މިއަހަރުގެ ޑިސެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާ ރާއްޖޭގެ ފުޓުބޯޅަ ސީޒަނާ ކުލަބުތައް ކުރިމަތިލަނީ ބޮޑެތި ޗެލެންޖުތަކާއެކުއެވެ. ކޮވިޑް-19 ގެ ހާލަތުގެ ސަބަބުން ފުޓުބޯޅައާ ދުރުގައި ގިނަ ކުޅުންތެރިން ދުވަސްތައް ވޭތުކުރުމަށްފަހު ސީޒަން ފެށެން ކުޑަތަންވެފައިވާ މި ދަނޑިވަޅުގައި ގިނަ ކުޅުންތެރިންނަށްވެސް މިއީ ފަސޭހަ ވަގުތެއް ނޫނެވެ. އެއީ ކުރީގެ ކުޅުމަށް ރުޖޫއަވާން ވަގުތު ނެތުމާއި، ކުރީގެ ފިޓްނަސް އަނބުރާ ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ގިނަވުމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުއްދައާ އެކު މި މަހު ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ ޕްރެކްޓިސް ފެށިއިރު ގިނަ ކުލަބުތައް އޮތީ މާލީގޮތުން ދަށް ހާލަތެއްގައެވެ. ސްޕޮންސަަރުން ނުލިބުމާއި ލިބެންޖެހޭ ގިނަ ފައިސާތަކެއް ނުލިބި ދިގުލައިގެން ދިއުމާއި ގުޅިގެން އާ ސީޒަނަށް ކުލަބުތައް ފަރިތަކުރުންތައް ފެށީ އެންމެ އެކަށީގެންވާ ވަރަށް ތައްޔާރުވެވިގެން ނޫނެވެ.

އެފްއޭއެމްގެ ޝެޑިއުލްގައިވާ ގޮތުން ރާއްޖޭގެ ފުޓްބޯޅަ ސީޒަން ޑިސެމްބަރު އަށް ވަނަ ދުވަހު ޗެރިޓީ ޝީލްޑް މެޗުން ފަށާ ގޮތަށް ހަމަޖައްސާފައިވާއިރު ޗެރިޓީ ޝީލްޑް މެޗުގައި ކުޅޭނީ މިދިޔަ ސީޒަނުގެ ލީގުގެ ޗެމްޕިއަން މާޒިޔާ އާއި އީގަލްސްއެވެ. އީގަލްސް އިން ފުރަތަމަ ފަހަރަށް ޝީލްޑް މެޗުގައި ކުޅޭއިރު، އެ ޓީމަށް ފުރުސަތު ލިބުނީ މިދިޔަ ސީޒަނުގެ އެފްއޭ ކަޕް ކެންސަލްވުމުން ލީގުގެ ރަނަރަޕްގެ ހައިސިއްޔަތުންނެވެ. ޗެރިޓީ ޝީލްޑް މެޗަށް ފަހު ލީގު ފަށަން ތާވަލުކޮށްފައި އޮތީ ޑިސެމްބަރު 13 ވަނަ ދުވަހުއެވެ.

ލީގުގެ ފުރަތަމަ ބުރުގެ ކުޅުން ނިމޭނީ އަންނަ ޖެނުއަރީ މަހު 22 ވަނަ ދުވަހުއެވެ. ޝެޑިއުލް މިހާރު އޮތްގޮތަށް ބަދަލެއް އަންނާނީ ބައިނަލްއަގުވާމީ މެޗުތަކުގެ ކަލަންޑަރުގެ ދުވަސްތަކަށް ބެލުމަށް ފަހު ކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ. އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތަށް ފަރިތަކުރުންތައް ފެށި ޓީމުތަކުގެ ތައްޔާރީތަކަށް މިހާހިސާބުން ބަލާލާނަމެވެ.

ފުރަތަމަ ޑިވިޝަން ޓީމުތަކުން ޕްރެކްޓިސް ފެށުމަށް ފަހު އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އޮތީ ކުޅުންތެރިންގެ ފިޓްނަސް މައްސަލައެވެ. ގާތްގަނޑަކަށް އަށެއްކަ މަހަށްފަހު ކުއްލިއަކަށް ޕްރެކްޓިސްތަކެއް ކޮށްލައިގެން މަދު ދުވަސްކޮޅެއްގެ ތެރޭގައި އެންމެ ރަނގަޅު ލެވަލަށް ފިޓްނަސް ގެންދެވުމަކީ ބޮޑު ޗެލެންޖެއްގެ ގޮތުގައި ގިނަ ކޯޗުން ގަބޫލުކުރެއެވެ.

އާ ސީޒަނަށް ތައްޔާރުވާ ޓީމުތަކުގެ ތައްޔާރީތަކަށް މިހާހިސާބުން ބަލާލާނަމެވެ. ޓީމުތަކުގެ މައުލޫމާތު ހިމަނާފައިވަނީ ފަރިތަކުރުންތައް ފެށި ތަރުތީބުންނެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން

ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ އަށް ކްލަބްގެ ފަރިތަކުރުންތައް ފަށަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރަސްމީކޮށް ދިން ހުއްދައާއެކު އެންމެ ފުރަތަމަ ފަރިތަކުރަން ފެށި ޓީމަކީ މާޒިޔާއެވެ. އެޗްޕީއޭ އިން ދިން ހާއްސަ ހުއްދައެއްގެ ދަށުން މިދިޔަ މަހުގެ 23 އިން އަންނަ މަހު ހަތަރަކަށް މާލޭގައި ބާއްވަން ތާވަލުކޮށްފައި އޮތް އޭއެފްސީ ކަޕް ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތަކަށް މާޒިޔާ އިން ޕްރެކްޓިސް ފެށި ނަމަވެސް އޭއެފްސީން ވަނީ މުބާރާތް ފަހު ވަގުތު ކެންސަލްކޮށްފައެވެ. ކެންސަލްކުރި އިރު މާޒިޔާއިން ބޮޑެތި ހޭދަތަކެއް ވަނީ ކޮށްފައެވެ. އެ ހަރަދުތަކުގެ ބަދަލު ހޯދުމަށް މަސައްކަތްކުރި ނަމަވެސް އޭއެފްސީން ވަނީ އެކަން އެގޮތަށް ކުރެވެން ނެތްކަމަށް އަންގާފައެވެ.

މާޒިޔާއިން ފަރިތަކުރުންތައް ފެށިއިރު އެ ޓީމުގެ ސްކޮޑަށް މާ ބޮޑު ބަދަލެއް ނާދެއެވެ. ބިދޭސީ ކުޅުންތެރިން ކަމަށްވާ ކޯނޭލިއަސް ސްޓެވާޓް އާއި މިދިޔަ ސީޒަނުގައި އެ ކުލަބަށް ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދެއްކި ސާބިއާގެ ޑިފެންޑަރު ޕީޓާ ޕްލަނިޗްގެ އިތުރުން ބިދޭސީ އާ ކުޅުންތެރިއެއްގެ ގޮތުގައި އެ ޓީމާއި ގުޅުނު ސާބިއާގެ ނިކޮލާ ވުޖަނަކް ފާހަގަކޮށްލެވެއެވެ. މީގެއިތުރުން ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އުމެއިރުވެސް ވަނީ މާޒިޔާއާއި ގުޅިފައެވެ.

ކުލަބް ވެލެންސިއާ

ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބުތަކުގެ ތެރޭގައި ހިމެނޭ ވެލެންސިއާ ފުރަތަމަ ޑިވިޝަނުގައި މި ސީޒަނުގައި ވާދަކުރާނީ އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. ދެވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް އައި އިރު ވެލެންސިއާ އަކީ މިހާރު ވާދަކުރާ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުގެ ތެރެއިން އެންމެ ދުވަސްވީ އެއް ކުލަބެވެ.

ވެލެންސިއާ އިން އާ ސީޒަނަށް ކުރިމަތިލާއިރު އެ ޓީމުން މި ސީޒަނުގައި ގިނައިން ފެންނާނީ ކުރީ ސީޒަނުގައި ކުޅުނު ކުޅުންތެރިންނެވެ. އެ ޓީމާއި އަލަށް ގުޅުނު ކުޅުންތެރިންނަކީ ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި ސްޕެއިނުގެ ހަތަރު ވަނަ ޑިވިޝަނުގެ ޔޫޑީ ކެނަލްސް އަށް ކުޅުނު އިސްމާއިލް ޒާން އާމިރުގެ އިތުރުން ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާހުރި ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް) އެވެ.

ވެލެންސިއާ އިން މި ފަހަރު ކޯޗަކަށް ގެނައީ ކުރިން ޓީސީ އާއި ޔުނައިޓެޑް ވިކްޓްރީގައި ރަނގަޅު މަސައްކަތްތަކެއް ކުރި ގައުމީ އަންހެން ޓީމުގެ ކޯޗުކަމާއި ފިރިހެން ޓީމުގެ އެސިސްޓަންޓް ކޯޗުކަން ކުރި މުހައްމަދު އާތިފް (އާތީ) އެވެ.

ކުލަބް ގްރީންސްޓްރީޓްސް

ގްރީންގެ ފަރިތަކުރުންތަކުގެ ތެރެއިން

މިފަހަރުގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ކުލަބުތަކުގެ ތެރެއިން އެންމެ ބޮޑު ބަދަލެއް ފެންނާނެ އެއް ޓީމަކީ ގްރީންސްޓްރީޓްސް އެވެ. މިދިޔަ ފެބްރުއަރީ މަހު ގްރީން ސްޓްރީޓްސްގެ ކޯޗުކަމާ އަލީ ނިސްތާރު މުހައްމަދު ހަވާލުވުމަށްފަހު އެ ޓީމު ވަނީ އޭނާ ބޭނުންވާފަދަ ގޮތަކަށް ބައްޓަންކޮށްފައެވެ.

އެގޮތުން އޭނާގެ މާލިމީގެ ދަށުން ކުރިން ކުޅުނު ކުޅުންތެރިން ކަމަށްވާ ހަސަން ނަޒީމް ގާސިމް (ޗޯޓު)، މުހައްމަދު ޖައިލަމް (އޮގީ)، އަހުމަދު ނާހިލް އިބްރާހިމް، މުހައްމަދު ކަރަމް، އިބްރާހިމް ހަސީބު އަދި އަންސަރު އިބްރާހިމް (އަންކޮ) ވަނީ ގްރީން އާއި ގުޅިފައެވެ. މީގެއިތުރުން ބިދޭސީ ކުޅުންތެރިންގެ ތެރޭގައި ސްޕެއިނުގެ މިޑްފީލްޑަރު އެންޖެލް މުނޯޒް އާއި މިސްރުގެ މިޑްފީލްޑަރު ހަލީލް ޖަމާލްގެ އިތުރުން ޕާކިސްތާންގެ ގޯލްކީޕަރު ހަނީފް ސާގިބް އެ ސްކޮޑުގައި ހިމެނެއެވެ.

ކުރިޔަށްއޮތް ތަނުގައި އިތުރު ކުޅުންތެރިންތަކެއް އެ ކުލަބާއި ގުޅޭނެކަމަށް އެ ޓީމުން މައުލޫމާތުދެއެވެ. ޒުވާން ކުޅުންތެރިންތަކެއް އެ ކުލަބުގައި ތިބިއިރު ތަޖުރިބާކާރު ކުޅުންތެރިންތަކެއް ވެސް އެ ސްކޮޑުގައި ހިމެނެއެވެ. އެގޮތުން ރިލްވާން ވަހީދު ވެސް އެ ޓީމުގައި ހިމެނެއެވެ.

ސުޕަ ޔުނައިޓެޑް ސްޕޯޓްސް

ސުޕަ ޔުނައިޓެޑުގެ ފަރިތަކުރުންތަކުގެ ތެރެއިން

ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަކީ އެޗްޕީއޭ އިން ފުރަތަމަ ޑިވިޝަންގެ ޕްރެކްޓިސްތައް ފަށަން ހުއްދަދިން ފަހުން ފަރިތަކުރުން ފެށި ހަތަރު ވަނަ ކްލަބް އެވެ.

ސަސް ވަރުގަދަކުރުމުގެ ގޮތުން އެ ޓީމުން ވަނީ ޓީސީ ސްޕޯޓްސް ކްލަބްގެ ކެޕްޓަން އަހުމަދު ފައްރާހު (ފައްރަ) އާއި ޔުނައިޓެޑް ވިކްޓްރީގެ މިދިޔަ އަހަރުގެ ކެޕްޓަން އަހުމަދު ޝާފީ (ޝާފިއު) އާއި ތަޖުރިބާކާރު ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ)ގެ ސޮއި ހޯދާފައެވެ. މީގެއިތުރުން ޒުވާން ކުޅުންތެރިން ކަމަށްވާ އަހުމަދު އައިހަމް އާއި އަރާޝް އައްސަދު އާއި ޒުވާން ހުނަރުވެރި ކުޅުންތެރިންތަކެއް އެ ޓީމުގައި ހިމެނެއެވެ.

ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ތަޖުރިބާކާރު ކޯޗު އަހުމަދު ނާޝިދު (ނާދު) އެވެ. އަދި ޓީމުގެ ގޯލްކީޕަރު ޓްރެއިނަރު އަދި ޓެކްނިކަލް ކަންކަމުގައި ހަރަކާތްތެރިވަނީ ހަސަން ހަމީދު (ޑަކޭ) އެވެ.

މިދިޔަ އަހަރު ދެވަނަ ޑިވިޝަނުގެ ރަނަރަޕްގެ ގޮތުގައި ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ސަސް ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި 13 ޑިސެމްބަރު ވަނަ ދުވަހުގެރޭ ކުޅޭނީ ކްލަބް އީގަލްސްއާ ދެކޮޅަށެވެ.

ޔުނައިޓެޑް ވިކްޓްރީ

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ޔުނައިޓެޑް ވިކްޓްރީން ފަރިތަކުރުންތައް ފެށީ ވަރުގަދަ ކޯޗިން ޓީމަކާއެކުއެވެ. އެގޮތުން ހެޑް ކޯޗު މުހައްމަދު އާދަމްއާއެކު އިހުސާން އަބްދުލް ޢަނީ (ސާންތި) އާއި ކުރީގެ މަޝްހޫރު ގޯލްކީޕަރު އިސްމާއިލް ޒަރިޔަންދު އަދި ކުރީގެ އެއްވަނަ ފޯވާޑް އާދަމް އަބްދުއް ލަތީފް (ލައްޗޭ) ވަނީ ޓީމުގައި ބައިވެރިވެފައެވެ. ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރޭގައިވެސް ތަޖުރިބާކާރު ކުޅުންތެރިންތަކެއް ހިމެނެއެވެ.

އޭގެތެރޭގައި މުހައްމަދު އާރިފް (ބަކާ)، އިސްމާއިލް ފަރުހާދު (ފަރޭ) އާއި އިސްމާއީލް އީސަ (މެސީ)، އަހުމަދު ރަޝީދު (އައްމަޑޭ) އަދި އަހުމަދު ނިޒާމް (ނިޒާމްބެ) ފާހަގަކޮށްލެވެއެވެ. މީގެއިތުރުން އެ ޓީމަށް ބޭރު ހަތަރު ކުޅުންތެރިން ގެންނަން ނިންމާފައިވާ ކަމަށް އެ ކުލަބުން މައުލޫމާތުދެއެވެ. މި ހަތަރު ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއަކު ފިޔަވައި އެހެން ކުޅުންތެރިންނަކީ ރާއްޖޭގައި ކުޅުނު ކުޅުންތެރިން ކަމަށްވެސް އެ ކުލަބުން މައުލޫމާތުދެއެވެ.

ކުލަބް އީގަލްސް

އާ އަހަރުގެ ފުޓުބޯޅަ ސީޒަނަށްވުރެ ބޮޑަށް ކުލަބް އީގަލްސްގެ އެންމެ ފުރަތަމަ ޓާގެޓަކީ އޭއެފްސީ ކަޕުގެ ޕްލޭއޮފަށް ޓީމު ތައްޔާރުކުރުމެވެ. އެއީ އެ ކުލަބުގެ ތާރީހުގައިވެސް މިހާތަނަށް ނުހޯދޭ ބޮޑު ކާމިޔާބެކެވެ. އީގަލްސް އަށް ސީޒަން ފެށުން އޮތީ އަންނަ މަހު ނުވަ ވަނަ ދުވަހު ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗުންނެވެ. ދިވެހި ޕްރިމިއާ ލީގުގައި އަންނަ މަހު 13 ގައި އީގަލްސް ކުޅޭނީ އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ދެކޮޅަށެވެ.

ފުޓްބޯޅައިގެ އެންމެ މަތީ ކޯޗިން ލައިސަންސް ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް ހާސިލްކޮށްފައިވާ މުހައްމަދު ޝިޔާޒް (މޯހަން) ގެ ކޯޗުކަމުގެ ދަށުން އީގަލްސްގެ ފަރިތަކުރުންތައް ކުރިޔަށްދާއިރު އެ ކުލަބަށް މިދިޔަ ފަސް އަހަރު އެ ޓީމު ގޯލު ބެލެހެއްޓި ސްރީލަންކާގެ ގައުމީ ޓީމު ގޯލްކީޕަރު ސުޖަން އެ ކުލަބު ދޫކޮށް ދިއުމާއި ގުޅިގެން ބްރެޒިލްގެ ދަށް ޑިވިޝަންތަކުގައި ކުޅުނު ކީޕަރެއް ކަމަށްވާ އަންދްރެއާ ރެގްލީ ގެންނަން އެ ކުލަބުން ވަނީ ނިންމާފައެވެ. އީގަލްސްގެ ސްކޮޑަށް މިފަހަރު މާބޮޑު ބަދަލެއް ނާދެއެވެ.

ޓީސީ ސްޕޯޓްސް ކުލަބު

މިއަހަރުގެ އޭއެފްސީ ކަޕު ކެންސަލްކުރުމާއެކު މާލީ ގޮތުން އެންމެ ބޮޑަށް އަޑިއަޅާލި އެ ކުލަބަކީ ޓީސީ ސްޕޯޓްސް ކުލަބެވެ. މުބާރާތަށްފަހު އެ ޓީމުގެ ސްކޮޑަށް ބަދަލުތަކެއް އައިއިރު ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ގެ ބެލުމުގެ ދަށުން އެ ޓީމަށް ވަނީ ޒުވާން ކުޅުންތެރިންތަކެއް ގެނެސްފައެވެ.

ޓީސީ އަށް ކުރިން ކުޅުނު ކުޅުންތެރިން ވެސް އެ ޓީމުގައި އެބަތިބި ކަމަށާއި ސްކޮޑާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށް އެ ކުލަބުގެ ކޯޗު ބުނެއެވެ. އަދި ކުރިޔަށް އޮތް ތަނުގައި ޓީމު ތަފާތުކޮށް ފެނިދާނެ ކަމަށާއި ޖުމްލަކޮށް ސްކޮޑު އޮތް ގޮތާމެދު ހިތްހަމަޖެހޭ ކަމަށް ޝާޒްލީ ބުންޏެވެ.

ލީގުގެ ޗެމްޕިއަންކަން 2018 ވަނަ އަހަރު ހޯދި ޓީސީން ކުރިއަށް އޮތް ސީޒަން ފަށާނީ އަންނަ މަހު 14 ވަނަ ދުވަހު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗުންނެވެ.

ދަ ގްރާންޑޭ ސްޕޯޓްސް ކުލަބް

އާ ސީޒަނަށް ތައްޔާރުވާން އެންމެ ފަހުން ފަރިތަކުރުންތައް ފެށި ޓީމަކީ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބެވެ. އިސްމާއިލް މަހަފޫޒް (އިންމަ) ގެ ކޯޗުކަމުގެ ދަށުން މިދިޔަ ސީޒަނުގައި ދަ ގްރާންޑޭ އިން ފެނުނު ގިނަ ކުޅުންތެރިން މި ސީޒަނުގައި ވެސް އެ ޓީމުގައި ހިމެނެއެވެ. މީގެއިތުރުން ބިދޭސީ ތިން ކުޅުންތެރިން ގުޅޭނެކަމަށް އެ ކުލަބުން މައުލޫމާތުދޭ އިރު އެ ޓީމާއި އަލަށް ގުޅުނު ކުޅުންތެރިއަކީ ތަޖުރިބާކާރު ފޯވާޑް އިބްރާހިމް ޝަފްރާޒް (ޝަފްލޭ) އެވެ.

އެ ޓީމުގެ މިފަހަރުގެ ޓާގެޓަކީ ކުރިއަށްވުރެ ރަނގަޅު ކާމިޔާބެއް ހޯދުމެވެ. އެ ސްކޮޑުގައި ތިބި ކުޅުންތެރިންނާއެކު އިންމަ ހުރީ ބޮޑު އުއްމީދެއްގައެވެ.