ގައުމީ ސްކޮޑުގެ ޓައިމް ޓްރަޔަލްގައި ވާދަކޮށްގެން އަންހެނުންގެ 1500 މީޓަރު ދުވުމުގެ ގައުމީ ރިކޯޑު އައިމިނަތު ޖައިޝާ ޖުނީޒް އާކޮށްފިއެވެ.
އެތްލެޓިކްސް އެސޯސިއޭޝަނުން ބުނީ އަމިއްލަަ ރިކޯޑު ޖައިޝާ އާކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ހުޅުމާލޭ ސިންތަޓިކް ޓްރެކުގައި ދުވެގެންނެވެ. ޖައިޝާ މި ރިކޯޑު އާކޮށްފައިވަނީ 5:06.1 މިނެޓުންނެވެ.
މި ރިކޯޑު އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވެރިފައިކޮށްފައިވަނީ އަންގާރަ ދުވަހުގެ ރޭ ކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.
މީގެކުރިން ޖައިޝާ މި ރިކޯޑު ހަދާފައިވަނީ 2018 އަހަރު އޮތް އޭޝިއަން ގޭމްސްގައެވެ. އެ ގޭމްސްގެ އަންހެނުންގެ 1500 މީޓަރު ދުވުން އެ ފަހަރު ޖައިޝާ ނިންމާފައިވަނީ 5:14.38 މިނެޓުންނެވެ. އެހެންކަމުން ޖައިޝާ ގައުމީ ރިކޯޑު އާކޮށްފައިވަނީ 8.28 ސިކުންތުގެ ކުރިއެރުމަކާއެކުއެވެ.
ޖައިޝާގެ ކުރިން މި ރިކޯޑު އޮތީ 2010 ވަނަ އަހަރުގެ ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕުގައި 5:16 މިނެޓުން ދުވި މަރިޔަމް އިނާޔާ ފާރޫގުގެ އަތުގައެވެ.
އަންހެނުންގެ 1500 މީޓަރު ދުވުމުގެ ގައުމީ ރިކޯޑު ޖައިޝާ އާކުރިއިރު، އޭނާ އަންނަނީ ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ވާދަކޮށް ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން 2016 ވަނަ އަހަރު އޮތް އިންޑިއަން ގްރޯން ޕްރީގައި ހަތަރެއް ގުނަ 100 މީޓަރު ރިލޭއިން ލޯ މެޑަލް ހޯދި ޓީމުގައި ޖައިޝާ ހިމެނުނެވެ.
އަދި ދެވަނަ ގައުމީ ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތުގައި 800 މީޓަރާއި 1500 މީޓަރުގެ އަންހެން ބައިން ރަން މެޑަލްވެސް ހޯދާފައެވެ.