ފަހުގެ ތާރީހެއްގައި ޕްރިމިއަރ ލީގުގެ އެންމެ މޮޅު ދެޑިފެންޑަރުން ކަމަށް ގިނަބަޔަކު ބަލާ ލިވަޕޫލްގެ ތަޖުރިބާކާރު ޑިފެންޑަރު ވާޖިލް ވެން ޑައިކާއި މެންޗަސްޓަރ ސިޓީގެ ކުރީގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީއާއި އެއް ހަމައެއްގައި ޗެލްސީއަށް ކުޅޭ ބްރެޒިލްގެ ތަޖުރިބާކާރު ޑިފެންޑަރު ތިއާގޯ ސިލްވާ ހިމެނޭނެ ކަމަށް އެޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފިއެވެ.

އުމުރުން 36 އަހަރުގެ ތިއާގޯ ސިލްވާ ޗެލްސީއާއި ގުޅުނީ ޕީއެސްޖީގައި ހުރުމަށްފަހު އެޓީމާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ފްރީ ޓްރާންސްފާއެއްގައެވެ. ލަމްޕާޑް ބުނިގޮތުގައި ތިއާގޯ އެޓީމާއި ގުޅުނުފަހުން ޓީމުގެ ޑިފެންސް ލައިން ކުރިއަށްވުރެ މަތީ ހަރުފަތަކަށް ގެންގޮސްދީފި ކަމަށާއި ޖެހިޖެހިގެން މިސީޒަނުގައި ޗެލްސީކޮޅަށް ލަނޑެއް ނުވަދެ ފަސްމެޗު ފުރިހަމަކުރެވުމުގައި ތިއާގޯގެ ހިއްސާ ވަރަށް ބޮޑުކަމަށެވެ.

މިރޭ ޕްރިމިއަރ ލީގުގައި ޝެފީލްޑް ޔުނައިޓެޑާއި ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ލަމްޕާޑް ބުނީ ތިއާގޯގެ ކާމިޔާބު ކެރިއަރަށް ބަލާލައިފިނަމަ އޭނާހޯދާފައިވާ ކާމިޔާބީތަކާއި އޭނާ ނިސްބަތްވާ ޓީމްތަކުގައި ދައްކާފައިވާ މޮޅު ކުޅުމަށް ބަލާލައިފި ނަމަ އެއީ މިޖީލުގައި ޕްރިމިއަރ ލީގުގެ އެންމެ މޮޅެތި ޑިފެންޑަރުންގެ ގޮތުގައި ބެލެވޭ ވެންޑައިކާއި ކޮމްޕެނީ އާ އެއްހަމައެއްގައި ގުނާލަން ޖެހޭނެ ކުޅުންތެރިއެއް ކަމަށެވެ.

ލަމްޕާޑް މިމޭރުމުން ވާހަކަދައްކާފައިވާއިރު ގިނަ ބަޔަކު އަންނަނީ މިސީޒަނުގައި ޗެލްސީގެ ޑިފެންސް ލައިނުގައި ތިއާގޯ އާއި ކާޓް ޒޫމާ ދައްކަމުން އަންނަ މޮޅު ކުޅުމައް ތައުރީފު ކުރަމުންނެވެ. އަދި ގިނަ ފަރާތްތަކަކުން ދެކޭ ގޮތުގައި މިވަގުތު ޕްރިމިއަރ ލީގުގެ ޓީމުތަކުގެ ތެރެއިން ދަނޑުމަޓީގައި އެންމެ ގުޅުން ރަނގަޅު ސެންޓަރ ޑިފެންޑަރުންގެ ޕެއަރ އަކީ މިދެކުޅުން ތެރިންނެވެ.

މިރޭ ޗެލްސީގެ އަމިއްލަ ދަނޑުގައި ޝެފީލްޑް ޔުނައިޓެޑާއި ދެކޮޅަށް ޗެލްސީ ނުކުންނައިރު މިވަގުތު ޕްރިމިއަރ ލީގުގެ ޕޮއިންޓް ތާވަލުގައި ޗެލްސީ އޮތީ ކުޅުނު ހަތްމެޗުން 12 ޕޮއިންޓު ހޯދައިގެން ހަތްވަނައިގައެވެ. އެޓީމު ކޮޅަށް މިސީޒަނުގައި ނުވަ ލަނޑު ވަދެފައިވާއިރު އެޓީމުން ވަނީ 16 ލަނޑު ކާމިޔާބުކޮށްފައެވެ.