ރޭ ތުރުކީގެ އިސްތާންބުލް ބަޝަކްޝަހިރާއި ދެކޮޅަށް ކުޅުނު މެޗުގައި ޑިފެންޑަރުންގެ ފަރާތުން ހެދި ގިނަ ގޯސްތަކެއްގެ ސަބަބުން މިސީޒަނުގެ ޗެމްޕިއަންސް ލީގުގައި އިނގިރޭސިވިލާތުގެ މެންޗަސްޓަރ ޔުނައިޓެޑު ފުރަތަމަ ފަހަރަށް ބަލިވެއްޖެއެވެ.

ބަޝަކްޝަހިރުގެ ދަނޑުގައި ކުޅުނު މިމެޗުން ޔުނައިޓެޑު ބަލިވީ 1-2ގެ ނަތީޖާއަކުންނެވެ. މިއާއެކު އަވޭ މެޗުތަކުގައި އެޓީމުން ބަލިނުވެ ދަމަހައްޓަމުން އައި 18 މެޗުގެ ރެކޯޑް ވަނީ ނިމުމަކަށް އައިސްފައެވެ.

މެޗުގެ ކުރީކޮޅު ޔުނައިޓެޑުގެ ފަރާތުން ރަނގަޅު ހަމަލާތަކެއް އުފައްދާ މޮޅަށް ކުޅުނު ނަމަވެސް މެޗުގެ 13 ވަނަ މިނެޓުގައި ބަޝަކްޝަހިރުގެ ސެނެގާލް ފޯވާޑް ޑެމްބާ ބާ ވަނީ ލަނޑެއް ޖަހާ އެޓީމަށް ލީޑު ނަގައިދީފައެވެ. އޭނާގެ މިލަނޑަކީ ކައުންޓަރ އެޓޭކެއްގައި ދަނޑުގެ މެދު ރޮނގުން ފެށިގެން ދުވެ ކީޕަރުގެ އިތުރުން ހުރަސް އަޅާނެ ޔުނައިޓެޑުގެ އެއްވެސް ކުޅުންތެރިއަކު ނެތި މުޅިން ހުސްކޮށް ހުރެގޮސް އޭރިއާގެވެސް ބޭރުން ފޮނުވާލި ރީތި ހަމަލާއެއް ގޯލްގެ ތެރެއަށް ވައްދާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.

ބަޝަކްޝަހިރުގެ ދެވަނަ ލަނޑުގައިވެސް ޔުނައިޓެޑު ޑިފެންޑަރުންގެ ފަރުވާކުޑަކަން ފެނިގެންދިޔައެވެ. ޑެނިޒް ޓުރުކް ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަންނަން ދިޔައިރު ޔުނައިޓެޑުގެ ފަހަތުގައި ތިބި ތިން ޑިފެންޑަރުން ވެސް އޭނާކައިރީ ތިބުމުން އަނެއް ފަޅިން މުޅިން ހުސްކޮށްހުރި އެޑިން ވިސްކާއަށް ހުރަސްކޮށްދިން ބޯޅަ އޭނާ ވަނީ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ބަޝަކްޝަހިރަށް ލީޑު ފުޅާކޮށްދީފައެވެ.

މެޗުގައި ޔުނައިޓެޑުން ޖެހި ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން 2 މިނެޓަށް ވެފައި ވަނިކޮށް ލޫކް ޝޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ އެންތަނީ މާޝިއަލްއެވެ.

މެޗުން ބަލިވެ ޔުނައިޓެޑުގެ ކޯޗް އަދި އެޓީމުގެ ޑިފެންސްލައިނަށް ގިނަ ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެގޮތުން އެޓީމުގެ ކުރީގެ ކުޅުންތެރިއާ ޕައުލް ސޮކޯލްސް ބުނީ ޔުނައިޓެޑުގެ ޑިފެންސްލައިން ރޭ ފެނިގެންދިޔައީ 10 އަހަރުން ދަށުގެ ޓީމެއްގެ ޑިފެންސްލައިނާއް ފަދައިން ކަމަށެވެ.

މިގުރޫޕުގައި ރޭ ފްރާންސްގެ ގަދަބާރު ޕީއެސްޖީވެސް ވަނީ ޖަރުމަނުގެ އާރް.ބީ ލިޕްޒިގް އަތުން ހަމަ 1-2ގެ ނަތީޖާ އަކުން ބަލިވެފައެވެ.

މިމެޗުގައި ޕީއެސްޖީގެ ހަމައެކަނި ލަނޑު މެޗުގެ 6 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އޭންޖަލް ޑި މަރިއާއެވެ. މީގެ އިތުރުން އޭނާއަށް ވަނީ ލަނޑުޖަހަން މެޗުގައި ޕެނަލްޓީއެއް ލިބިފައެވެ. އެހެންނަމަވެސް އޭނާ ފޮނުވާލި ޕެނަލްޓީ ލިޕްޒިގުގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ލިޕްޒިގުން ނަތީޖާ ހަމަހަމަ ކުރި ލަނޑު ފުރަތަމަ ހާފު ނިމެން ދަނިކޮށް ނިކުންކޫ ކާމިޔާބުކޮށްދިން އިރު މެޗުން މޮޅުވި ލަނޑު ދެވަނަ ހާފުގެ 57 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެމިލް ފޯސްބާގެވެ.

މެޗުން ބަލިވި ނަމަވެސް ކުޅުނު ތިންމެޗުން 6 ޕޮއިންޓު ހޯދައިގެން ޕޮއިންޓް ތާވަލްގެ އެއްވަނައިގައި އޮތީ ޔުނައިޓެޑެވެ. ދެވަނައިގައި އޮތް ލިޕްޒިގަށްވެސް 6 ޕޮއިންޓު ލިބިފައިވާއިރު ޔުނައިޓެޑަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ތިންވަނައިގައި ޕީއެސްޖީ އޮތްއިރު 4 ވަނައިގައި ބަޝަކްޝަހިރު އޮތީވެސް ޕީއެސްޖީއާއި ޕޮއިންޓުގެ ގޮތުން އެއްވަރުކޮށެވެ. ޕީއެސްޖީއަށްވެސް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.