ކޮވިޑް-19 ގެ ސަބަބުން ފުޓުބޯޅަ ސީޒަން އަލުން މެދުކަނޑާލަން އަންގައިފިނަމަ އެކަމަށް އިހުތިރާމް ކުރާނެ ކަމަށާއި، ދެވެން އޮތް އެއްބާރުލުމެއް ދޭނެކަމަށް އިނގިރޭސި ޕްރިމިއަ ލީގުގެ ކުލަބް މެންޗަސްޓަ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

އިނގިރޭސި ވިލާތުގައި ކޮވިޑް-19 ކޮންޓްރޯލް ނުވެ ނުރައްކާ ބޮޑުވާން ފެށުމުން އެ ގައުމުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވަނީ މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހާ ހަމައަށް ދެ ވަނަ ފަހަރަށް އެ ގައުމު ފުރަބަންދު ކުރަން ނިންމައިފިއެވެ.

ބޮޑުވަޒީރުގެ މި ނިންމެވުމާ ގުޅިގެން ގާޑިއޯލާ ބުނީ ފުޓުބޯޅައިގެ އާއިލާއަށް ދިމާވެފައި މިވާ ހާލަތަށް ކެތްތެރިވާން ޖެހޭ ކަމަށާއި ކުޅިވަރުތައް ހުއްޓާލުމަށް ސަރުކާރުން އަންގައިފި ނަމަ އެކަން ކުރަން ތައްޔާރަށް ހުރިހާ އެންމެންވެސް ތިބެން ޖެހޭނެކަމަށެވެ. އަދި މުޖުތަމައުގެ އެހެން ހަރަކާތްތަކާއި ދާއިރާތަކާ ފުޓުބޯޅަ ތަފާތުވާން ނުޖެހޭކަމަށް އޭނާ ބުންޏެވެ.

މާލީގޮތުން މިކަމުގެ ސަބަބުން ޓީމްތަކަށް ގެއްލުންވި ނަމަވެސް ތަގްދީރުގައި އޮތްގޮތައް އިހްތިރާމްކޮށް މިއަދު އޮތް ހާލަތް ގަބޫލްކޮށް މިހާލަތުން އަރައިގަތުމަށް ކުރެވެންހުރި ކަންތައްތައް އެންމެންވެސް ކުރަންޖެހޭނެ ކަމަށްވެސް ގާޑިއޯލާ ވަނީ ބުނެފައެވެ.

ގާޑިއޯލާ މިހެން ބުނިކަމުގައި ވީނަމަވެސް ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޮރިސް ޖޯންސަން ވަނީ ޕްރިމިއަ ލީގުގެ މެޗުތައް މިހާރެކޭ އެއްފަދައިން ސަޕޯޓަރުން ނުވައްދާ ކުޅެވޭނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ކޮންމެހެން ހުޅުވަން ނުޖެހޭ ފިހާރަތަކާއި ބަ ރެސްޓޯރަންޓްފަދަ ތަންތަން މިމުއްދަތުގައި ބަންދުކުރަން ޖެހޭނެކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ.

ޝެފީލްޑް ޔުނައިޓެޑު އަތުން މޮޅުވި މެޗަށްފަހު ވާހަކަދައްކަމުން ގާޑިއޯލާ ބުނީ މިވަގުތު ފްރިމިއަ ލީގު ކުރިއަށް ގެންދިއުމުގެ ހުއްދަ ބޮޑުވަޒީރު ދެއްވާފައި އޮތް ނަމަވެސް ލީގު މެދުކަނޑާލަން ޖެހިދާނެ ދުވަހެއް އަތުވެދާނެ ކަމަށް ބަލާ މިކަމަށް ތައްޔާރުވުން އެއީ އެންމެ މޮޅު ގޮތް ކަމަށެވެ. އަދި ބޮޑުވަޒީރުގެ ނިންމެވުމަށް ފުރިހަމައަށް ތާއީދުކުރާ ކަމަށާއި ވައިރަސްގެ ނުރައްކާ ބޮޑުވެފައިވާތީ މިކަމުން ސަލާމަތްވުމަށް ފުޓުބޯޅަ ހުއްޓާލަން ޖެހޭކަމަށް ސަރުކާރާއި ސިއްހީ މާހިރުން ބުނެފިނަމަ އެއީ އެންމެ ރަނގަޅުގޮތް ކަމަށް މުޅި ފުޓުބޯޅަ އާއިލާއިންވެސް ގަބޫލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިވައިރަސްގެ ނުރައްކަލުން ހަމައެކަނި ފުޓުބޯޅަ ކުޅުންތެރިން ބަރީއަނުވާނެ ކަމަށް ވެސް ދަންނަންޖެހޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގައި އިނގިރޭސިވިލާތް ހިމެނޭހެން ޔޫރަޕުގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން އަންނައިރު މިހާރު ޔޫރަޕަށް އަރަމުން ދަނީ މި ބަލިމަޑުކަމުގެ ދެވަނަ ރާޅު ކަމަށް ސިއްޙީ މާހިރުން ބުނެއެވެ. މި ރާޅުގެ ނުރައްކާ ކުރިއަށްވުރެ ގުނައެއް އިތުރުވާނެ ކަމަށް ބެލެވިފައިވާއިރު ޔޫރަޕުގެ ބައެއް ބޮޑެތި ފުޓުބޯޅަ ލީގުތައް ވަގުތީގޮތުން ހުއްޓާލަން އުޅޭ ކަމުގެ އަޑުތަކެއް ބޭރުގެ މީޑިއާތަކުގައި އަންނަނީ ފެތުރެމުންނެވެ.