އިންޓަނޭޝަނަލް ބްރޭކުގައި ކުޅުންތެރިން އެކުޅުންތެރިއެއްގެ ގައުމު ތަމްސީލުކުރުމަށް ގޮސް އެނބުރި އަންނައިރު ކޮވިޑުގެ ޝިކާރަކަށްވެ ލިވަޕޫލް ޓިމުގެ ތެރޭގައި ވައިރަސްގެ ނުރައްކާ ފެތުރިދާނެކަމުގެ ބިރު އެބައޮތް ކަމަށް އެޓީމުގެ ކޯޗް ޔާގެން ކްލޮޕް ބުނެފިއެވެ.

މިރޭ މެންޗަސްޓަރ ސިޓީއާއި ދެކޮޅަށް ލިވަޕޫލް ނުކުންނަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން ކްލޮޕް ބުނީ ވަރުގަދަ މެޗަކަށްފަހު ކުޅުންތެރިން ދެން ކުރިމަތިލާން ޖެހިދާނެ ނުރައްކަލަކާމެދު ކަންބޮޑުވާކަމަށާއި ބްރޭކަށްފަހު އަނބުރާ ޓީމާއި ގުޅޭއިރު ނޭނގިނަމަވެސް މުޅި ޓީމަށް ވައިރަސްގެ ނުރައްކާ ފޯރާފާނެތީ ބިރުގަންނަ ކަމަށެވެ.

ކްލޮޕް އިތުރަށް ބުނީ އިނގިރޭސި ވިލާތުން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްވަރަށް ސިއްހީ ސަލާމަތްތެރިކަމުގެ ކަންކަން ހަމަޖެހިފައިނެތް ގައުމުތަކުގެ ކުޅުންތެރިން ގައުމީ ވާޖިބު އަދާ ކުރުމަށް ދިޔުން ހުއްޓުވަން ބޭނުންވާކަމަށެވެ.

އަދި އިނގިރޭސިވިލާތުގައިވެސް ކޮވިޑުގެ ނުރައްކާ ބޮޑުކަން ގަބޫލްކުރާ ކަމަށާއި އެހެންނަމަވެސް ލިވަޕޫލްގެ ކުޅުންތެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓީމުގެ ފަރާތުންވެސް އަދި ހުދު އޭނާވެސް ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާ އެޔަށް އަމަލުކުރަމުން ދާކަމަށްވެސް ކްލޮޕް ވަނީ ބުނެފައެވެ.

މީގެ އިތުރުން ކްލޮޕް ބުނީ ފަރިތަކުރުންތަކުގައިވެސް އަދި އާންމު ދިރިއުޅުމުގައިވެސް އޭނާއަށް ކުޅުންތެރިންގެ އަމަލުތައް ހުންނަގޮތް ލިވަޕޫލްގައި ހުންނައިރު ބެލެހެއްޓޭކަމަށާއި ކަންބޮޑުވަނީ ގައުމަށްގޮސް ކުޅުންތެރިން އުޅޭ މާހައުލަކީ ލިވަޕޫލުން އަޅާފައިވާފަދަ ހަރުދަނާ ފިޔަވަޅުތަކެއް އެޅިފައިވާ މާހައުލަކަށް ނުވެދާނެތީ ކަމަށެވެ. އަދި ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ގުޅޭގޮތުން ގައުމުތަކުގެ އެފްއޭ ތަކުގައި ސުވާލުކޮށްފައިވާނެ ކަމަށާއި އެހެންނަމަވެސް އެއްވެސް އެފްއޭއަކުން މައުލޫމާތުތައް ފޯރުކޮށްދިނުމަށް މަޖުބޫރުކަމެއް ނެތުމުން ބައެއް އެފްއޭތަކުން މައުލޫމާތު ފޯރުނުކޮށް ނުދިން ނަމަވެސް އެކަމާ ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށްބުނެ ކްލޮޕްވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮވިޑްގެ އިތުރުރުން ކުރިއަށް އޮތް ދެހަފްތާއެއްހައި މުއްދަތުގެ ތެރޭގައި ގާތްގާތުގައި 3 މެޗެއް ކުޅެންޖެހުމުން ބައެއް ކުޅުންތެރިން ވަރުބަލިކަމާއި ކުރިމަތިލާންޖެހި އަނިޔާގެ މައްސަލަތައް ކުރިމަތި ވެދާނެކަމުގެ ބިރުއޮތް ކަމަށްވެސް އޭނާވަނީ ބުނެފައެވެ. މިހާރުވެސް ލިވަޕޫލްގެ މުހިންމު ކުޅުންތެރިންތަކެއް އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި އެބަހުއްޓެވެ. އެގޮތުން އެޓީމުގެ އެންމެ މުހިންމު ޑިފެންޑަރު، ވާޖިލް ވެން ޑައިކުއަށް ބޮޑު އަނިޔާއަކާއި ކުރިމަތިވެ ދިގުމުއްދަތަކަށް ކުޅުމާއި ދުރުގައި ހުންނަން ވަނީ ޖެހިފައެވެ.