ޗެމްޕިއަންސް ލީގުގައި މިރޭ ރެއާލް މެޑްރިޑާއި އިންޓަރ މިލާން ކުޅޭ މެޗުން ރެއާލް ބަލިކޮށް އިންޓަ މިލާންގެ ސަޕޯޓަރުންގެ އިތުރުން ބާސެލޯނާގެ ސަޕޯޓަރުންނަށްވެސް އުފާވެރިކަން ގެނެސްދޭން ބޭނުންވާކަމަށް އިންޓަރ މިލާނަށް ކުޅޭ ޗިލީގެ މިޑްފީލްޑަރު އަޓޫރޯ ވިޑާލް ބުނެފިއެވެ.

ބާސާގައި ދެ އަހަރު ހޭދަކުރުމަށްފަހު މިސީޒަނުގައި އިންޓަރ އާއި ގުޅުނު ތަޖުރިބާކާރު މިޑްފީލްޑަރު ބުނީ ރެއާލް އަތުން މޮޅުވުމަކީ މިވަގުތު އެންމެ ބޭނުންވާ ކަންތައް ކަމަށާއި އެކަމަކީ ބާސާގެ ސަޕޯޓަރުންނަށް ހިތްހަމަޖެހުން ގެނެސްދޭނެ ކަމަކަށްވުމުން ބާސާގެ ސަޕޯޓަރުންނަށްޓަކައި އެކަން ކޮއްދޭން ބޭނުންވާ ކަމަށެވެ.

ވިޑާލް މި އަޒުމުގައި ހުރިނަމަވެސް އޭނާއަށް ރެއާލްއާއި ކުރިމަތިލި އެއްވެސް މެޗެއްގައި އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. 2017 ވަނަ އަހަރު ބަޔާން މިއުނިކުގެ ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ހުރިއިރު ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގައި އެޓީމު ރެއާލް އާއި ދެކޮޅަށް ކުޅުނު މެޗުގައި ރަތްކާޑެއް ދެއްކުމުން މެޗުގައި އެހާ ގިނަވަގުތު އޭނާއަށް ކުޅެވިފައެއް ނުވެއެވެ. އަދި އޭގެފަހުން ބާސާގައި އޭނާ ހޭދަކުރި ދުވަސްތަކުގައި އެޓީމުން ރެއާލްއާއި ދެކޮޅަށް ކުޅުނު މެޗުތަކުން ބާސާއަށް މެޗު ނިމުނީ އެއްވަރުވެގެން ނުވަތަ ބަލިވެގެންނެވެ.

މީގެ އަހަރުތަކެއް ކުރިން ވިޑާލްގެ ފަރާތުން މޮޅުކުޅުމެއް ފެނިގެން ދިޔަނަމަވެސް 33 އަހަރުގެ ވިޑާލްއަށް މިހާރަކު އެންމެ އެދެވޭ ކުޅުމެއް ނުދެއްކެއެވެ. އެހެންނަމަވެސް އިންޓަގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ގަބޫލްކުރާ ގޮތުގައި ވިޑާލްއަކީ އަދިވެސް އެންމެ ޓޮޕް ލެވެލްގެ ކުޅުންތެރިއެކެވެ.

ކޮންޓޭ ބުނިގޮތުގައި 33 އަހަރުގައިވެސް ވިޑާލްއަކީ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއްކަމަށް ގަބޫލްކުރާ ކަމަށާއި އަދި ވިޑާލްގެ ކުޅުމުން އެކަން އޭނާ ސާބިތުކޮށްދޭނެ ކަމަށެވެ.

މެޗާއި ބެހޭގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން ވިޑާލް ބުނީ އިޓާލިއަން ލީގުގައި ވިޔަސް އަދި ޗެމްޕިއަންސް ލީގު ކަމުގައިވިޔަސް ކޮންމެ މެޗަކާއިވެސް އިންޓަރ އިން ކުރިމަތިލާނީ ވަރަށް މުހިންމު މެޗެއް ކަމުގައި ދެކިގެން ކަމަށެވެ. އަދި ރެއާލް ކަހަލަ ވަރުގަދަ ޓީމަކާއި ދެކޮޅަށް ކުޅުމުގެ ފުރުސަތު ލިބުމުން އުފާވާ ކަމަށާއި މިމެޗުވެސް ދެކޭނީ ފައިނަލް މެޗެއްގެ ގޮތުގައި ކަމަށެވެ.

މިރޭ ރެއާލްގެ ދަނޑުގައި ކުޅޭ މިމެޗަށް އިންޓަރ އިން ކުރިމަތިލާނީ އަނިޔާގައި ހުރި އެޓީމުގެ އެންމެ މުހިންމު ފޯވާޑް ރޮމެރޫ ލުކާކޫ އާއި ނުލައެވެ. އަދި މިރޭގެ މެޗަކީ ދެޓީމަށްވެސް ޗެމްޕިއަންސް ލީގުގައި އިތުރަށް ކުރިއަށް ދާން ބޭނުންނަމަ މޮޅުވުން މުހިންމު މެޗެކެވެ. މިވަގުތު މިދެޓީމު ހިމެނޭ ގްރޫޕް ބީގެ އެއްވަނައިގައި މިގުރޫޕުން ހަމައެކަނި މެޗަކުން މޮޅުވި ޓީމުގެ ގޮތުގައި އޮތީ ޝަހްތަރެވެ. ދެވަނައިގައި ކުޅުނު ދެމެޗުންވެސް އެއްވަރުވެ މޮންޗެންގްލަޑްބަކް އޮތްއިރު 3 ވަނައިގައި އިންޓަރ ވެސް އޮތީ ދެމެޗުންވެސް އެއްވަރުވެ ލިބުން 2 ޕޮއިންޓާއެކުއެވެ. މޮންޗެންގްލަޑްބަކަށް ކުރި ލިބެނީ ގޯލްގެ ތަފާތުންނެވެ. ތާވަލުގެ ފުލުގައި ރެއާލް އޮތީ 1 ޕޮއިންޓާއެކުއެވެ.