ސީޒަންގެ ކުރީކޮޅު ކުޅުނު މަދު މެޗުތަކުން މޮޅުވުމުން ނިމުނީ ނޫންކަމަށާއި ލީގުގެ ޓައިޓަލް ހާސިލްކުރަން ބޭނުންނަމަ ކުރަން އަދި ވަރަށް ބުރަ މަސަައްކަތްތަކެއް އެބަހުރިކަމަށް އިނގިރޭސި ވިލާތުގެ ޓޮޓެންހަމް ހޮޓްސްޕަރގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

ޕްރިމިއަރ ލީގުގެ މިހަފްތާގެ މެޗުގެ ކުރިން ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު މިސީޒަނުގެ ޕްރިމިއަރ ލީގު ޓޮޓެންހަމްއިން ކާމިޔާބުކުރާނެތޯ އެހުމުން މޮރީނިއޯ ބުނީ އެހާ ކުރިއަށް ވިސްނަން ބޭނުން ނުވާކަމަށާއި އަދި ވިސްނުން ހުރީ މިހާރު އެޓީމުން ކުޅެފައިވާ މެޗުގެ ނަތީޖާތަކަށް ކަމަށާއި ކައިރި މުސްތަގްބަލުގައި އެޓީމުން ކުޅެން ހުރި މެޗުތަކަށް ކަމަށެވެ. އަދި އުނދަގޫ މެޗުތަކުން ރަނގަޅު ކާމިޔާބީއެއް ހޯދުނު ނަމަވެސް ލީގު ކާމިޔާބުވިއްޔޭ ހިތައް ނާރާ ކަމަށެވެ.

މީގެއިތުރުން މޮރީނިއޯ ބުނީ ފުޓުބޯޅައިގައި އޭނާއަށް ލިބިފައިވާ ތަޖުރިބާއަށް ބަލާ ސީޒަނުގެ ކުރީ ކޮޅު މެޗުތަކުން ނިކުންނަ ނަތީޖާއަށް ބިނާކޮށް ގޮތެއް ނުނިންމާނެކަމަށެވެ. އަދި އޭނާ ގަބޫލުކުރާ ގޮތުގައި ކާމިޔާބީއާއި ހަމައަށް ވާސިލްވުމަށް މާދުރު މުސްތަގްބަލަކާއި ދޭތެރޭ ނުވިސްނާ ފަހަރަކު މެޗަކުން މޮޅުވާން ވިސްނުން އެއީ އެންމެ ބުއްދިވެރިގޮތް ކަމަށެވެ.

އަދި މިސީޒަނުގައި މިހާތަނަށް އޭނާގެ ޓީމުން ނެރެފައިވާ ނަތީޖާތަކާއި މެދު ހިތްހަމަ ނުޖެހޭ ކަމަށާއި ޕްރިމިއަރ ލީގުގައިވެސް އަދި ޔޫރަޕާ ލީގުގައިވެސް މިހާރު ހޯދިފައިވާ ވަރަށްވުރެ ގިނައިން ޕޮއިންޓު އެޓީމަށް ހޯދެން ޖެހޭނެކަމަށް ގަބޫލު ކުރާކަމަށްވެސް މޮރީނިއޯ ވަނީ ބުނެފައެވެ.

ޕްރިމިއަރ ލީގުގައި މިހާތަނަށް އެޓީމުން ހަތް މެޗެއް ކުޅެފައިވާއިރު މޮޅުވެފައިވަނީ އޭގެން 4 މެޗުންނެވެ. އަދި ދެމެޗުން އެއްވަރުވެފައިވާއިރު އެޓީމުން ވަނީ އެއް މެޗުން ބަލިވެފައެވެ.

މިއާއެކު އެޓީމަށް ޕޮއިންޓް ތާވަލުގައި ލިބުނު 14 ޕޮއިންޓާއެކު އެޓީމު އޮތީ ހަތަރު ވަނައިގައެވެ. އަދި ޔޫރަޕާ ލީގުގައި ކުޅުނު 3 މެޗުގެ ތެރެއިން ދެމެޗުން މޮޅުވެ އެޓީމު އޮތީ ގްރޫޕް ޖޭގެ އެއްވަނައިގައެވެ. އެޓީމަށް ކުރިއަށް ދެންއޮތީ މާދަން ހަވީރު ޕްރިމިއަރ ލީގުގައި ވެސްޓް ބްރަމާއި ދެކޮޅަށް ކުޅޭ މެޗެވެ.