ޗެމްޕިއަންސް ލީގުގެ ގްރޫޕް އީގައި ރޭ ޗެލްސީއާއި ރެނެސްގެ ކުރިމަތިލުމުގައި ޗެލްސީގެ ޖަރުމަނު ފޯވާޑް ޓިމޯ ވާނާ ކާމިޔާބުކުރި ދެ ޕެނަލްޓީއާއެކު އެޓީމު ފަސޭހަކަމާއެކު މެޗުން މޮޅުވެއްޖެއެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މިމެޗުން އެޓީމު މޮޅުވީ 0-3ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޓިމޯ ވާނާއެވެ. މިއީ އޭރިއާތެރެއިން ރެނެސްގެ ޑެލްބާޓް ވާނާއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

ޗެލްސީގެ ދެވަނަ ލަނޑަކީވެސް ލިބުނު ޕެނަލްޓީއަކުން މެޗުގެ 41 ވަނަ މިނެޓުގައި ވާނާ ކާމިޔާބުކުރި ލަނޑެކެވެ. އޭރިއާތެރެއިން ޑެލްބާޓްގެ އަތުގައި ބޯޅަ ޖެހުމާއި ގުޅިގެން ވީއޭއާރް ބެލުމަށްފަހު ރެފްރީ ޗެލްސީއަށް ޕެނަލްޓީއެއް ދިންއިރު ޑެލްބާޓްއަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއިއެކު ރަތްކާޑުވެސް ދައްކާފައެވެ.

ޗެލްސިއިން މެޗުގަިއ ޖެހި ތިންވަނަ ލަނޑަކީ ދެވަނަ ހާފުގެ 5 ވަނަ މިނެޓުގައި ރީސް ޖޭމްސް ނަގައިދިން ހުރަހެއް ގޯލްގެ ތެރެއަށް ފޮނުވާލައިގެން ޓެމީ އަބްރަހަމް ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިގުރޫޕުގައި ދެން ރޭ ކުޅުނީ ސްޕެއިންގެ ސެވިއާ އާއި ރަޝިއާގެ ކްރަސްނޮޑާރްއެވެ. މިމެޗުން ކްރަސްނޮޑާރް އިން ފުރަތަމަ ހާފުގެ ކުރީކޮޅު މޮޅު ކުޅުމެއް ދައްކާ 21 މިނެޓުތެރޭގައި ދެލަނޑު ކާމިޔާބުކޮށްފައި ވަނިކޮށް ސެވިއާއިން މެޗުން މޮޅުވީ ފަހަތުން އަރާ ތިން ލަނޑު ކާމިޔާބުކޮށްގެނެވެ.

ކްރަސްނޮޑާރުގެ ފުރަތަމަ ލަނޑު 17 ވަނަ މިނެޓުގައި ސުލޭމާނޮވް ކާމިޔާބުކުރިއިރު ދެވަނަ ލަނޑަކީ ލިބުނު ޕެނަލްޓީއެއްގައި 21 ވަނަ މިނެޓުގައި މާކަސް ބާގް ކާމިޔާބުކުރި ލަނޑެކެވެ.

ސެވިޔާގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް އެޓީމަށް ފަރަގުކޮށް ދިނީ ފުރަތަމަ ހާފުގެ ފުރިހަމަވަގުތު ހަމަވާން 3 މިނެޓަށް ވެފައިވަނިކޮށް މިސީޒަނުގައި ބާސެލޯނާއިން އެޓީމާއި ގުޅުނު އިވާން ރަކިޓިޗެވެ.

ސެވިޔާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރި ލަނޑުގެ އިތުރުން މެޗުން މޮޅުވި ލަނޑުވެސް ދެވަނަހާފުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މޮރޮކޯގެ ޒުވާން ފޯވާޑް ޔޫސުފް އެން ނަސީރީއެވެ.

މިނަތީޖާތަކާއިއެކު މިގުރޫޕުގެ އެއްވަނައިގައި 7 ޕޮއިންޓާއެކު އޮތީ ޗެލްސީއެވެ. ދެވަނައިގައި ސެވިޔާ ހަމަ މިއަދަދަށް ޕޮއިންޓު ހޯދައިގެން އޮތްނަމަވެސް ޗެލްސީއަށް ކުރި ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ތިންވަނައިގައި ކްރަސްނޮޑާރު އޮތްއިރު ހަތަރުވަނައިގައި އޮތީ ރެނެސްއެވެ.