ކޮސޮވޯގެ ޕޮޕް ލަވަ ކިޔުންތެރިޔަކާއި، ކޮލަމްބިއާގެ ރެގެޓޮން ތަރި އަދި ނަން މަޝްހޫރު އެކްޓަރު އަދި ރެޕަރަށް ވަނީ އެއް ވެގެން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ލަވަ ހެދުމުގެ ޓާސްކު ހަވާލު ކޮށްފައެވެ.

ޕޮޕް ތަރި އެރާ އިސްޓްރެފީ، ރެގެޓަން ލަވަ ކިޔުންތެރިޔާ ނިކީ ޖޭމް ގުޅޭނީ ވިލް ސްމިތާއި އެވެ. މިތިން ލަވަކިޔުންތެރިން ވެގެން ކިޔާ ވޯލްޑް ކަޕު ލަވަ ނެރޭނީ މިމަހުގެ 25 ވަނަ ދުވަހުގައެވެ. މިލަވައިގެ ޓްރެކް ހަދާފައިވަނީ އެހާމެ މަޝްހޫރު އިލްކެޓްރޯނިކް ޑާންސް މިއުސިކް ޑީޖޭ ކަމަށްވާ ޑިޕްލޯ އެވެ. ޑިޕްލޯ އަކީ ދުނިޔޭގެ އެންމެ މޮޅު ލަވަކިޔުންތެރިންނާއި އެކީގައި މަސައްކަތް ކޮށްފައިވާ ޑީޖޭ އެކެވެ.

ވޯލްޑް ކަޕުގެ ލަވަ އަކީ ކޮންމެ މުބާރާތެއްގައިވެސް ފާހަނގަ ކޮށްލެވޭ އެއް ކަމެވެ. ހަމަ އެހެންމެ ވޯލްޑް ކަޕު އޮންނަ ކޮންމެ އަހަރަކުވެސް ހުޅުވުމުގެ ރަސްމިއްޔާތުގައި ލަވަ ކިޔާނެއެވެ. މީގެ ކުރިން 2014 ގައި ޕިޓްބުލް އަދި ޖެނިފާ ލޮޕެޒް ވެސް ވަނީ ރަސްިއްޔާތުގައި އޭނާގެ ލަވަ ކިޔާފައެވެ. 2010 ވަނަ އަހަރުގެ ވޯލްޑް ކަޕު ނިންމުމުގެ ރަސްމިއްޔާތުގައި ޝަކީރާ ވަނީ ވައްކާ ވައްކާ ލަވަ ކިޔާފައެވެ.

ޑިޕްލޯ މަސައްކަތް ކޮށްފައިވާ ބައެއް ލަވަކިޔުންތެރިންގެ ތެރޭގައި ޖަސްޓިން ބީބާ، ބިޔޮންސޭ، ޝަކީރާގެ އިތުރުން އެހެނިހެން ޖާޏްރާ ތަކުގެ ލަވަކިޔުންތެރިން ވެސް ހިމެނެއެވެ. ކޮންމެ އާޓިސްޓެއް ވެސް ލަވައިގެ ތެރެއަށް އަޅާނީ ތަފާތު ރަހައެކެވެ. މިގޮތުން އިސްޓްރެފީގެ 2016 ވަނަ އަހަރު ނެރުނު ބޮން ބޮން ލަވަ ކަހަލަ އިލެކްޓްރޯނިކް ގޮތަކަށް ޑާންސް ޕޮޕް ރަހައެއް މިލަވައިން ފެންނާނެއެވެ،

ޔޫޓޫބްގައި ބިލިއަނަކަށް ވުރެ ގިނަ މީހުން ބަލާފައިވާ ލަވަތައް ނެރުނު ނިކީ ޖޭމް ކުރި އަރާފައިވަނީ ލެޓިން އެމެރިކާގެ އެންމެ މޮޅު އެއް ރެގެޓޮން ލަވަކިޔުންތެރިޔަކަށެވެ. ނިކީ ނެރެފައިވާ ބައެއް ލަވަތަކަކީ އެލް ޕެދްރޯން، އެލް އަމަންޓޭއެވެ. ވިލް ސްމިތް އަށް ބަލާލާއިރު އޭނާ ވަނީ ގިނަ އަދަދެއްގެ ހިޕް ހޮޕް އަދި ޕޮޕް ލަވަތަކެއް 1990 ހިސާބުގައި ނެރެފައެވެ. އެންމެ ފަހުން ވިލް ސްމިތް އަލްބަމެއް ނެރެފައިވަނީ 2005 ވަނަ އަހަރުގައެވެ، އެއީ ލޮސްޓް އެންޑް ފައުންޑް ނަމަކަށް ކިޔާ އަލްބަމެކެވެ، ވޯލްޑް ކަޕު ލަވައިގެ ވިލް އެނބުރި ލަވަކިޔުމުގެ ތެރެއަށް އައުން ފެނިގެން ދާނެކަން ޔަގީނެވެ.

 

ކިޔުންތެރިންގެ ހިޔާލު