ޓީސީ ސްޕޯޓްސް ކުލަބު ދޫކޮށް ތަޖުރިބާކާރު މިޑްފީލްޑަރު އިސްމާއީލް އީސަ (މެސީ) މިއަހަރުގެ ފުރަތަމަ ޑިވިޝަނަށް ތައްޔާރުވާ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަށް ސޮއިކޮށްފިއެވެ.

ނިމިދިޔަ ސީޒަނުގައި މެސީގެ ފަރާތުން ފެނިގެންދިޔަ މޮޅުކުޅުމާއެކު ތިން އަހަރަށް ފަހު ގައުމީ ޓީމުން އޭނާ އަށް ވަނީ ފުރުސަތުދީފައެވެ.

ވިކްޓަރީ ސްޕޯޓްސް ކުލަބުން ކެރިއަރު ފެށި އީސަ ވަނީ ވީބީ އައްޑޫ އެފްސީ އާއި ނިއު ރޭޑިއަންޓާއި އަދި އީގަލްސް އާއި މާޒިޔާގެ އިތުރުން ޓީސީއަށް ކުޅެފައެވެ. އީގަލްސް ކެޕްޓަން ބޭންޑް އަޅައިގެން މޮޅު ކުޅުމެއް ދެއްކި އީސަ 2016 ވަނަ އަހަރު ފެނުނީ މާޒިޔާ އިންނެވެ.

ނަމަވެސް މާޒިޔާ ފުރަތަމަ އެގާރައިން އެހާވަރަށް ފުރުސަތު ނުލިބޭތީ 2017 ވަނަ އަހަރު އީސަ ވަނީ އަލުން ވިކްޓަރީ އަށް ބަަދަލުވެފައެވެ. ނަމަވެސް އެއަހަރުގެ ޕްރިމިއަ ލީގުން އެ ޓީމަށް ފުރުސަތު ނުލިބުމުން އަނެއްކާވެސް އޭނާ އެނބުރި މާޒިޔާއަށް ބަދަލުވިއެވެ.

މާޒިޔާ ދޫކޮށް އޭނާ ޓީސީއަށް ބަދަލުވީ މިދިޔަ އަހަރު ކުރީކޮޅުގައެވެ. މިދިޔަ ސީޒަން ޓީސީ ނިންމާލީ ތިންވަނައިގައި އޮވެގެންނެވެ. އެއަށްފަހު އޭއެފްސީ ކަޕުގެ މެޗުތަކުގައި ވެސް އީސާ ވަނީ ކުޅެފައެވެ. ނަމަވެސް އޭއެފްސީން ވަނީ މުބާރާތް ކެންސަލްކޮށްފައެވެ. އެއާއެކު ޓީސީގެ މުހިއްމު ގިނަ ކުޅުންތެރިން ވަނީ އެހެން ކުލަބުތަކަށް ބަދަލުވެފައެވެ.

ޔޫވީ އިތުރަށް ވަރުގަދަކުރުމުގެ ގޮތުން އެ ޓީމަށް ވަނީ ވަރުގަދަ ކުޅުންތެރިންތަކެއް ސޮއިކޮށްފައެވެ. އެގޮތުން މިދިޔަ ސީޒަނުގައި ކުލަބް ގްރީންސްޓްރީޓްސް އަށް ކުޅުނު މުހައްމަދު އާރިފް (ބަކާ) އާއި އަހުމަދު ރަޝީދު (އައްމަޑޭ) އާއި އާދިލް އަބްދުލް ރަހުމާންގެ އިތުރުން އީގަލްސްގެ އިސްމާއިލް ފަރުހާދު (ފަރޭ) އާއި އަހުމަދު ނިޒާމް (ކުޑަ ނިޒާމްބެ) ގެ ސޮއި ވަނީ ހޯދާފައެވެ.