ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އެކްލަބުން އިސްތިއުފާ ދީފިނަމަ ނެޕޮލީގެ ކޯޗު މޮރީޒިއޯ ސަރީ ޗެލްސީ އާއި ގުޅުމާއި ގާތްކަމަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޗެލްސީ އާއި ހަވާލު ވުމުގެ ކުރިން އޭނާ ދޫކުރާއިރު ނެޕޯލީ އަށް ދައްކަން ޖެހޭ 7 މިލިއަން ޕައުންޑުވެސް ޗެލްސީ އިން ދައްކާނެ ކަމަށް މޮރީޒިއޯ އުއްމީދު ކުރާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކުރީގެ ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ޗެލްސީ އަށް ގެންނަން އުޅުނު ކަމުގައި ވީނަމަވެސް އެންރީކޭ އެދޭ މުސާރަ ބޮޑު ވުމާއި ގުޅިގެން އޭނާ އަންނާނެ ކަމާއި މެދު ޝައްކުތަކެއް ވަނީ އުފެދިފައެވެ. މީގެ ސަބަބުން ކޮންޓޭ ޗެލްސީ ދޫކޮށްލައިފިނަމަ ދެން ޗެލްސީ އާއި ހަވާލު ވުމާއި އެންމެ ގާތީ މޮރީޒިއޯއެވެ.

މޮރީޒިއޯ ސަރީ ނެޕޯލީ ދޫކޮށްލުމުން ދެން އެކްލަބާއި ހަވާލު ވާނީ ކާލޯށް އެންޗެލޯޓީ ކަމަށް ގިނަ ބަޔަކު ބުނެއެވެ، ހަމަ އެހެންމެ ނެޕޯލީ އާއި އެންޗެލޯޓީ ވެސް އަންނަނީ ވާހަކަ ދައްކަމުން ކަމަށް ބޭރު މީޑިއާ ތަކުން ބުނެއެވެ. މޮރީޒިއޯ ނެޕޯލީ އާއި ހަދާފައިވާ އެއްބަސްވުން ހަމަވަނީ 2020 ގައެވެ. ނަމަވެސް ނެޕީލީގެ ރައީސް ވަނީ ޓްވިޓާ ގައި ކޮށްފައިވާ ޕޯސްޓަކުން މޮރީޒިއޯ ކްލަބު ދޫކޮށްފައިވާކަމުގެ އިޝާރާތެއް ދީފައެވެ.

" މޮރީޒިއޯ ނެޕޯލީ އަށް ކޮށްދީފައިވާ ކަންތައްތަކަށް އަހަރެން ޝުކުރު ދަންނަވަން، ހުރިހާ ތަނެއްގެ ހުރިހާ އެންމެން ލޯބިވާ ފަދަ ފުޓުބޯޅައެއް ތައާރަފު ކޮށްދިނުމުގެ ސަބަބުން މިސިޓީގެ ހުރިހާ އެންމެން ވެސް މޮރީޒިއޯ އަށް ތައުރީފު ކުރޭ، ޝުކުރިއްޔާ މޮރީޒިއޯ" ނެޕޯލީގެ ރައީސް އޮރެލިއޯޑެ ލޮރެންޓިސް ކުރި ޕޯސްޓްގައި ބުނެފައިވެއެވެ.

ރިޕޯޓުތައް ބުނާގޮތުން ޒެނިތުން ވަނީ މޮރީޒިއޯ ރަޝިޔާ އަށް ގެނައުމަށް 3.5 މިލިއަން ޕައުންޑު ދޭން އެއްބަސް ވެފައެވެ، ނަމަވެސް މޮރީޒިއޯ މިހުށަހެޅުން ގަބޫލު ނުކުރީ އޭނާ ޗެލްސީ އަށް ދާންބޭނުން ވުމުގެ ސަބަބުން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.