެރެއިން އޭނާގެ ފިރިހެން ދަރި ޖޯން ސްޓައިލްސް އަކީވެސް ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިއެކެވެ.