ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ހދ.ކުމުންދޫގައި އަންހެނުންނަށް ހާއްސަކޮށްގެން ފެށި "ކޭވައިއެސް ވުމެންސް ފުޓްސަލް ލީގް 2020" ގައި މިއަދު ސަންދިޔަ ފުރަތަމަ މޮޅު ހޯދިއިރު ލަނޑު ގޯންޏެއް އޮއްސާލާ ޓާފް ކުއީން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ތާވަލުގެ އެއްވަނައަށް ޓާފް ކުއީން ޖެހިލީ މިރޭ އެފްސީ ރެެހެނދި 10-1 އިން ބަލިކޮށްގެންނެވެ. މި މޮޅާއެކު ކުޅުނު ދެ މެޗުންވެސް މޮޅުވެ އެ ޓީމު އޮތީ އެއްވަނައިގައި ހަ ޕޮއިންޓާއެކުގައެވެ. މި އަދަދަށް ޕޮއިންޓު ހަމަކޮށްގެން ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ސީއެސް ވިމެންސް އަށް ދެވަނަ ލިބެނީ ލަނޑުގެ ތަފާތުންނެވެ.

ރެހެނދި ކޮޅަށް މި މެޗުގައި ލަނޑު ޖެހި ކުޅުންތެރިންނަކީ 5 ލަނޑު ޖެހި ފާތުމަތު ޒާރާ އާއި ދެ ގޯލު ޖެހި ސާމިހާ މުހައްމަދު ގެ އިތުރުން ހައްވާ ހަސަން، އާމިނަތު މުހައްމަދު އަދި ސަހީމާ ހަސަން، މިއިން ކޮންމެ ކުޅުންތެރިއަކު ގޯލެކެވެ. ރެެހެނދި ޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ އައިޝަތު ޝަރީފާ އެވެ.

ހަވީރު ކުޅުނު މެޗުގައި ބައްދަލުކުރީ ސަންދިޔަ އާއި ޒީރު ސްޓާސް އެވެ. މި މެޗު ސަންދިޔަ ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އެ ޓީމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ސަޒުލާ ހަސަން ދެ ގޯލު ޖެހިއިރު ރާޝިދާ މޫސާ ވަނީ އެއް ގޯލު ޖަހާފައެވެ.

މުބާރާތުގައި މާދަމާވެސް މި މުބާރާތުގެ ފޯރިގަދަ ދެ މެޗު ކުޅޭނެއެވެ. ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ރެހެނދި އާއި ސަންދިޔަ އެވެ. އަދި ރޭގަނޑު ކުޅޭ މެޗުގައި ބައްދަލުކުރާނީ ސީއެސް ވިމެން އާއި ޓާފް ކުއީން އެވެ.

ޖުމްލަ ފަސް ޓީމާއެކު ބާއްވާ މި މުބާރާތް ކުރިއަށްދާނީ ނޮވެމްބަރު 3 އިން 11 އަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ. މި މުބާރާތަކީ ހަމައެކަނި ކުމުންދޫ ކަނބަލުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ކުރިއަށްދާ މުބާރާތެކެވެ. ކުމުންދޫ ފުޓްސަލް އެރީނާގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ މެއިން ސްޕޮންސަރަކީ މަންނާމް އެވެ.

މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ވަގުތު އެވެ.