ރެއާލް މެޑްރިޑާއި ލިވަޕޫލް އަންނަ ހޮނިހިރު ދުވަހު ކުޅޭ ޗެމްޕިއަންސް ލީގު ފައިނަލު މިފަހަރު މިއޮތީ ރަމަޟާން މަހުގެ ތެރޭގައެވެ. އެއާއެކު މިމެޗުގައި ކުޅޭ ލިވަޕޫލްގެ މުސްލިމް ކުޅުންތެރިޔާ މުހައްމަދު ސަލާހު ރޯދަ ހިފާނެތޯ ނުވަތަ ނޫންތޯ މިއީ ވަރަށް ގިނަ މީހުން ބަލަން ބޭނުންވާ ކަމެކެވެ.

ޔޫކްރޭންގެ ކިއެވް ގައި ޗެމްޕިއަންސް ލީގު ފައިނަލް މެޗު އޮންނަ އިރު ހޮނިހިރު ދުވަހު ކިއެވް އަށް އިރު ފުހޭނީ ޗެމްޕިއަންސް ލީގު ފައިނަލް މެޗު ފެށުމުގެ 30 މިނެޓު ކުރިންނެވެ. މީގެ ސަބަބުން މެޗުގެ ކުރިން ސަލާހު އަށް ރޯދަ ވީއްލޭނެއެވެ.

މިސްރުގެ ނޫހެއް ކަމަށްވާ "އަލްމަސްރީ އަލް ޔޫމް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ދުވަހު ރޯދަ ނުހިފާ ދޫކޮށްލުމުގެ ވިސްނުމެއް ސަލާހުގެ ނެތެވެ. އަދި އެ ދުވަހު ރޯދަ ހިފި ނަމަވެސް އެކަމަކު ސަބަބުން ސަލާހު އަށް އެއްވެސް ވަރަކަށް އަސަރު ނުކުރާނެ ކަމަށްވެސް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

ސަލާހުގެ އިތުރުން ލިވަޕޫލްގެ ސްކޮޑުގައި ދެން ހިމެނޭ މުސްލިމު ކުޅުންތެރިންނަކީ ސަޑިއޯ މާނޭ އާއި އެމްރޭ ޗޭންއެވެ.

މިދިޔަ އަހަރު ރޯމާ އިން ލިވަޕޫލް އަށް ބަދަލުވިފަހުން ސަލާހު އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ސަލާހު ވަނީ މި ސީޒަނުގައި ލިވަޕޫލް އަށް ކުޅެދިން 51 މެޗުގައި 44 ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި ޕްރިމިއާ ލީގުގެ ރަން ބޫޓު ވެސް އޭނާ ވަނީ ހޯދާފައެވެ.

ރަންބޫޓު ސަލާހު ކާމިޔާބުކުރިއިރު މި ސީޒަނުގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ވެސް ލިބުނީ އޭނާ އަށެވެ.

މީގެއިތުރުން ސަލާހު އަށް ވަނީ ފުޓްބޯލް ރައިޓާސް އެސޯސިއޭޝަން (އެފްޑަބްލިއުއޭ) އިން ހޮވި އަހަރުގެ މޮޅު ކުޅުންތެރިއާގެ މަގާމާއި އިންގްލޭންޑްގެ ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ހޮވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޑޕ މޮޔަ

    އަމައްޔާއި. ދުނިޔެއައްފޮނުއްވީ ފުޓްބޯޅަ ކުޅެންތަ! ރޯދަނުހިފާ ފުޓްބޯޅަ ވަކިކުޅެން ޖެހޭތަ! ތީސުވާލެއްވެސް ނޫން.