ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކްލަބް ބްރޫޖް ކޮޅަށް ޒުވާން ތަރި އާލިންގް ހާލަންޑު ކާމިޔާބުކޮށްދިން ދެލަނޑާއެކު ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑު މޮޅުވެ ގްރޫޕް އެފްގެ އެއްވަނަ މަގާމަށް ޖެހިލައިފިއެވެ.

ބްރޫޖްގެ ދަނޑުގައި ކުޅުނު މިމެޗުން ޑޯޓްމަންޑު މޮޅުވީ 0-3ގެ ނަތީޖާއަކުންނެވެ. ހަމަހަމަ ކުޅުމެއް މިމެޗުން ފެނިގެންދިޔަނަމަވެސް ޑޯޓްމަންޑުން މެޗުގައި ކުރިހޯދީ ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފައިގެންނެވެ.

ޑޯޓްމަންޑުގެ ތިން ލަނޑުވެސް މެޗުގެ ފުރަތަމަ ހާފުގައި ފެނިގެންދިޔައިރު އެޓީމުގެ ފުރަަތަމަ ލަނޑަކީ 14 ވަނަ މިނެޓުގައި ތޯގަން ހަޒާޑު ކާމިޔާބުކޮށްދިން ލަނޑެކެވެ. މިލަނޑަކީ ތޯމަސް ޑެލާނޭ ނަގައިދިން ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ބްރޫޖްގެ ގޯލް ކީޕަރު ސައިމަން މިގްނިލެޓަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ހަޒާޑު ކާމިޔާބުކޮށްދިން ލަނޑެކެވެ.

އޭގެ 4 މިނެޓުފަހުން ހާލަންޑު ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްދީ ޑޯޓްމަންޑަށް ލީޑު ފުޅާ ކޮށްދީފައެވެ. މިލަނޑަކީވެސް ހާލެންޑު ބޮލުން ފޮނުވާލި ހަމަލާއެއް ކީޕަރު އަތުގައި ޖެހިފައި އައުމުން ގޯލްތެރެއަށް ފޮނުވާލައިގެން ހާލަންޑު ކާމިޔާބުކުރި ލަނޑެކެވެ.

ޑޯޓްމަންޑުގެ ތިންވަނަ ލަނޑަކީ ޓީމެއްގެ ގޮތުަގައި ކުޅެ ޑޯޓްމަންޑުން ތަނަވަސްކުރި ފުރުސަތެއްގައި ތޯމަސް މިއުނިއާ މުޅިން ހުސްކޮށްލާފައި ދިން ޕާސް ހުސްގޯލެއްގެ ތެރެއަށް ވައްދާލައިގެން ހާލަންޑު ކާމިޔާބުކޮށްދިން ފަސޭހަ ލަނޑެކެވެ.

ރޭ ވަނީ މިގުރޫޕުގެ އިތުރު މެޗެއްވެސް ކުޅެފައެވެ. މިމެޗުގައި ޒެނިތް ސެއިންޓް ޕީޓާސްބާގާއި ލާޒިއޯގެ ކުރިމަތިލުން ނިމުނީ 1-1 އިން މެޗު އެއްވަރުވެގެންނެވެ.

މެޗުގައި ޒެނިތް އިން ޖެހި ލަނޑު ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި އެލެކްސަންޑްރާ ޔެރޯހިން ކާމިޔާބުކުރި އިރު ލާޒިއޯއިން މެޗުގެ ނަތީޖާ ހަމަހަމަކުރި ލަނޑު ދެވަނަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން 8 މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ފިލިޕޭ ކައިސެޑޯއެވެ.

މިނަތީޖާތަކާއި އެކު މިގުރޫޕުގެ އެއްވަނައިގައި މިހާރު އޮތީ ކުޅުނު 3 މެޗުން 6 ޕޮއިންޓު ހޯދައިގެން ޑޯޓްމަންޑެވެ. ދެވަނައިގައި ލާޒިއޯ އޮތީ 5 ޕޮއިންޓާއެކުއެވެ. 4 ޕޮއިންޓާއެކު ބްރޫޖް ތިންވަނައިގައި އޮތްއިރު 1 ޕޮއިންޓާއެކު ފުލުގައި އޮތީ ޒެނިތެވެ.