އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށެއްގައި އެޅުމަށް ނިންމާފައިވާ އައުޓްޑޯ ޖިމް ތަކުގެ ތެރެއިން 32 ރަށެއްގައި ޖިމަށް ބޭނުންވާ ތަކެތި ގެންގޮސް އިންސްޓޯލް ކުރުމަަށް ސޮއިކޮށްފިއެވެ.

މި މަސައްކަތް ހަވާލުކޮށް މިއަދު ސޮއިކޮށްފައިވަނީ ސިނާން ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި އެކުގައެވެ.

މިއަދު މިކަމަށް މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމެޕަވަރމަންޓްގައި ބޭއްވުނު ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަހްމަދު އިބްރާހީމެވެ. އަދި މަސައްކަތް ހަވާލުކުރެވުނު ސިނާން ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އިބްރާހިމް އަރީފް އެވެ.

މިއެއްބަސް ވުމުގެ ދަށުން ސޮއެކުރާތާ 14 ދުވަސްތެރޭގައި މަސައްކަަތް ފަށަންޖެހޭއިރު ސޮއެ ކުރާތާ 56 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭނެއެވެ. އަދި މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 4،101،134.17 ރުފިޔާއަށެވެ.

އެއްބަސްވުމުގެ ދަށުން އައުޓްޑޯ ޖިމް ގާއިމްކުރެވިގެންދާނެ 32 ރަށަކީ:

  • ހއ. ބާރަށް
  • ހއ. ތަކަންދޫ
  • ހއ.މުރައިދޫ
  • ހދ. ކުޅުދުއްފުށި
  • ހދ. ނޭކުރެންދޫ
  • ހދ. ކުމުންދޫ
  • ހދ. ވައިކަރަދޫ
  • ށ. ފޯކައިދޫ
  • ށ. ކަނޑިތީމު
  • ނ. ހެނބަދޫ
  • ނ. މާޅެންދޫ
  • ނ. ވެލިދޫ
  • ނ. ކުޑަފަރި
  • ނ. މާފަރު
  • ނ. މަނަދޫ
  • ރ. މަޑުއްވަރީ
  • ރ. އުނގޫފާރު
  • ރ. ރަސްގެތީމު
  • ރ. ހުޅުދުއްފާރު
  • ރ. އިނގުރައިދޫ
  • ރ. އިންނަމާދޫ
  • ރ. މީދޫ
  • ރ. ފައިނު
  • ބ. އޭދަފުށި
  • ބ. ކަމަދޫ
  • ބ. ގޮއިދޫ
  • ޅ. ކުރެންދޫ
  • ކ. ހިންމަފުށި
  • ކ. މާފުށި
  • ކ. ދިއްފުށި
  • ވިލިމާލެ
  • ކ. ތުލުސްދޫ އެވެ.

މިސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ ދަށުން ހިންގާ "ދުޅަހެޔޮ ހަށިހެޔޮ" ހަރަކާތައް އެހީތެރިވުމުގެ ގޮތުން އިންޑިއާ ސަރުކާރުންވަނީ މިއަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު އައުޓްޑޯ ޖިމްތަކެއް އެޅުމަށް މާލީ އެހީތެރިކަން ރާއްޖޭގެ ސަރުކާރާ ހަވާލުކޮށްފައެވެ. ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި މިކަމަށް ބޭއްވި ހާއްސަ ހަފްލާއެއްގައި ރާއްޖޭގެ ސަރުކާރުގެ ފަރާތުން މާލީ އެހީއާއި ހަވާލުވީ ރާއްޖޭގެ ކުޅިވަރާއި ބެހޭ މިނިސްޓަރ އަހުމަދު މަހުލޫފެވެ. އަދި މިއެހީ އިންޑިއާ ސަރުކާރުގެ ފަރާތުން ރާއްޖޭގެ ސަރުކާރާ ހަވާލުކުރެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ސަންޖޭ ސުދީރެވެ.

އައުޓްޑޯ ޖިމްތައް ގާއިމް ކުރުމަށް 8 މިލިއަން ރުފިޔާ ހަމަޖައްސާފައިވާއިރު މިއީ ރާއްޖޭގެ ސޯޝިއޯ އެކޮނޮމިކް ތަރައްގީއަށް އިންޑިއާ ސަރުކާރުން އެހީތެރިވުމުގެ ގޮތުން 2019 ވަނަ އަހަރުގެ މާރިޗު މަހު ދޭން އެއްބަސްވި 106 މިލިއަން ރުފިޔާގެ ތެރެއިން މިމަޝްރޫއަށް ކަނޑައަޅާފައިވާ އަދަދެވެ.