ޕްރިމިއަރ ލީގުގައި ރޭ ޝެފީލްޑް ޔުނައިޓެޑު އަތުން ޗެލްސީ މޮޅުވި މެޗުގައި އެޓީމުގެ އިތުބާރު ޑިފެންޑަރު ތިއާގޯ ސިލްވާ ދެއްކި ކުޅުމަށް އެޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑް ތައުރީފުކޮށްފިއެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅެ ޝެފީލްޑް ފަހަތުން އަރާ ޖެހި ގޯލުތަކާއެކު 1-4 އިން ޗެލްސީ މޮޅުވި މެޗުގައި ތިއާގޯ ވަނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްފައެވެ.

ޗެލްސީން އެންމެ ފަހުން ކުޅުނު ހަ މެޗުން ބައިކޮޅަށް އެންމެ ލަނޑެއް ވަދެފައިވާއިރު ލަމްޕާޑް ބުނީ މިސީޒަނުގައި ތިއާގޯ ޗެލްސީއާއި ގުޅުމަށްފަހު ޓީމުގެ ފަހަތް ބެލެހެއްޓުމުގައި މުހިންމު ދައުރެއް އަދާކޮށް ބައިކޮޅަށް ވަންނަ ގޯލްތައް މަދުކޮށް މުޅި ޓީމުގެ ޑިފެންސް ލައިން އިތުރު ހަރުފަތަކަށް ގެންގޮސްދިނުމުގައި އޭނާ މުހިންމު ދައުރެއް އަދާކޮށްފައިވާކަމަށެވެ .

މެޗަށްފަހު ވާހަކަދައްކަމުން ލަމްޕާޑް ބުނީ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅުމަށްފަހު އިތުރު ޕްރީ ސީޒަން މެޗެއްވެސް ކުޅުމުގެ ފުރުސަތު ނުލިބި ތިއާގޯ ޗެލްސީ އާއި ގުޅެން ޖެހުމުން ފަރިތަކުރުންތަކުގައިވެސް ތިއާގޯ ފެންނަނީ އެހެން ކުޅުންތެރިންނަށްވުރެ މާ ބުރަކޮށް މަސައްކަތްކުރާ ކުޅުންތެރިއެއްގެ ގޮތުގައި ކަމަށެވެ.

އަދި ކޮންމެ މެޗަކަށްފަހު ކުރިއަށްއޮތް މެޗުގެ ކުރިން ތިއާގޯއަށް އަރާމުކުރުމަށް އެކަށީގެންވާ ވަގުތު ދިނުމަށް އޭނާ ކޯޗެއްގެ ހައިސިއްޔަތުން ކުރެވެން އޮތް ހުރިހާކަމެއް ކުރާކަމަށާއި ތިއާގޯގެ ސަބަބުން ޓީމުގެ އެހެން ކުޅުންތެރިންނަށްވެސް ބޮޑެތި ރަނގަޅު އަސަރުތަކެއް ކުރާކަމަށެވެ.

ރޭގެ މެޗުގެ ވަރަށް ކުރީކޮޅު މެކް ގޯލްޑްރިކް ޝެފީލްޑަށް ލަނޑެއް ކާމިޔާބުކޮށްދީ އެޓީމަށް ލީޑު ނަގައިދީފައިވަނިކޮށް ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައި ޓެމީ އަބްރަހަމްވަނީ ޗެލްސީއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

އަދި އޭގެ 11 މިނެޓުފަހުން ބެން ޗިލްވެލް އިތުރު ލަނޑެއް ޖަހާ ޗެލްސީއަށް ލީޑުނަގައިދިންއިރު އެޓީމުގެ އަނެއް ދެލަނޑަކީ ދެވަނަ ހާފުގެ ފަހުކޮޅު ކާމިޔާބުކުރި ދެލަނޑެވެ. ހަކީމް ޒިޔެޗް ނަގައިދިން ހުރަހެއް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ތިއާގޯ ސިލްވާ ޗެލްސީގެ ތިންވަނަ ލަނޑު ކާމިޔާބުކުރިއިރު އެޓީމުގެ ފަހު ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދިހަމިނެޓަށް ވެފައިވަނިކޮށް މެޗުގައި މޮޅުކުޅުމެއް ދެއްކި ކާންޓޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޓިމޯ ވާނާ ކާމިޔާބުކުރި ލަނޑެކެވެ.

މި ނަތީޖާއާއެކު މިވަގުތު ޗެލްސީ ވަނީ ހަތަރު ދަރަޖައިގެ ކުރިއެރުމެއް ހޯދާ ޕްރިމިއަރ ލީގުގެ ޕޮއިންޓް ތާވަލްގެ 4 ވަނައަށް ޖެހިލާފައެވެ. ކުޅުނު 8 މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެ އެޓީމުންވަނީ 15 ޕޮއިންޓު ހޯދާފައެވެ.