މުސްލިމެއްގެ ގޮތުގައި ދުނިޔެއަށް އުފަންވުމަކީ އަބަދުވެސް ދީނުގެ އަދާވާތްތެރިންގެ ފަރާތުން އެކަމުގެ އުނދަގުލާއި ފުރައްސާރަ ކުރިމަތި ކުރުވާކަމެކެވެ. ތާރީހު ބަލާލި ކަމުގައިވިޔަސް އަޅުގަނޑުމެންނަށް މިކަމަށް ބާރުދޭ އެތައް ހާދިސާއެއް ފެންނަން އޮންނާނެއެވެ. އަޅުގަނޑުމެންގެ ކައު ނަބިއްޔާ މުހައްމަދު صلى الله عليه وسلم އަށްވެސް މުޝްރިކުންގެ ފަރާތުން އެތައް ގޮންޖެހުމަކާއި ފުރައްސާރައެއް ކުރިމަތި ކުރުވިކަން އަޅުގަނޑުމެން ދަންނަމެވެ. އަދި މިފުރައްސާރަ އާއި ދުއްތުރާތަކާއިމެދު އެކަލޭގެފާނު އަމަލް ކުރެއްވި ރީތި ސާދާގޮތްވެސް އަޅުގަނޑުމެން ދަންނަމުއެވެ. މުސްލިމަކަށް ވުމުގެ އިތުރުން މުސްލިމެއްގެ ދިފާއުގައި ބަސްބުނާ މީހާއަށް ކުރިމަތި ކުރުވާ އުނދަގޫ ހާލަތުގެ ވާހަކަވެސް މީ މަދަކުން އަޅުގަނޑުމެން އަޑު އަހާ ވާހަކައެއް ނޫނެވެ.

ބިލާލް رضي الله عنه އަށް މުސްލިމަކަށް ވީތީ މީގެ އެތައް ޒަމާނެއް ކުރިން އެކަލޭގެފާނު އަޅެއްގެ ގޮތުގައި ގެންގުޅުނު އުމައްޔާ ބިން ޙަލަފް ދިން އަނިޔާއާއި ވޭން މީ އަޅުގަނޑުމެން ކުޑައިރުއްސުރެ އަޑުހަމުން އަދި ތަފާތު ފޮތްތަކުން ކިޔަމުން އަންނަ ވާހަކަތަކެކެވެ. މިއީ އޭގެ ސާދަސަތޭކަ އެތައް އަހަރު ފަހެވެ. ޓެކްނޮލޮޖީގެ ގޮތުންނާއި ދިރިއުޅުމުގެ އެންމެހާ ކަންތައްތަކެއް ކުރިއަރާ "ތަހުޒީބު" ވެފައިވާ ޒަމާނެއް ކަމަށް އަޅުގަނޑުމެން ވަކާލާތު ކުރަމުންދާ ޒަމާނެކެވެ. އަޅުވެތިކަން ނިމި މިނިވަން ޖައްވެއްގައި އުދުހުމުގެ ފުރުސަތު އިންތިހާ ދަރަޖައަށް އޮތް ޒަމާނެއް ކަމަށް ޓީވީ ތަކާއި އަދިވެސް ހަބަރުފަތުރާ ހުރިހާ ވަސީލަތަކުން ފަހުރުވެރިކަމާއެކު އަބަދުހެން އަޑުހަރުކޮށް ގޮވާ އަޑު އިވޭ ޒަމާނެކެވެ.

އެހެންނަމަވެސް މިބުނާ އަޅުވެތިކަމެއް ނިމި މިބުނާ މިނިވަންކަމެއް ލިބިގެން މިއުޅެނީ ހަމައެކަނި ވަކި ބަޔަކަށް ތޯއެވެ؟ ދުނިޔޭގެ ދިގުތާރީހުގައިވެސް އެންމެ އަމާންކަމަށް ބުނަމުން މިދާ 21 ވަނަ ގަރުނުގެ ފޮނިމީރުކަން ހުރިހާ އެންމެނަށް ހަމަހަމަ ކަމާއިއެކު ލިބެމުންދޭތޯއެވެ؟

ނޫނެކެވެ. އެބުނާ މިނިވަންކަމެއްގެ ރާހަތު ލިބެނީ ވަކިބަޔަކަށެވެ. މިއަދުވެސް ދުނިޔޭގެ ބައެއް ހިސާބުތަކުގައި މުސްލިމުންގެ އެތައް ބަޔަކު އުޅެން ޖެހިފައިވަނީ ނިކަމެތި ހާލުގައެވެ. ސީރިއާ، ޔަމަން، ފަލަސްތީންގެ އެތައް ރައްޔިތަކަށް ނިދިން ހޭލެވީ އަދިވެސް ކޮންމެސް ނުރައްކަލެއްގެ އަޑަށެވެ. ތަފާތުވީ އޭރު ގެންގުޅުނު ކަނޑިއާއި ހަންޖަރު މިއަދު ބަޑިއާއި ބޮމާއި ބޮޑެތި މިސައިލުތަކުގެ އިތުރުން ކެމިކަލް ހަތިޔާރަށް ބަދަލްވިކަމެވެ.

އަރަބި ގައުމުތަކުގެ އިތުރުން އެހެން ބައްރުތަކުގެ ބައެއް މުސްލިމުންގެ ހާލަތުވެސް ވަކި ރަނގަޅެއް ނޫނެވެ. ބިލިއަނަކަށްވުރެ މީހުން ނިސްބަތްވާ ޗައިނާގެ ޒިންޖިއާންގް ޕްރޮވިންސުގެ އުއިގޫރް މުސްލިމުން ކޭންޕުތަކުގައި ބަންދުކޮށް ރޭވިގެން ނަސްލެއް ނައްތާލުމުގެ ނިޔަތުގައި އެގައުމުގެ ސަރުކާރުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ވާހަކަތައްވެސް އަޅުގަނޑުމެން އަޑުއަހަމުއެވެ. މިއަމަލުތަކާއި ދެކޮޅަށް ގިނަ އިސްލާމީ ގައުމުތަކުގެ ލީޑަރުން ހަނުހުންނަމުން ދާއިރު ބަދަލުގައި ނަން މަޝްހޫރު އެތައް މުސްލިމް ތަރިންނެއް އެމީހުންގެ އަހުންނާއި އުހްތުންގެ ދިފާއުގައި ބަސްބުނާތަން ފެންނަމުންދެއެވެ. އަދި މި ތަރިންނާމެދު ކަންތައްތައް ހިނގަމުން ދާ ގޮތްވެސް އަޅުގަނޑުމެނަށް ފެނެއެވެ.

ޗައިނާގެ މުސްލިމުންގެ ހައްގުގައި އޮޒިލް ތެދުވުން

މިގޮތަށް ޗައިނާގެ އުއިގޫރް މުސްލިމުންނާ ދެކޮޅަށް ހިންގޭ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އަޑުއުފުލި އެއް ފަރާތަކީ އިނގިރޭސި ވިލާތުގެ އާސެނަލްއަށް ކުޅެމުން އަންނަ ޖަރުމަނުގެ ތަޖުރިބާކާރު މިޑްފީލްޑަރު މެސަޓް އޮޒިލްއެވެ. މިއާއެކު އެތައް މަސައްކަތަކާއި ހިތްވަރަކުން އޭނާ ބިނާކުރި 14 އަހަރުގެ ދިގު ފުޓުބޯޅަ ކެރިއަރަށް މިވަނީ ހީވެސް ނުކުރާވަރުގެ ބޮޅު ހުރަހެއް އެޅިފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އޭނާގެ މީސްމީޑިއާގެ އެކައުންޓްތައް ބޭނުންކޮށްގެން ޗައިނާގެ މުސްލިމުންގެ ހައްގުގައި އޭނާ ވަނީ އަޑުއުފުލަން ފަށާފައެވެ. މާލީ ގޮތުންނާއި އެހެނިހެން ގޮތުންވެސް ބާރުހުރި ބޮޑެތި މުސްލިމް ގައުމުތަކުން ޗައިނާގެ މުސްލިމުންގެ ދިފާއުގަ ނުތެދުވަނީ ކީއްވެތޯ އޮޒިލް ވަނީ ސުވާލުއުފައްދާފައެވެ. ޤުރުޢާން އަންދާ، މިސްކިތްތައް ބަންދުކޮށް، އިލްމުވެރިން މަރަމުން ގެންގޮސް މުސްލިމު އަންހެން ކަނބަލުން އެގަރުމުގެ ކާފަރުންނާއި އިނުމަށް މަޖުބޫރުކޮށް، ގަދަކަމުން ރަލާއި އޫރުމަސް ކާންދޭއިރު އެކަމާއި ދެކޮޅަށް ނުތެދުވަނީ ކީއްވެތޯ އޮޒިލްވަނީ ސުވާލުކޮށްފައެވެ.

އޮޒިލް އޭނާގެ ޓްވިޓާ އެކައުންޓުގައި ނެރުނު ބަޔާން

މީގެއިތުރުން އޮޒިންވަނީ އޭނާގެ ކްލަބް އާސެނަލްއިން އޭނާއާއި އެކު މިކަމުގައި އަޑުއުފުލާ ދިނުމަށް އެދިފައެވެ.

އާސެނަލްގެ ރައްދު އައީ ކިހިނެއް؟

އޮޒިލް ކުރި ޕޯސްޓެއްގައި އާސެނަލްގެ ވެރިންގެ އަރިހުން އޭނާގެ މިގޮވާލުމުގައި ބައިވެރިވެ ޗައިނާގެ މުސްލިމުންގެ ހައްގުގައި އިންސާނިއްޔަތު ކަމުގެ ގޮތުންވިޔަސް ތެދުވުމަށް އެދުނެވެ. އަދި ޗައިނާގެ ސަރުކާރުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ކުއްވެރިކޮށް އެކަންތައް ހުއްޓާލުމަށް ގޮވާލިއެވެ. އޮޒިލްގެ މިއެދުމަށް އާސެނަލްއިން ދިނީ ހީކުރިގޮތާ މުޅިން ހިލާފު ޖަވާބެކެވެ. ޗައިނާ ބަހުން ޗައިނާގެ ވެބަސައިޓެއް ކަމަށްވާ ވެއިބޯގައި އެޓީމުގެ އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޮޒިލްގެ ބަޔާނަކީ އޭނާގެ އަމިއްލަ ހައިސިއްޔަތުން ޓީމުގެ އެއްވެސް ބައިވެރިވުމެއް ނެތި އޭނާގެ އަމިއްލަ ހިޔާލު ފާޅުކޮށް ނެރުނު ބަޔާނެއް ކަމަށެވެ.

ޗައިނާ ދެކެ އާސެނަލް ބިރުގަންނަނީތަ؟

ޗައިނާއަކީ ދުނިޔޭގެ ވިޔަފާރީގެ އެންމެ ބޮޑު އެއް ގައުމެވެ. ދުނިޔޭގެ އެތައް ކުންޕުންޏެއްގެ އައުޓްލެޓުތައް ޗައިނާގެ އެކި ހިސާބުތަކުގައި ހުރެއެވެ. މިގޮތުން އާސެނަލް އިންވެސް އަންނަނީ ޗައިނާގެ އެހި ހިސާބުތަކުގައި ރެސްޓޯރަންޓް ޗެއިންތަކާއި ފިހާރަތަކުގެ އިތުރުން ގިނަ އެހެން ވިޔަފާރިތަކެއްވެސް ކުރަމުންނެވެ. ޗައިނާ އަކީ އަބަދުވެސް އެގައުމުގެ ސަރުކާރު ނުވަތަ އެގައުމުގެ އެތެރޭގެ އެއްވެސް ކަމަކާއި އެހެން ފަރާތަކުން ބެހިއްޖެނަމަ އެމީހެއް ނުވަތަ އެބަޔަކަށް އެތައް ގޮތަކުން އޭގެ އުނދަގޫ ކުރާކަމަށް އަޑުފެތުރިފައި އޮންނަ ގައުމެކެވެ. އެހެންކަމުން އާސެނަލްއިންވެސް އަވަސްވެގަތީ އެގައުމުގައި އާސެނަލްއިން ހިންގަމުންދާ ތަފާތު އެތައް ވިޔަފާރިތަށް ހުއްޓިދާނެކަމުގެ ބިރަށް އަވަހަށް އެޓީމުގެ ރައްކާ ހޯދުމަށެވެ.

އެހެންނަމަވެސް ޗައިނާއިން އޮޒިލްއަށް ރައްދުދިނީ އޭނާގެ ކްލަބަށް ގެއްލުންވާނެ ގޮތްތަކެއް މެދުވެރިކޮށް ޓީމުން އޭނާ ބާކީކުރުމަށް އެޓީމުގެ މެނޭޖްމަންޓަށް މަޖުބޫރު ކުރުވާނެ ގޮތަކަށެވެ. އެގައުމުގައ އާސެނަލްގެ މެޗެއް ދެއްކުން މަނާކޮށް އާސެނަލްގެ ޖާޒީތަކާއި އެޓީމަށް ސަޕޯޓްކުރުމަށް ބޭނުންކުރާ އެކިއެކި ސާމާނު އަންދާ އެގައުމުގައި ވިއްކުމަށްވެސް ދަތިތަކަކާއި ކުރިމަތި ކުރުވިއެވެ. ޗައިނާގެ ބާރުގަދަކަން ދައްކާލާ އެގައުމުން ވަނީ އާސެނަލްއަށް ވަރުގަދަ އިންޒާރެއް ދީފައެވެ.

އާސެނަލްގެ މެޗު ޗައިނާަގައި ދެއްކުން ހުއްޓާލުން

އާސެނަލް އިން ބޮޑު ގެއްލުމަކުން ސަލާމަތްވާން ކަންތައްކުރީ ކިހިނެއް؟

އާސެނަލްއިން އެޓީމުގެ ވިޔަފާރި ސަލާމަތްކުރަން އެންމެ ފުރަތަމަ ކުރަންފެށި ކަމަކީ އެޓީމުން ކުޅޭ މެޗުތަކުގައި އޮޒިލް އަށްދޭ ފުރުސަތުތައް މަދުކުރުމެވެ. އެހެންނަމަވެސް ދެން އެޓީމުން ފާޅުގަ އޮޒިލް ޓީމުން ބާކީކުރަން ފެށިއެވެ. އެގޮތުން މިއަހަރުގެ ކުރީކޮޅު ކޮވިޑް-19 އިގެ ސަބަބުން ފުޓުބޯޅަ ސީޒަން މެދުކަނޑާލުމަށްފަހު އަލުން ސީޒަން ފެށިފަހުންވެސް އަދި މިއަހަރުގެ ސީޒަން ފެށިފަހުންވެސް އެޓީމުގެ ޖާޒީގައި ކުޅުމުގެ ފުރުސަތެއް އޮޒިލްއަށް ދީފައެއް ނުވެއެވެ. ގަވައިދުގައި ވާގޮތުން އޭލިސްޓުގެ ޓީމުތަކުން މުބާރާތްތަކުގައި ނެރޭ ޓީމް ލިސްޓުގައި ޖެހޭނީ 25 ކުޅުންތެރިންނެވެ. މި ލިސްޓުގައި އެންމެ ގިނަވެގެން ގައުމުން ބޭރު 17 ކުޅުންތެރިންގެ ނަން ޖަހަންޖެހޭއިރު އާސެނަލްއިގެ ކޯޗް އާޓެޓާ ޕްރިމިއަރ ލީގާއި ޔުރޮޕާ ލީގަށް އެކުލަވާލި ސްކޮޑުން އޮޒިލް އަށް ފުރުސަތު ދީފައެއް ނުވެއެވެ. އަދި ސްކޮޑުން އޮޒިލްއަށް ޖާގަނުލިބެނީ މިވަގުތު ޓީމަށް ބޭނުންވަނީ އެޓޭކްކޮށް ޑިފެންޑުވެސް ކުރެވޭ މިޑްފީލްޑަރުން ކަމުގައި ވެފައި އޮޒިލްއަކީ ބޮޑަށް އެޓޭކިންގް ކުޅުންތެރިއަކަށް ވުމުންކަމަށް އާޓެޓާ ވަނީ ބުނެފައެވެ.

އާޓެޓާގެ މިނިންމުމާއެކު ކުޅުމާއި ދުރުގައި އެތައް ދުވަހެއް ހުންނަން ޖެހި އޮޒިލް ވަނީ އާޓެޓާގެ ނިންމުމަށް ފާޑުކިޔާފައެވެ. މިއާއެކު އާޓެޓާ ވަނީ އޭނާގެ ނިންމުމަށް އިހުތިރާމް ކުރުމަށް ބުނެ އޮޒިލްއަށް ރައްދުދީފައެވެ. އަދި އޭނާގެ މި ނިންމުމަކީ އުނދަގޫ ނިންމުމެއް ކަމަށާއި މިހާރުގެ ޤަވާއިދުތަށް ހުރިގޮތުން ކުޅުންތެރިން މި ނިންމުމަށް އިހްތިރާމް ކުރަން ޖެހޭނޭ ކަމަށްވެސް އާޓެޓާ ވަނީ ބުނެފައެވެ

ތަފާތުކުރުމާއި އެކަހެރިކުރުން އޭނާއާއި މެދު ގެންގުޅޭ ކަމުގެ އިހުސާ ކުރެވި އޮޒިލްވަނީ އޭނާގެ ސަޕޯޓަރުންނަށް މެސެޖެއް ދީފައެވެ. ޓުވިޓާ މެދުވެރިކޮށް އޮޒިލް ދިން މެސެޖުގައި ބުނެފައިވަނީ އެތައް އަހަރެއްވަންދެން އެޓީމަކަށް ހިދުމަތް ކޮށްދެވުން އާސެނަލްގެ ސަޕޯޓަރުންނަށް މިމެސެޖު މިދެނީ ވަރަށް އުނދަގޫ ހާލަތެއްގައި ހުރެކަމަށެވެ. އެހެންނަމަވެސް މި ސީޒަނުގެ ޕްރިމިއަރ ލީގު އަދި ޔޫރަޕާ ލީގުންވެސް ޖާގަ ލިބިފައިނުވާތީ ވަރަށް ބޮޑަށް އަސަރުކޮށްފި ކަމަށެވެ.

"ވަފާތެރިކަމާއިއެކު 2018 ވަނަ އަހަރު އާސެނަލާއި އެކު ހަދާފައިވާ އެއްބަސްވުން އާކުރީ ބުރަ މަސައްކަތްތަކެއް ކޮށް ޓީމާއެކު ކާމިޔާބީތަކެއް ހޯދައިދިނުމުގެ އަޒުމުގަ. އެހެންނަމަވެސް ޓީމަށް ކޮށްދީފައިވާ ކަންތައްތައް ޓީމުން ބަލައިނުގަތް. ވަފާތެރިކަމަކީ މަދުން ނޫނީ ނުލިބޭނެ އެއްޗެއް" އަޮޒިލްގެ ބަޔާނުގައި ލިޔެފައިވެއެވެ.

މީގެއިތުރުން މި މެސެޖުގައި އޮޒިލް ބުނީ ކޮވިޑް-19 އަށް ސީޒަން މެދުކަނޑާލާ އަލުން ކުޅެން ފެށި ހިސާބުން އައު ކޯޗް މިކެލް އާޓެޓާގެ އިރުޝާދުތަކުގެ ދަށުން ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބުނު ކަމަށާއި އެހެންނަމަވެސް މިއަދާއި ހަމައަށްވެސް އާސެނަލްގެ ޖާޒީގައި ކުޅުމުގެ ފުރުސަތު އޭނާއަށް ނުލިބޭކަމަށް އޭނާ ވަނީ ބުނެފައެވެ.

ނިންމާލަމުން އޮޒިލް ބުނީ ޓީމުގައި އޭނާގެ ބައިވަރު އެކުވެރިންތަކެއް ތިބިކަމަށާއި ލަންޑަންގައި އޭނާއަށް އަމިއްލަ ގައުމުގައި ކުރެވޭ އިހުސާސް ކުރެވޭކަމަށް ވަނީ ބުނެފައެވެ. އަދި ކޮންމެގޮތެއް ވިޔަސް އުންމީދު ކަނޑާ ނުލާކަމަށާއި ޓީމާއެކު ހޭދަކުރާ 8 ވަނަ ސީޒަން މިގޮތަށް ނިމުނަ ދޭން ބޭނުން ނުވާކަމަށްވެސް އޮޒިލް ވަނީ ބުނެފައެވެ. އަދި އިތުރު ހިތްވަރެއް ލާ ފަރިތަކުރުންތަކުގައި ކުޅެ ޓީމުން ޖާގައެއް ހޯދުމަށް މަސައްކަތް ކުރާނެކަމަށެވެ.

އާސެނަލްގެ ސަޕޯޓަރުންނަށް ޓުވިޓާ މެދުވެރިކޮށް އޮޒިލް ދިން މެސެޖް

މިމެސެޖު ނިންމާލަމުން އޮޒިލްވަނީ ދީނުގެ ދިފާއުގައި ތެދުވެގެން މަގާމާއި، އިއްޒަތާއި ކުރިއަށް ދާނެ ފުރުސަތުތައް ގެއްލިދާނެކަމަށް ބިރުން އުޅޭ ފަރާތްތަކަށް ވަރަށް ވަރުގަދަ މިސާލެއް ދައްކާދީފައެވެ. ކުޅުމުގެ ފުރުސަތަކަށް އެދޭ މިންވަރާ މަސައްކަތް ކުރަމުންދާ މިންވަރު ކިޔާދިނުމަށް ފަހުގައިވެސް މެސެޖް ނިންމާލަމުން އޮޒިލްވަނީ ދެންވެސް ނާއިންސާފާއި އަނިޔާވެރިކަމާއި ދެކޮޅަށް އަޑު އުފުލާނެކަމަށް ބުނެފައެވެ.

މުސްލިމުންގެ އެތައް ބަޔަކު ދަތި ހާލުގައި އުޅޭތަން ބަލަން އުފަލާއި އަރާމުގައި އުޅޭ އެތައް މުސްލިމު ގައުމުތަކުގެ ވެރިންނަށް އޮޒިލް ފަދަ އެތައް މުސްލިމް އެތްލީޓުންނާއި ވަކިވަކި ފަރުދުން ދަނީ މިސާލުދައްކަމުންނެވެ. ހަގީގަތުގައި ބާރު އޮވެ އަމަލުނުކުރެވުނު ވެރިންތަކަކަށްވުރެ އޮޒިލް ފަދަ ހިތްވަރުގަދަ ވަކި ފަރުދެއް ބަތަލެއްގެ ގޮތުގައި ދެކުން މާ އައުލާކަން ބޮޑެވެ. އޮޒިލްގެ މިއަމަލަށް ތާއީދުކޮށް ދުނިޔޭގެ އެކި ހިސަ ހިސާބުގައި ތިބި މުސްލިމުންދަނީ ތައުރީފު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ތޯޑޭ

    ޗައިނާއަކީ ހަމައެހާ ގޯސްބަޔަކީތޯ؟

    55
    8
    • ބަކުރުބެ

      އާ ޢެއީ އިޒުރޭލަށް ވުރެވެސް ނުބައި ބައެއް ސަބަބަކީ އިޒުރޭލް މީހުން އަނިޔާކުރަނީ ފަލަސްތީނު މީހުނާނަށެވެ އެކަމަކު ތިޔަޗައިނާގެ އަނިޔާއާ ނުހުރުއްޕާ ދުޔިޔޭގެ ހުރިހާ ގައުމަކަވެސް ފޯރައެވެ

      15
      11
      • ޢުމަރުބެ

        ޗައިނާ ރަނގަޅީކީއެެއް ނޫން، އެކަމަކު ިތ ދެއްކި ސަބަބަކީ ސިޔާސީ ވާހަކައެއް، ނޫނީ އިން ތިހާއަށް ޖާހިލު ވާހަކައެއް. ެ ެ

        18
        6
  2. ބުރޯ

    ކާފަރުކަމަށް ލޯބިކުރާމީހުން ގިނަވާނެ،،،،،،، އޮޒިލް އެއްދެއްކެވީ ވވވވވ މާތް ރިވެތިވެގެންވާ ނަމޫނާއެއް ،،ހުރިހާމުސްލިމުންވެސް އެއް ނަމޫނާގަ ހިފުމަށް އަޅުގަނޑު ގޮވާލަން،،،،،، ދުނިއޭގެ ވަގުތީ އުފަލަށްވުރެން އާހުރަތުގެ އުފަލާ އަރާމް ދުލަކުންވެސް ބަޔާންވެސް ނުކުރެވޭނެ،،އަހަރެމެންގެ އެއް އަހާއަށް މާތް ﷲ ދެދުނިއޭގައިވެސް ހެޔޮރަހުމަތްލައްވާށި،، އާމީން

    17
    1
  3. ސޭހް

    ދިވެހިރާއްޖޭގަ ކޮންމިނިވަން ކަމެއް އޮތީ؟

    9
    1
  4. އހ

    ދުނިއޭގެ ކަންކޮޅުތަކަށް ބަލާލުމުން ފެންނަހަގީގަތަކީ އެތަނެއްގެ ބޮޑުމެޖޯރިޓީއެއް އޮންނަ ދީނަށްފިޔަވާ ދެންހުންނަދީންތަކުގެ މީހުންނަށް އެތަށް ދުއްތުރާލެއް ކުރިމަތިވަމުންދާތަން ތަފާތު އަނިޔާދިނުމާ ގެދުރޮ އެންދުމާ ރޭޕްކުރުމާ ވަޒީފާއިން މަހުރޫމްކުރުންފަދަ އެތައްކަމެއް ވަކި ސަހަލަކުބަޔަކު މަދުންނޫނީ ނުފެނޭ އޮޒިލްވެސް ޔޫރަޕުގެ ބޮޑު ފުޓުބޯޅަކުލަބެއް މެދުވެރިކޮށް އޭނާގެ ދީނަށް ނިސްބަތްވާބަޔަކާ އެއްކޮޅަށް ކަންކަންކުރަންބުނުމަކީ ވަރަށް ހޭނުޖެހޭކަމެއް މިކުޑަ ދިވެހިރާއްޖޭގަވެސް ދީނީ މައްސަލަތަކުގަ އޮތީ ހަމަ ޗައިނާ ހިސާބުގަ ގެއްލިފަވާ މީހުނާ ސިޑިބުޑަށް ކޮށާލިމީހުންތަކުގެ ހަދާން އަދިނުފިލާ އެންމެންވެސް އެކަކުއަނެކަކަށް އިހްތިރާމްކޮށްގެން ކޮންމެދީނެއްގެ މީހަކަށްވިއަސް ސުލްހަވެގެން އުޅުމަށް ގޮވާލަން

    2
    7
  5. ޝުކުރިއްޔާ

    ދުނިޔޭގެ ވަގުތީ މަންފާތަކަށްވުރެ އޮޒިލްއަށް މުހިންމީ ހައްގު ގޮތް. ތިއީ މިހާރު ވަރަށް މަދުން ނޫނީ ނުފެންނަ ނަމޫނާ މުސްލިމެއް.