އެވަޓަންގެ ފޯވަޑް ވޭން ރޫނީ މިއަދުގެ ވަގުތެއްގައި ވޮޝިންޓަންގައި ޑީސީ އާއި ގުޅުމަށް ވާހަކަ ދައްކާނެ ކަމަށް ޚަބަރުތައް ބުނެފިއެވެ. އެވަޓަން އާއި އެކު އޭނާ ހަދާފައިވާ އެއްބަސް ވުމުގައި ބާކީ އެއް އަހަރު އޮތް ނަމަވެސް ޑީސީ އާއި ގުޅުމަށް އޭނާ ވަނީ ނިންމާފައެވެ.

13 އަހަރު މެންޗެސްޓާ ޔުނައިޓެޑުގައި ހޭދަ ކުރުމަށްފަހު ރޫނީ އަނެއްކާވެސް އެވަޓަން އާއި ގުޅުނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. އޭނާ އަކީ މެންޗެސްޓާ ޔުނައިޓެޑުގައި ރެކޯޑު އަދަދަކަށް ގޯލު ޖެހި ކުޅުންތެރިއެކެވެ. ރޫނީ ވަނީ 5 ޕްރެމިއާ ލީގު ތައްޓާއި ޗެމްޕިއަންސް ލީގު ޔުނިއިޓެޑްގައި ހުރެ ކާމިޔާބު ކޮށްފައެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޑީސީ އިން ރޫނީ ގެންދަނީ 2020 އާއި ހަމައަށެވެ. މޭޖާ ލީގު ސޮކާގެ ޓްރާންސްފާ ވިންޑޯ ހުޅުވޭނީ ޖުލައި މަހުގައި ކަމުން އޭނާ އަށް އެއްބަސް ވުމެއްގައި ސޮއެ ކުރެވޭނީ ޖުލައި މަހުގައެވެ. އެވަޓަންގައި ރޫނީގެ އެއްބަސް ވުމުގައި ބާކީ އެއް އަހަރު އޮތް ނަމަވެސް އެޓީމުން ވަނީ އެމެރިކާގެ ކްލަބާއި ވާހަކަ ދެއްކުމުގެ ފުރުސަތު ދީފައެވެ. ނަމަވެސް އެވަޓަން އިން އެދެނީ ދެން އޮތް ސީޒަނުގައި ވެސް ރޫނީ އެކްލަބުގައި މަޑު ކުރުމަށެވެ.

ރޫނީ ވަނީ 40 މެޗުގައި 11 ލަނޑު ކާމިޔާބު ކޮށް އެވަޓަންގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށް ވެފައެވެ. އެވަޓަންގައި މަޑު ކުރުމަށް ވުރެން ކައިރީ ރޫނީ އެމެރިކާ އަށް ދިޔުން ކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ.