ކުޅުންތެރިންނަށް ކުރާ ޚަރަދު ބޮޑުވުމުގެ ސަބަބުން އަންނަ ޖެނުއަރީ ޓްރާންސްފަރ ބާޒާރުގައި ސްޕެއިންގެ ބާސެލޯނާގެ ފުރަތަމަ ޓީމުގައި ހިމެނޭ މުހިއްމު ފަސް ކުޅުންތެރިއަކު ވިއްކާލަން އެ ކުލަބުން ތައްޔާރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބާސާގެ ފައިނޭންޝަން ރިޕޯޓުތައް ބުނާގޮތުން އެ ކުލަބުގެ ހަރަދުތައް ފޫބެއްދުމަށް ކުޅުންތެރިންގެ މުސާރަ ބޮޑުތަނުން ދަށްކުރަން ޖެހެއެވެ. އެއީ މިހާރު ދެމުން އަންނަ ބޮޑު މުސާރައިގައި ކުލަބުގެ ހަރަދުތައް ދެކޮޅު ނުޖެއްސޭނެތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ބާސާއިން ވިއްކާލަން މަސައްކަތްކުރަނީ އުސްމާން ޑެމްބެލޭ، ސެމުއެލް އުމްޓިޓީ، މާޓިން ބްރައިތްވެއިޓް، ކާލްސް އެލީނާ އަދި ޖޫނިއާ ފިރްޕޯ އެވެ. ޖެނުއަރީގައި މި ކުޅުންތެރިން ވިއްކާލުމަށް މަސައްކަތްކުރި ނަމަވެސް ޖެނުއަރީގައީ ބާސާއިން ގެންނަން މަސައްކަތްކުރާ މެންޗެސްޓަރ ސިޓީގެ ޑިފެންޑަރ އެރިކް ގާސިއާ އާއި ލިޔޯންގެ ފޯވާޑް މެމްފިސް ޑިޕޭ ހޯދުމުގެ މަސައްކަތަށް މަޑުޖެހުމެއް ނުގެނެއެވެ.

އަލަށް ގެންނަ މެމްފިސް އާއި އެރިކް އަކީ ބާސާގެ މިހާރުގެ ކޯޗު ކޫމަންގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނޭ ދެ ކުޅުންތެރިންނެވެ. ބެލެވޭގޮތުގައި ބާސާއިން މަސައްކަތްކުރާނީ މި ދަނޑިވަޅުގައި އިތުރު ހަރަދުތަކެއް ނުކޮށް ވިއްކާލާ ކުޅުންތެރިންގެ ފަރާތުން ލިބޭ އެއްޗަކުން އާ ދެ ކުޅުންތެރިން ހޯދުމަށެވެ.

ވިއްކާލަން ނިންމާފައިވާ ކުޅުންތެރިންގެ ތެރެއިން ޑެމްބެލޭ އަކީ މިހާރުގެ ކޯޗު ކޫމަންއާއެކު އެންމެ ގިނަވަގުތު ކުޅުނު ކުޅުންތެރިޔާ އެވެ. އެގޮތުން މިހާތަނަށް އާ ކޯޗާއެކު 258 މިނެޓު އާ ކޯޗުގެ ބެލުމުގެ ދަށުން އޭނާ ކުޅުނެވެ. އުުމުރުން 23 އަހަރުގެ ފޯވާޑް ބާސާއާއި ބޮޑު އަގުގައި ގުޅުމަށްފަހު އަދިވެސް އޭނާގެ އެންމެ ޓޮޕް ފޯމުގައި ކުޅެވޭގޮތެއް ނުވެއެވެ. އެއީ އަނިޔާގެ މައްސަލަތައް ބޮޑުވުމާއި ގުޅިގެންނެވެ.

ފޯވާޑް ބްރައިތްވެއިޓް އަކީވެސް މިހާތަނަށް އައި އިރު މާ އެދެވޭ ކުޅުމެއް ދެއްކިފައިނުވާ ކުޅުންތެރިއެކެވެ. އެއާއެކު އޭނާ ލަލީގާގެ ކުލަބަކަށް ވިއްކާލުމަށް މަސައްކަތްކުރަމުން އަންނަކަމަށް ރިޕޯޓުތައް ބުނެއެވެ. ފިރްޕޯ އަކީ ޖޯޑީ އަލްބާ ކުޅެމުން އަންނަ މަޑާމަށް ގެނައި ކުޅުންތެރިއެކެވެ. ނަމަވެސް މިފަހަރުގެ ޓްރާންފަރ ބާޒާރުގައި އެމެރިކާގެ ޑެސްޓް ގެނައުމާއެކު އެ މަޤާމަށް އިތުރު ކުޅުންތެރިއަކަށް ޖާގައެއް ނެތެވެ.

ބާސެލޯނާގެ އިންޓަރިމް ރައީސް ކާލޮސް ޓަސްކެޓްސް ވަނީ ޓީމުގެ އާމްދަނީ ހަމަޔަކަށް އެޅުވުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް ބުނެފައެވެ. ހާއްސަކޮށް ކުޅުންތެރިންނަށް ދޭ ބޮޑު މުސާރާ ކުޑަކުރުމަށް މި ދަނޑިވަޅުގައި ކޮންމެހެންވެސް ކަންކަން ކުރަން ޖެހިފައިވާ ކަމަށް އެ ކުލަބުން ބުނެއެވެ. އެ ކުލަބުން ކުޅުންތެރިންގެ މުސާރަ މި ސީޒަނުގެ ނިޔަލަށް 70 އިންސައްތައަށް ކުޑަކުުރުމަށް ކުޅުންތެރިންނާއެކު ވަނީ މަޝްވަރާކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައްޔަ

    75 ލާރިއަށް މީހެއްކަމަށް އަހަރެން ދެމީހުން ގަނެފާނަން.. ދެން ތިބި ތިންމީހުން ގަނެވޭނީ 50 ލާރީގެ ރޭޓުން ..

    2
    3
  2. ބާސާ

    OK