މެންޗެސްޓާ ޔުނައިޓެޑުގެ ކީޕަރު ސާޖިއޯ ރޮމެރޯ އަށް ލިބިފައިވާ އަނިޔާ އާއި ގުޅިގެން މިއަހަރުގެ ވޯލްޑް ކަޕުގައި ނުކުޅެވޭ ކަން އާޖެންޓީނާ ގައުމީ ޓީމުން ޔަގީންކޮށްދީފިއެވެ.

ޔުނައިޓެޑުގައި ގިނައިން ކުޅުމުގެ ފުރުސަތު ނުލިބުނު ކަމުގައި ވީނަމަވެސް ރޮމެރޯ އަކީ އާޖެންޓީނާގެ ފުރަތަމަ ގޯލް ކީޕަރެވެ. ކަކުލަށް ލިބުނު އަނިޔާ އާއި ގުޅިގެން ރޮމެރޯ އަކަށް މިއަންނަ މަހުގެ 14 ގައި ރަޝިޔާ ގައި ފެށޭ ވޯލްޑް ކަޕުގައި ނުކުޅެވެއެވެ.

މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ކުޅުނު އެފްއޭ ކަޕު ފައިނަލުގައި ހޯސޭ މޮރީނިއޯ ވަނީ ރޮމެރޯ ބޭނުން ކުރަން ނިންމާފައެވެ. ނަމަވެސް ފިޓްނެސްދަށް ވުމުގެ ސަބަބުން މޮރީނިއޯ ބޭނުން ކޮށްފައިވަނީ އެޓީމުގެ އެއް ނަމްބަރު ކީޕަރު އަދި ސްޕޭންގެ ޑޭވިޑް ޑިހޭ އެވެ.

2014 ވަނަ އަހަރުގެ ވޯލްޑް ކަޕު ފައިނަލުގައި ޖަރުމަނާއި ދެކޮޅަށް ފުރަތަމަ ކީޕަރެއްގެ ގޮތުގައި ސާޖިއޯ ރޮމެރޯ ކުޅުނު ކަމުގައި ވީނަމަވެސް މިއަހަރުގެ ވޯލްޑް ކަޕު ގައި ކުޅުމަށް ދެކުނު ހުވަފެން ރޮމެރޯ އަށް ވަނީ ނިމުމަކަށް އައިސްފައެވެ. އިންޓަ މިލާނަށް ކުޅެމުން އަންނަ މައުރޯ އިކާޑީ ބާކީ ކުރުމަށްފަހު އާޖެންޓީނާގެ 23 ކުޅުންތެރިންގެ ސްކޮޑް އިއުލާން ކޮށްފައިވަނީ އަންގާރަ ދުވަހުގައެވެ. ރޮމެރޯ ވެސް ވަނީ މި ސްކޮޑުގައި ހިމަނާފައެވެ.

ސާޖިއޯ ރޮމެރޯގެ ބަދަލުގައި ޓީމާއި ގުޅޭނީ ލިގާ އެމް އެކްސްގެ ޓައިގާސް އަށް ކުޅެމުން އަންނަ ނަހުއެލް ގުޒްމެން ކަމަށް އާޖެންޓީނާ އިން ވަނީ ކަށަވަރު ކޮށްދީފައެވެ.