ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން އަޅައިދޭ ފުޓުބޯޅަ ދަނޑުތަކުގެ ތެރެއިން ޏ.ފުވައްމުލަކުގައި ސަރުކާރުން އަޅާ ފެންވަރު ރަނގަޅު ޓާފް ފުޓްބޯޅަ ދަނޑުގެ ފުރަތަމަ ފޭސްގެ މަސައްކަތްތަކުގެ ތެރެއިން ދަނޑުގެ ޓާރފް އަޅައިފިއެވެ.

ދަނޑުގެ ބިން އެއްވަރުމުގެ މަސައްކަތް ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. މި މަސައްކަތަށް ކުޅިވަރާ ބެހޭ ވުޒާރާއިން 2.54 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

އެއަށްފަހު ދެން ކުރިޔަށްދިޔައީ ދަނޑުގެ ޓާރފް އެޅުމުގެ މަސައްކަތެކެވެ. މި މަސައްކަތް އަމީން ކޮންސްޓްރަކްޝަނުން ކޮށްފައިވަނީ 4.53 މިލިޔަން ރުފިޔާއަށެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވަނީ ފުވައްމުލަކު ފުޓްބޯޅަ ދަނޑުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލާފައިވާކަން ހާމަކުރައްވާފައެވެ. އެހެންކަމުން ވަޒީރު ވަނީ ކުޅިވަރާ ބެހޭ ވުޒާރާގެ މުވައްޒަފުންނާއި، އެ ސިޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރަށް، އެ ސިޓީގެ ޒުވާނުންނާއި ކައުންސިލަށް ޝުކުރުއަދާކުރައްވާފައެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ އެ ދަނޑުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލާފައިވާއިރު، ދެވަނަ ފިޔަވަހީގައި ހިމެނޭ ފެންސް ޖެހުމާއި ލައިޓް ހަރުކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް ފުވައްމަލަކު ކައުންސިލަށް މިހާރު ހުއްދާ ދީފައިވާ ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓުބޯޅަ ދަނޑު އެޅުމުގެ މަޝްރޫއުތަކުގެ ދަށުން ސަރުކާރުން ވަނީ މިހާތަނަށް ގިނަ ދަނޑުތަކެއްގެ މަސައްކަތް ކޮށްފައެވެ. އަދި މިހާރުވެސް ގިނަ ދަނޑުތަކެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ. ފެންވަރު ރަނގަޅު ފުޓުބޯޅަ ދަނޑުތަކެއް އަޅާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑު އެޅުން ހިމެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުފައްކިރު.

    2018 ވަނަ އަހަރު ފާސްކުރި 2019 ވަނަ އަހަރުގެ ބަޖެޓުގަ ހިމެނުނު ޚަރަދެއް. މިއީ ރައްޔިތުންގެ މަޖިލިސްގެ ފުވައްމުލަކު އުތުރުދާއިރާގެ މެމްބަރ ޝާހުގެ ހުށަހެޅުމަކަށް މަޖިލީހުން ފާސްކުރި ކަމެއް. 2019 ވަނަ އަހަރު ފަސްދީ 2020 ވަނަ އަހަރު ނިމެން ކާރިކޮށްފަވަނިކޮށް މިމަސައްކަތް ނިންމުމަކީ ޒުވާނުންގެ ކަންކަމަށް ސަމާލުކަން ނުދޭ މިންވަރު ހާމަވެގެންދާ ކަމެއް.