ސްޕެއިނިޝް ލަލީގާގައި އާދިއްތަ ދުވަހުގެރޭ ޗެމްޕިއަން ރެއާލް މެޑްރިޑާއި ވެލެންސިއާ ބައްދަލުކުރި މެޗު ފަހަތުން އަރައި ވެލެންސިއާ މޮޅުވެއްޖެއެވެ.

މި މެޗު ވެލެންސިއާއިން ކާމިޔާބުކުރީ ކާލޮސް ސޮލާގެ ޕެނަލްޓީ ހެޓްރިކާއިއެކު 4-1ގެ ނަތިޖާ އަކުންނެވެ. ވެލެންސިއާގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ރެއާލުންނެވެ. މެޗުގެ 23 ވަނަ މިނެޓުގައި މާސެލޯގެ އެހީއާއިއެކު ބެންޒިމާ މި ލަނޑު ކާމިޔާބުކުރިއިރު ވެލެންސިއާއިން ނަތިޖާ އެއްވަރުކުރީ ލިބުނު ޕެނަލްޓީއެއް ދެވަނަ ފަހަރަށް ޖަހައިގެނެވެ. މި ލަނޑު ކާލޮސް ސޮލާ ކާމިޔާބުކުރިއިރު ފުރަތަމަ ހާފު ނިމެންދަނިކޮށް ވެލެންސިއާއިން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 43 ވަނަ މިނެޓުގައި ވެލެންސިއާއިން ކުރި ހޯދި މި ލަނޑަކީ ރެއާލްގެ ޑިފެންޑަރު ރަފައެލް ވަރާންގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ވެލެންސިއާއިން ލީޑު ފުޅާކުރީ ދެވަނަ ހާފަށް ނިކުމެފައެވެ. އޭރިއާ ތެރޭން މާސެލޯކުރި ފައުލަކުން ލިބުނު ޕެނަލްޓީ މެޗުގެ 54 ވަނަ މިނެޓުގައި ކާމިޔާބުކުރީ ސޮލާއެވެ. ވެލެންސިއާއިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑަކީވެސް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. ރެއާލްގެ ކެޕްޓަން ސަޖިއޯ ރާމޮސްގެ އަތުގައި އޭރިއާ ތެރޭން ބޯޅަ ޖެހުމުން މި ލިބުނު ޕެނަލްޓީގައި ސޮލާވަނީ މެޗުގައި ހެޓްރިކް ހަދާފައެެވެ.

މިމެޗުން ބަލިވުމާއެކު ރެއާލްވަނީ ތާވަލުގެ ހަތަރުވަނައަށް ވެއްޓިފައެވެ. ކުޅުނު އަށްމެޗުން 16 ޕޮއިންޓު ރެއާލަށް ލިބުނުއިރު ތާވަލުގެ އެއްވަނައިގައި ރެއާލް ސޮސައިޑާޑް އޮތީ ރެއާލަށްވުރެ އިތުރަށް އެއްމެޗު ކުޅެ 20 ޕޮއިންޓާ އެކުގައެވެ. މިމެޗުން މޮޅުވި ވެލެންސިއާ މިހާރު ތާވަލުގެ ނުވަވަަނައިގައި އޮތީ ކުޅުނު ނުވަމެޗުން 11 ޕޮއިންޓާ އެކުގައެވެ.