ހިންދޫ ކަނޑުގައި މުތްތަކެއްފަދައިން އެތުރިފާވާ ތިލަފަޅާ، ހާހަލާ، މުރަކައިގެ ބަގީޗާތަކެއްގެ މައްޗަށް އެކުލެވޭ މިދިވެހިރާއްޖޭގެ ކުދިކުދި ރަށްތަކަކީ ވަށައިގެން މާކަނޑު އެކުލެވޭހެން އުފެދިފައިވާ ތަނެކެވެ. ބޭރުގެ އެތައް ގައުމަކުން އެތައް މިލިއަން ފަތުރުވެރިއަކު މިރާއްޖޭގެ ދޮންވެލި ތުނޑިތަކާއި ސާފު މޫދާއި ކަނޑުއަޑީގެ ހިތްގައިމު މަންޒަރުތައް ތަޖުރިބާކޮށްލުމަށް އައިސް އުޅެއެވެ.

އަޅުގަނޑުމެން މައިގަނޑު ގޮތެއްގައި ދަތުރު ފަތުރު ކުރުމުގައި ބޭނުން ކުރަމުން މިދާ ކަނޑަކީ އެކަނޑެއްގައި އެތައް ނިއުމަތްތަކެއް އުފެދިފައި ހުރިނަމަވެސް މަދުންނަމަވެސް އެތައް އާއިލާތަކަކާއި އެތައް ރައްޔިތުންނެއް ރޮއްވާލާ މުޅި އުމުރަށް ހިތާމަކުރުމަށް މެދުވެރިވާ އެތައް ހިތާމަވެރި ހާދިސާތަކެއްވެސް ހިނގާފައިވާ ތަނެކެވެ. ކަނޑުމަތީގައި ހިނގާ ނުރައްކާތެރި އެތައް ހާދިސާތަކެއްގައި އެތައް ބައެއްގެ ފުރާނަ ގެއްލިގެންދާއިރު ގިނަފަހަރު އަޅުގަނޑުމެންނާއި ވަކިވެދަނީ ކަނޑަށް އަހުލުވެރިނޫން، ފަތަން ނޭނގޭ ނުވަތަ ފަރިތަނޫން ފަރާތްތައްކަން މީ ޅައިރުއްސުރެ އަޅުގަނޑުމެން އެކަމަކަށް ތައްޔާރުވާންވީ ކަމެއް ނޫންބާއެވެ؟

މިދެންނެވީ މަރަށް ފިލޭނެ ވާހަކައެއް ނޫނެވެ. މިދެންނެވީ ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި އަމިއްލަ ފުރާނައިގެ ރައްކަލަކަށް ފަތަން ދަސްކުރުމުގެ މުހިންމު ކަމުގެ ވާހަކައެވެ.

ހާހުން ގުނާލެވޭ މަދު ރަށްތަކުގައި ދިރިއުޅޭ ކޮންމެ ފަރުދަކީވެސް ކަނޑަށް އަހުލުވެރި ފަތަން ދަންނަ މީހަކަށްވުން މިއީ މުހިންމުކަމެކެވެ. މާލޭގެ ހަލަބޮލި މާހައުލުގައި ދިރިއުޅޭ ރައްޔިރުންގެ އިތުރުން ރީތި ގަސްތަކުގެ ހިޔަލުގައި ދިރިއުޅޭ ރަށްތަކުގެ ކޮންމެ ރައްޔިތަކީވެސް ފަތަން ދަންނަ މީހަކަށް ހެދުމަށް ވަކިވަކި ފަރުދުންގެ އިތުރުން ސަރުކާރުގެ ބައެއް އިދާރާ ތަކާއި ބައެއް ޖަމިއްޔާތަކުން މަސައްކަތް ކުރާކަމީ އަޅުގަނޑުމެން އެކަމާ އުފާކުރާކަމެކެވެ.

ރާއްޖޭގެ ތައާރަފުގައި ގުދުރަތީ ރީތިކަން ހިމެނޭހެން ރާއްޖޭގެ ރައްޔިރުންގެ ހިތްހެޔޮކަމާއި އޯގާތެރިކަމާއި އެކަކު އަނެކަކުގެ މައްޗަށް ހުންނަ އަހުވަންތަ ލޯބީގެ ވާހަކަވެސް މިއީ ބޭރު ގައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ހިތް ރާއްޖެއަށް ޖައްސާ އެންމެ ބޮޑު އެއްކަމެވެ. އަޅުގަނޑު ގަބޫލުކުރާ ހިތްވާގޮތުގައި ފެއްސާ، ރަތާއި ހުދު ކުލައިން ޖަރީވެފާވާ އަޅުގަނޑުމެންގެ ފަހުރުވެރި ގައުމީ ދިދައިގެ ހިޔަލުގެ ދަށުގައި ދިރިއުޅޭ ކޮންމެ މީހަކީވެސް ގައުމުގެ ކުރިއެރުމަށާއި ގައުމުގެ ރައްޔިތުންނަށްޓަކާއި ހިދުމަތް ކުރަން ތައްޔާރަށް ހުރި މީހެއްކަން ހަމަ ޔަގީނެވެ.

މިފަދައިން ފާހަގަ ކޮށްލެވޭ އެއްފަރާތަކީ އއ. އުކުޅަސް، ޑެއިޒީމާގޭ ނައުފަލް މޫސާއެވެ.

ނައުފަލް މޫސާ

އއ. އުކުޅަހު ޑޭޒީމާގޭ ނައުފަލް މޫސާއަކީ އެ ރަށުގެ އިތުރުން މުޅި ރާއްޖެވެސް ފަހުރެވެރިވާ ސްވިމިންގް ކޯޗެކެވެ. ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ގައުމީ އިނާމްވެސް 2018 ވަނަ އަހަރު ހާސިލް ކުރައްވާފައިވާ ނައުފަލް ކޯޗަކީ ފެތުންތެރިންނަށާއި ފެތުމުގެ ޝައުގު ހުންނަ ފަރާތްތަކަށް އާ ނަމަކަށްވެސް ނުވާނެއެވެ.

އުމުރުން 36 އަހަރުގެ ނައުފަލް އަކީ ސްކޫލް ދައުރުގައި ފެތުމުގެ މުބާރާތްތަކުން ހޯދާފައިވާ ގިނަ ކާމިޔާބީތަކަކަށްފަހު 2000 ވަނަ އަހަރުން ފެށިގެން ކުދިންނަށް ފަތަންދަސްކޮށްދީ ފެތުމަށް ކުދިން ނެރެމުންދާ ހީވާގި ޒުވާން ކޯޗެކެވެ. އަހުމަދިއްޔާ ސްކޫލުގައި ކިޔަވަމުން އުމުރުން އެންމެ 16 އަހަރުގައި ނައުފަލް ފެތުމަށް ނުކުތް އިރު، މާލޭގައި ފެތުންތެރިން ތަމްރީނު ކުރުމަށް މިދިޔަ 20 ވަރަކަށް އަހަރުވެސް ނައުފަލް މަސައްކަތް ކޮށް އެ މަސައްކަތުގައި އޭނާ ވަނީ އެތައް ކުދިންނަކަށް ފަތަން ދަސްކޮށްދީފައެވެ.

ލައިސަސް ހޯދާފައިވާ ސެޓިފައިޑް ކޯޗެއް ކަމަށްވާ ނައުފަލް ވަނީ ސްވިމިން އެސޯސިއޭޝަންގެ އިތުރުން ރާއްޖޭގެ ބައެއް ސްކޫލްތަކުގެ ކޯޗުކަންވެސް ކޮށްދީފައެވެ. ސްކޫލްތަކަށާއި، އޮފީސްތަކަށް ހާއްސަ ކޯޗިން ކޭމްޕްތައްވެސް މީގެ ކުރިން ކުރިއަށް ގެންގޮސްފައިވާ އިރު، ނައުފަލް ވަނީ ފެތުމުގެ ޔޫތު ޑެވަލޮޕްމަންޓްގައިވެސް މުހިއްމު މަސައްކަތްތަކެއް ކޮށްފައެވެ.

ނައުފަލްގެ އެހީ ލިބެގެން ގޮސްފައިވަނީ ހަމައެކަނި މާލޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް އެކަންޏެއް ނޫނެވެ. 2003 ވަނަ އަހަރުގައި ހުވަދު އަތޮޅުގައި ނައުފަލް ފަތަން ދަސްކޮށްދިނުމުގެ ކޯހެއްގެ އިންސްޓްރަކްޓަކަށް އުޅެފައިވާއިރު ލ. އަތޮޅުގައިވެސް ކުދިންނަށާއި ކުދިންގެ ބެލެނިވެރިންނަށް ފަތަން ދަސްކޮށްދިނުމަށް އޭނާ ވަނީ އިންސްޓްރަކްޓަރެއްގެ ގޮތުގައި ބައިވެރި ވެފައެވެ. މީގެ އިތުރުންވެސް އަތޮޅުތެރޭ ހުންނަ ސަރުކާރުގެ އެކި އިދާރާ ތަކުގެ މުވައްޒަފުންނާއި ސްކޫލްތަކުގެ ކުދިން އަދި އެކުދިންގެ ބެލެނިވެރިންނަށްވެސް ނައުފަލްގެ އެހީގައި ފަތަން ދަސްކޮށްދީފައިވާކަމީ ވަކި ފަރުދަކަށް މިދާއިރާގެ ޝުކުރު ހައްގުވާނަމަ ނައުފަލްއަށް ޝުކުރު ހައްގުވާން ޖެހޭ އެއް ސަބަބެވެ.

އއ.ބޮޑުފޮޅުދޫގައި ހިންގުނު "ލަގަނަ 2020" ޕްރޮގްރާމް

އއ.ބޮޑުފޮޅަދޫގެ ގިނަ ކަނބަލުންތަކަށާއި ކުޑަކުދިންނަށް ފަތަން ނޭނގެތީ އެރަށު ކައުންސިލުން އިސްނަގާ އެކަމަށް ހެޔޮބަދަލެއް ގެނައުމުގެ ބޭނުމުގައި ނައުފަލްގެ އެހީގައި އެރަށުގައި ފަތަން ދަސްކޮށްދިނުމަށް ހާއްސަ ޕްރޮގްރާމެއް ވަނީ ހިންގާފައެވެ. ގިނަ އަދަދެއްގެ ރައްޔިތުންތަކަކަށް ފަތަން ނޭނގުމަކީ ރަށު ކައުންސިލުން ކަންބޮޑުވާ ކަމަކަށްވާއިރު އެތައް މަޝްވަރާތަކަކަށްފަހު ނައުފަލްއާއި ވާހަކަދެކެވުމުން ނައުފަލް ވަނީ ހިލޭ ސާބަހަށް މިކަން ކޮށްދޭން އެއްބަސްވެ 10 ދުވަހުގެ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް އެރަށުގައި ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. މިޕްރޮގްރާމުގެ އަމާޒަކީ 2021 ވަނަ އަހަރު ނިމޭއިރު އެރަށު ސުކޫލުގައި ކިޔަވަމުންދާ ކޮންމެ ދަރިވަރަކީވެސް ފަތަން ދަންނަ ކުއްޖެއް ކަމުގައި ހެދުންކަމަށް ބޮޑުފޮޅަދޫ ކައުންސިލުން ވަނީ ބުނެފައެވެ.

ފަތަން ދަސްކުރުމަށް ބޭނުންވެފައި ތިބި އެތައް ކުދިންތަކަކަށް ލިބުނު މިރަނުގެ ފުރުސަތުގައި މި ޕްރޮގްރާމުގައި ގްރޭޑް 1 އިން ފެށިގެން 5 އާއި ހަމައަށް 67 ދަރިވަރަކު ބައިވެރިވީ އެކުދިންގެ ނައުފަލް ސަރއަށް ފަށްފަށުން ޝުކުރުވެރިވާ ހާލުގައެވެ. ބެލެނިވެރިން ކުރި އިތުބާރާއި ދެއްވި ތަރުހީބާއި އެކަށޭނެ ނަތީޖާތަކަކާއިއެކު ޕްރޮގްރާމު ނިމިގެންދިޔައިރު ޕްރޮގްރާމުގައި ބައިވެރިވި ކުދިންނަކީ މޫދުގައި އެ ކުއްޖެއްގެ އަމިއްލަ ސަލާމަތްތެރިކަން ހޯދޭނެ ވަރުގެ ކުދިންތަކަކަށް ނައުފަލްވަނީ ހަދައިދީފައެވެ.

"ވަގުތު"އާއި ވާހަކަދައްކަމުން ނައުފަލް ބުނީ ފަތަން ދަސްކޮށްދިނުމުގެ އިތުރު ޕްރޮގްރާމެއް ބޮޑުފޮޅުދޫގައި ހުންނަ ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންނަށާއި ބޮޑެތި މީހުންނަށް ހާއްސަކޮށްގެން ރަށުގެ ކައުންސިލާއި ގުޅިގެން ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި ފަށަން ނިންމާފައިވާ ކަމަށެވެ. އަދި މިފަދަ ޕްރޮގްރާމްތަކެއް ރާއްޖޭގެ އިތުރު ރަށްތަކެއްގައިވެސް ބޭއްވުމަށް އުންމީދު ކުރާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

"މަގްސަދަކީ ވަށައިގެން ކަނޑުއޮތް ރަށްތަކެއްގައި ދިރިއުޅޭ ރައްޔިތުންތަކަކަށް ފަތަން ދަސްވެފަ ހުރުމަކީ މުހިންމު ކަމަކަށް ވުމުން އެކަން ކޮށްދިނުން". ގާތްގަނޑަކަށް 50،000 ދިވެހި ރުފިޔާއާއި ގާތްކުރާ އަދަދަކަށް ހަރަދު ހިނގާނެ ކޯހެއް ބޮޑުފޮޅަދޫގައި ހިލޭސާބަހަށް ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު މިކަމުގެ މުހިންމު ކަމާއި ބެހޭގޮތުން ވާހަކަދައްކަމުން ނައުފަލް ބުންޏެވެ.

ގައުމީ އިނާމު ލިބުމަށްފަހުވެސް އެތައް ބަޔަކަށް ނައުފަލްގެ އެހީތެރިކަން ލިބެމުންދާއިރު ނައުފަލް ވަގުތު އާއި ވާހަކަދައްކަމުން ބުނީ ކުރިޔަށްއޮތް ތަނުގައިވެސް މިކަން ކުރަން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުގެ ހަޔާތުގެ ބާކީއޮތް ބައިވެސް ބޭނުންވަނީ ހިލޭސާބަހަށް އެކި ރަށްރަށުގައި ދިރިއުޅެމުންދާ ރައްޔިތުން ތަކަކަށް މިފަދަ ޕްރޮގްރާމްތައް ހިންގާ ފަތަން ދަންނަ ބަޔަކަށް އެ އެންމެ ހެދުން". ނައުފަލް ބުންޏެވެ.

ނިންމާލަމުންވެސް އަމިއްލަ ފައިދާއަށް އެއްޗެއް ބުނުމުގެ ބަދަލުގައި ނައުފަލް ބުނީ ބޮޑުފޮޅަދޫއަށް ވަރަށް ބޮޑަށް ޝުކުރުއަދާކޮށްފައެވެ. އޭނާ ބުނީ ބޮޑުފޮޅުދޫ އަކީ އެތައް ކުޅިވަރު ކްލަބްތަކަކާއި ޖަމިއްޔާތަކެއް އުފެދިފައިވާ ރަށެއް ކަމަށާއި ސަރުކާރުގެ ކުޅިވަރާ ބެހޭ އިދާރާތަކުން މިޖަމިއްޔާތަކުގެ އެދުންތަކުގެ އަޑު އަހާ އެ އެދުންތައް ފުރިހަމަކޮށްދިނުމަކީ 20 އަހަރުވަންދެން ކުޅިވަރަށް ހިދުމަތްކޮށްދިން މީހެއްގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި ހުރިހާ ކުދިންނާއި ބެލެނިވެރިން އޭނާއަށް ދެއްވި އެއްބާރުލުމާއި ކުރެއްވި އިތުބާރަށް ފަށްފަށުން ޝުކުރުއަދާކުރާކަމަށާއި އެފަރާތްތަކުން ކުރައްވާ އިތުބާރަށް ކުޑަވެސް އުނިކަމެއް އަޔަ ނުދޭނެކަމުގެ ޔަގީންކަން ނައުފަލް ވަނީ ދީފައެވެ.

ގައުމު ތިމާއަށް ކޮށްދިނީ ކޮންކަމެއްތޯ ނާހާ ތިމާއަށް ގައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ އަހަމުން ނައުފަލް ދައްކަމުން މިދާ މިސާލަކީ ޝުކުރު ހައްގު މަސައްކަތެކެވެ. އެއްވެސް އަމިއްލަ އެދުމެއް ނެތި ނައުފަލް އެތައް ބަޔަކަށް ކޮށްދެމުންދާ އަގުހުރި މިކަމަކީ އަޅުގަނޑުމެން ނަމޫނާއަކަށް ބަލަންޖެހޭ އިހުތިރާމު ހައްގު މަސައްކަތެކެވެ. ވަގުތު ނޫސްވެރިންގެ ނަމުގައި ނައުފަލް އަދާކުރަމުންދާ ފަރުދީ ޒިންމާއަށް އައްސަރިބަހާއި ސާބަސް ރައްދުކުރަމެވެ. ދުއާއަކީ ނައުފަލްގެ މިމަސައްކަތުގައި ބަރަކާތް ލެއްވުމެވެ.

އަދި މިފަދަ ބޮޑުފޮޅުދޫ އިސްނެގުމަކީވެސް ބޮޑު ކަމެކެވެ. އެއީ ރާއްޖޭގެ ހުރިހާ ރަށަކަށްވެސް އެ ރަށުން ދެއްކި ބޮޑު މިސާލެއްކަން ޔަގީނެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިނާސް

    އައި ލަވް ޔޫ ހަބީ

    10
    4
  2. Anonymous

    ނައުފަލްސަރގެ ޢާއިލާއާއި ބެހޭ އެއްވެސް މަޢްލޫމާތެއް ނުގެނެސް ދެއްވީ ކީއްވެތޯ.

    16
    7
  3. ހހހސހ

    މީ ހިންދުސްތާން ކަނޑެއްނޫން މީ އަރަބިއަން ކަނޑު އަރަބިޔަން ކަނޑުގެ ތެރޭގަ ހިންދުސްތާނާ ދިވެހި ރާއްޖެވެސް އޮތީ އިންޑިޔާއިން މި ކަޑުވެސް ވަގަށް ނަގަނީ

    8
    5
  4. ާަހަގީގަތް

    ފޭ ކު ގޮލައެއް 😠

    3
    5