ނަސްލީ ތަފާތުކުރުމަކީ އޭނާ އެއްވެސްވަރަކަށް ބަލައިގަންނާނެ ކަމެއް ނޫންކަމަށާއި ޕާލިމެންޓަރީ ކޮމިޓީގައި ދެއްކި ވާހަކަތަކުގައި ބޭނުންކުރެވުނު ބައެއް ބަސްތަކަކީ އޮޅިގެން ބޭނުންކުރެވުނު ބަސްތަކެއް ކަމަށްބުނެ އެކަމަށް އިނގިރޭސި އެފްއޭގެ ޗެއަރމަން ގްރެގް ކްލާކް މާފަށް އެދިއްޖެއެވެ.

ކްލާކް މިހެން ބުނެފައިވަނީ ކޮވިޑްގެ ހާލަތުގައި ކުޅިވަރުގެ ކަންތައްތައް ކުރިއަށް ދާނެ ގޮތުގެ މައުލޫމާތު ދިނުމަށާއި ޕްރޮޖެކްޓް "ބިގް ޕިކްޗަރ" އާއި ބެހޭގޮތުން ސުވާލުކުރުމަށް އިނގިރޭސި ޕާލިމަންޓުގެ ޑިޖިޓަލް، ކަލްޗަރ، މީޑިއާ އެންޑް ސްޕޯޓްސް (ޑީސީއެމްއެސް) ކޮމިޓީއަށް ހާޒިރުކުރުމުން ދެއްކި ވާހަކަ ތަކުގެ ތެރޭގައި ދޮން ނަސްލު ނޫން އެހެން ނަސްލުގެ ކުޅުންތެރިންނަށް "ކަލަރޑް ފުޓްބޯލާސް" ގެ ގޮތުގައި މުހާތަބުކުރުމުން މީޑިއާގައި އޭނާއަށް ފާޑުކިޔުން އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ.

މިކަމާއި ބެހޭގޮތުން ވާހަކަދައްކަމުން ކްލާކް ބުނީ އެވާހަކަ ތަކަކީ އެއްވެސް ނަސްލެއްގެ ކުޅުންތެރިއެއް ނިކަމެތި ކޮށްލުމަށް ނުވަތަ ތަފާތު ކުރުމަށް ދެއްކި ވާހަކަ ތަކެއް ނޫން ކަމަށާއި ކޮމިޓީގައި ޕްރިމިއަރ ލީގުގައި ނަސްލީ ތަފާތުކުރުން އޮތުމާއި ބެހޭގޮތުން ސުވާލުކުރެވުމުން އެއަށް ޖަވާބުދިނުމަށް ކަމަށެވެ. އެހެންނަމަވެސް ޖަވާބު ދިނުމުގައި ބޭނުން ކުރެވުނު ބަސްތައް ރަނގަޅު ނޫންކަން އިހުސާސްވީ ފަހުން ކަމަށާއި އެކަމަށް މާފައް އެދޭކަމަށް ކްލާކް ވަނީ ބުނެފައެވެ.

މީގެ އިތުރުން މިމައްސަލައާއި ގުޅިގެން އެފްއޭއިން ވަނީ ކޮމިޓީ ބައްދަލުވުމުގައި ކްލާކަށް ބޭނުން ކުރެވުނު ބަސްތަކަށް އޭނާ އިހްލާސްތެރިކަމާއިއެކު މާފަށް އެދޭކަމަށާއި އެއްވެސް ހާލަތެއްގައި އޭނާގެ މަގުސަދަކީ އެއްވެސް ކުޅުންތެރިއަކަށް ދެރަބަހެއް ބުނުން ނޫން ކަމަށްބުނެ ބަޔާނެއްވެސް ނެރެފައެވެ.

މީގެކުރިންވެސް ތަފާތު އެކި ކަންކަމުގައި ބޭނުންކޮށްފައިވާ ބަސްތަކުގެ ސަބަބުން އެތައް ފަހަރެއްގެ މަތިން އޭނާއަށް އިނގިރޭސި މީޑިއާ ތަކުގައި ފާޑުކިޔުން އަމާޒުވެފައިވެއެވެ. އަދި ކްލާކް އަކީ ބަސްބުނުމުގައި އެއްވެސް ވިސްނާލުމެއް ނެތި ކަންނެތް ކަމާއެކު ދުލަށް އައިހާ އެއްޗެއް ބުނާ މީހެއްގެ ގޮތުގައި މީޑިއާތަކުގައި އޭނާ ސިފަކޮށްފައިވެއެވެ.