ކުޅިވަރުގެ ޤާނޫނަށް ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ އިސްލާހުތަކަކީ ކުޅިވަރަށް ހެޔޮއެދިގެން ހުށަހަޅާފައިވާ އިސްލާހުތަކެއް ނޫން ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މަރުޒޫގް (މަރޭ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މަރުޒޫގް ވިދާޅުވީ އެކަމަށް ދެކޮޅު ހަދާ ކަމަށާއި ހަސަން ލަތީފް މިހާރު ހުށަހަޅާފައިވާ އިސްލާހުތަކަކީ ގަބޫލުކުރެވޭނެ އިސްލާހުތަކެއް ނޫން ކަމަށެވެ.

ބިލުން ހާސިލުކުރަން ބޭނުންވާކަމަށް ހަސަން ލަތީފް ބަޔާންކޮށްފައިވާ ކަންކަން:

  • ރާއްޖޭގެ ކުޅިވަރާއިބެހޭ އެކިއެކި މުއައްސަސާތަކުގައިހުރި ފުށުއެެރުންތައް ނައްތާލުމާއި، އެމުއައްސަސާތައް ޑިމޮކްރަޓިކްކޮށް ދެފުއް ފެންނަ ނިޒާމެއްގެ ތެރެއިން ހިންގޭނެ ނިޒާމެއް ގާއިމްކުރުން.
  • ކުޅިވަރުގެ ވަސީލަތްތައް ބިނާކޮށް ތަރައްގީކުރާއިރު އެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމްކުރުމާއި، އެފަދަ ވަސީލަތްތައް ގާއިމްކޮށް ބެލެހެއްޓުމުގައި ދައުލަތުގެ ބަޖެޓަށް ބުރަކުޑަވާނެ އުސޫލެއް ގާއިމްކުރުން.
  • ކުޅިވަރުގެ އެކިއެކި މުއައްސަސާތަކުގެ އިންތިހާބުތަކަކީ ދެފުށްފެންނަ، އިތުބާރުކުރެވޭ ނިޒާމެއްގެ ތެރެއިން ހިންގޭ އިންތިހާބުތަކެއް ކަމުގައި ހެދުން.
  • ކުޅިވަރާއި ބެހޭ މިނިސްޓަރުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުން.

މަރުޒޫގް ވިދާޅުވީ ހަސަން ލަތީފް މިހާރު އެ އިސްލާހުތަކަކީ ކުޅިވަރަށް ހެޔޮއެދިގެން ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ މިހާރުގެ ޤާނޫނުގައި ގިނަ ކަންތަކެއް ހުރިއިރު، ކުޅިވަރާ ބެހޭ ގައުމީ މަޖިލިސް އެކުލަވާލެވި ގަވާއިދުތައް ބާރު ސްޕީޑުގައި ހަދަންމުންދާ ކަމަށެވެ.

"ޑިމޮކްރަޓިކް އުސޫލުން އެސޯސިއޭޝަންތަކުގެ އިންތިޚާބުތައް މިހާރުވެސް ބޭއްވެމުން ދަނީ. ކުދިކުދި މައްސަލަތައް އުޅޭ. ބައިވަރު މައްސަލަތައް އުޅޭ. އެންމެ ބޮޑު ޕާޓީގައިވެސް މައްސަލަތައް އުޅެނީ ނޫންތޯ. އެންމެ ބޮޑު ޕާޓީގެ އެތެރޭގެ އިލެކްޝަން. ގައިމު އެމީހުންގެ ބަލަދުވެރިއަކީ އިލެކްޝަން ކޮމިޝަން. ކީއްވެތޯ އިލެކްޝަން ކޮމިޝަނުން އެ އިންތިޚާބު ނުބާއްވަނީ. ވަރަށް މަސައްކަތް ކުރި ކުރީގެ ސަރުކާރުން އެކަންކުރަން، އެކަމަކު އެކަން ކުރަން ފުރުސަތެއް ނުދޭ." ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަރުޒޫގް ވިދާޅުވިއެވެ.

މަރްޒޫގު އިތުރަށް ވިދާޅުވީ އެސޯސިއޭޝަންތަކުގައި ރަނގަޅު ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށާއި، އެކަން ކުރެވޭނީ ސްޕޯޓްސް އެޑްމިނިސްޓްރޭޝަނަކީ ޖޮބް މާކެޓަކަށްވެ، ފުލްޓައިމް ވަޒީފާއަކަށްވެ، ކުޅިވަރު ޖަމުޢިއްޔާ އަދި ކުލަބުތައް ހަރުދާވެގެން ކަމަށް ވާއިރު، އެކަން ކޮމިޝަނާ އޮފް ސްޕޯޓްސްއިން ކުރަމުންދާ ކަމަށެވެ.

ކުޅިވަރުގެ ޤާނޫނަށް ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހުތަކަށް މަރުޒޫގް ވަރަށް ބޮޑަށް ފާޑުވިދާޅުވިއިރު، މި އިސްލާހުތަކާ ގުޅިގެން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފާއި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ.