ޖަރުމަނު ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ބޮރޫޝިއާ ބަޔާނުން ކާމިޔާބުކޮށް ލީގު ތަވާލްގެ އެއްވަނައަށް ޖެހިލައިފިއެވެ.

ޑޯޓުމަންޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗު ބަޔާނުން ކާމިޔާބުކުރީ 3-2ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ޑޮޓުމަންޑުންނެވެ. މެޗުގެ 45ވަނަ މިނެޓުގައި ރަފައެލް ގުއެރެއިރޯގެ އެހީއާއެކު މާކޯ ރިއުސް މި ލަނޑު ކާމިޔާބުކުރިއިރު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބަޔާނުންވަނީ ނަތީޖާ އެއްވަރު ކޮށްފައެވެ. ތޯމަސް މުލާގެ އެހީއާއެކު މި ލަނޑު ކާމިޔާބުކުރީ ޑޭވިޑް އަލަބާއެވެ.

ބަޔާނުން ނަތީޖާ އަނބުރާލީ ދެވަނަ ހާފުގެ ތިންވަނަ މިނެޓުގައެވެ. ލޫކަސް ހެނާންޑޭސް ނަގައިދިން ހުރަހަކުން ލެވަންޑޮސްކީ ބޮލުން މިލަނޑު ކާމިޔާބުކުރިއިރު މެޗުގެ 80ވަނަ މިނެޓުގައި ބަޔާނުންވަނީ ލީޑު ފުޅާކޮށްފައެވެ. ލެވަންޑޮސްކީގެ އެހީއާއެކު މި ލަނޑު ކާމިޔާބުކުރީ ލެރޯއީ ސާނޭއެވެ. އޭގެ ތިން މިނެޓުފަހުން ޑޮޓްމަންޑުން ހާލަންޑު ވަނީ ލަނޑެއް ކާމިޔާބުކޮށް ފަރަގު ކުޑަކޮށްފައެވެ. މިމެޗުގެ ފަހުވަގުތުގައި ލެވަންޑޮސްކީ ކާމިޔާބުކުރި އިތުރު ލަނޑެއް ވީއޭއާރުން ބަލައި ރެފްރީ ވަނީ ބާތިލްކޮށްފައެވެ. މިމެޗުން މޮޅުވުމާއެކު ބަޔާންވަނީ 16-2015 ވަނަ ސީޒަނަށްފަހު ލީގުގައި ކުޅުނު ފުރަތަމަ ހަތްމެޗުން ފަސްމޮޅު ހޯދި ފުރަތަމަ ފަހަރަށް ވެގެންގޮސްފައެވެ.

މިމެޗުން މޮޅުވެ ބަޔާނުން ވަނީ ލެއިޕްޒިގް ވައްޓާލައި ލީގު ތާވަލްގެ އެއްވަނައަށް ޖެހިލާފައެވެ. ލީގުގައި ކުޅުނު ހަތް މެޗުން ބަޔާނަަށް 18 ޕޮއިންޓު ލިބުނު އިރު ދެވަނާގައި ލިޕްޒިގް އޮތީ 16 ޕޮއިންޓާއެކުގައި އެވެ. މިމެޗުން ބަލިވެ ޑޯޓްމަންޑު ތާވަލުގެ ތިންވަނާގައި އޮތީ ކުޅުނު ހަތް މެޗުން 13 ޕޮއިންޓާއެކުގައި އެވެ.