ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ހދ.ކުމުންދޫގައި އަންހެނުންނަށް ހާއްސަކޮށްގެން ފެށި "ކޭވައިއެސް ވުމެންސް ފުޓްސަލް ލީގް 2020" ގެ ފައިނަލަށް ސީއެސް ވިމެން އާއި ސަންދިޔަ ދަތުރުކޮށްފިއެވެ.

މުބާރާތުގެ ފައިނަލަށް ސީއެސް ވިމެން ދަތުރުކުރީ މުބާރާތުގައި ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް ސައްތައިން ސައްތަ ރެކޯޑަކާއެކު ޖުމްލަ 12 ޕޮއިންޓާއެކު އެއްވަނަ ހޯދައިގެންނެވެ. ލީގު އުސޫލުން ކުރިޔަށްދިޔަ މި މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ހޯދާފައިވަނީ ސަންދިޔަ އެވެ.

ސަންދިޔަ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިިޔާބުކޮށް ޖުމްލަ 9 ޕޮއިންޓާއެކުގައެވެ.

ޖުމްލަ ފަސް ޓީމު ވާދަކުރި މި މުބާރާތުގެ ތިންވަނައިގައި ޓާފް ކުއީން އޮތްއިރު ޒީރު ސްޓާސް އޮތީ ހަތަރުވަނައިގައެވެ. އަދި ފުލުގައި އޮތީ ރެހެނދި އެވެ.

މުބާރާތުގައި ސަންދިޔަ އެންމެފަހުން މިރޭ ކުޅުނު މެޗު އެ ޓީމު ކާމިޔާބުކުރީ ޓާފް ކުއީން 2-0 އިން ބަލިކޮށްގެންނެވެ. މި މެޗުގައި ސަންދިޔަ ޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ސާއިދާ ހަސަން އާއި ޝަޒުލާ ހަސަން އެވެ. ކުއީން އޮފް ދަ މެޗަކަށް ހޮވުނީ ޝަޒުލާ ހަސަން އެވެ.

މީގެއިތުރުން މިއަދު ހަވީރު ކުޅުނު މެޗު ސީއެސް ވިމެން ކާމިޔާބުކުރީ ޒީރު ސްޓާސް 2-0 އިން ބަލިކޮށްގެންނެވެ. މި މެޗުގައި ސީއެސް ވިމެންގެ ގޯލުތައް ޖަހައިދިނީ ޝަހުލާ އާދަމް އާއި ސާލިމާ މުހައްމަދެވެ. ކުއީން އޮފް ދަ މެޗަކަށް ހޮވުނީ ސީއެސްގެ ޝަހުލާ އާދަމް އެވެ.

މުބާރާތުގެ ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 11 ގައެވެ. މި މުބާރާތަކީ ހަމައެކަނި ކުމުންދޫ ކަނބަލުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ކުރިއަށްދާ މުބާރާތެކެވެ. ކުމުންދޫ ފުޓްސަލް އެރީނާގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ މެއިން ސްޕޮންސަރަކީ މަންނާމް އެވެ.