ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމަށް އަހުމަދު ހަފީޒު އިންތިހާބުވެއްޖެއެވެ.

އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް ހަފީޒު އިންތިހާބުވީ މިމަގާމަށް ކުރިމަތިލެއްވީ އޭނާ އެކަނި ކަމުގައި ވުމުން މެމްބަރުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓަކުން 166 ވޯޓު ހޯއްދަވަގައިނެވެ. ރައީސްގެ މަގާމަށް އިންތިހާބުވި ހަފީޒަކީ ފުޅާ ދާއިރާއެއްގައި ރިސޯޓް ވިޔަފާރީ ކުރައްވާ ލިލީ ހޮޓެލްސްގެ މެނޭޖިންގ ޑިރެކްޓަރު (އެމްޑީ) އެވެ.

ހޮނިހިރު ދުވަހު ޓެނިސް އެސޯސިއޭޝަންގެ ފަސް މަގާމަކަށް ބޭފުޅުން އިންތިހާބުކޮށްފައިވެއެވެ. އެއީ ރައީސް އާއި ނައިބު ރައީސް އަދި އިތުރު ތިން މެންބަރުންނެވެ. ހަޒާންދާރުގެ މަގާމާއި ޖެނަރަލް ސެކްރެޓަރީއެއް އައްޔަނު ކުރާނީ އިންތިޚާބުވި ހިންގާ ކޮމިޓީންނެވެ.

ނައިބު ރައީސްގެ މަގާމަށް އިންތިހާބުވީ މިހާރުވެސް އެމަގާމު ފުރުއްވަމުންގެންދަވާ މުހަންމަދު އަމީން އެވެ. އޭނާ މިމަގާމަށް އިންތިހާބުވީ މިމަގާމަށް ދެން ކުރިމަތިލެއްވި މުޙައްމަދު ހާނިމް އާއި ވާދަކުރައްވާ ކުރިހޯއްދަވައިގެނެވެ. އަމީން އަށް 148 ވޯޓު ލިބިވަޑައިގެންނެވި އިރު ހާނިމް އަށް ލިބިވަޑައިގަތީ 27 ވޯޓެވެ.

މީގެ އިތުރުން ޓެނިސް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މެންބަރުކަމުގެ މަގާމަށް ހޮވިފައިވާ ތިން މެމްބަރުންނަކީ ހަސަން ޝާމާއި، ޔޫސުފް ރިޒާ އަދި އަޒްމާ އިބްރާހީމެވެ.

މަގާމަށް އިންތިހާބުވެވަޑައިގަތުމަށްފަހު ވާހަކަދައްކަވަމުން ހަފީޒް ވިދާޅުވީ އޭނާ އެސޯސިއޭޝަންގެ ކަންތައްތައް ކުރިއަށް ގެންދަވާނީ ކުރީގެ ރައީސް އަޙްމަދު ނަޒީރު ހިންގެވިމަގުން ކަމަށެވެ. އަދި ރާއްޖޭގައި ޓެނިސް މިހާރު މިއޮތް ހިސާބަށް ގެނެސްދެއްވުމުގެ އަސްލަކީ ނަޒީރު ކަމަށް ވިދާޅުވެ ހަފީޒް ވަނީ ނަޒީރުއަށް ތައުރީފުކުރައްވާފައެވެ.

ނިސްބަތުން މަދު އެތްލީޓުން ތަކަކާއެކު ނަމަވެސް ރާއްޖޭގައި ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން އެންމެ ރަނގަޅު ކުޅިވަރު ވަސީލަތްތަކުގެ އިތުރުން އެންމެ ގިނަ މުބާރާތްތަކެއް ބާއްވަމުން ގެންދާ އެއް އެސޯސިއޭޝަނަކީ ޓެނިސް އެސޯސިއޭޝަންއެވެ. އެހެންނަމަވެސް ބައިނަލްއަޣްވާމީ މުބާރާތަކުން އަދި ޓެނިހުން ރާއްޖެއަށް އެކަށީގެންވާ ކާމިޔާބީއެއް ހޯދިފައިފައެއް ނުވެއެވެ.