އިނގިރޭސި ފުޓުބޯޅަ އެސޯސިއޭޝަންގެ ޗެއާމަން ގްރެގް ކްލާކް މަގާމުން އިސްތިއުފާ ދީފިއެވެ.

އޭނާ މަގާމުން އިސްތިއުފާ ދިނީ ކޮވިޑްގެ ހާލަތުގައި ކުޅިވަރުގެ ކަންތައްތައް ކުރިއަށް ދާނެ ގޮތުގެ މައުލޫމާތު ދިނުމަށާއި ޕްރޮޖެކްޓް "ބިގް ޕިކްޗަރ" އާއި ބެހޭގޮތުން ސުވާލުކުރުމަށް އިނގިރޭސި ޕާލިމަންޓުގެ ޑިޖިޓަލް، ކަލްޗަރ، މީޑިއާ އެންޑް ސްޕޯޓްސް (ޑީސީއެމްއެސް) ކޮމިޓީއަށް ހާޒިރުކުރުމުން ދެއްކި ވަާހަކަ ތަކުގެ ތެރޭގައި ނަސްލީ ތަފާތުކުރުމަށް ބާރުދޭ ފަދަ ބަސްތަކެއް ބޭނުންކުރުމާއި، އަންހެން ކުޅުންތެރިންނަށް ނިކަމެތިކަން ލިބޭފަދަ ގޮތަކަށް އޭނާގެ ވާހަކަތައް ހުރުމުން އޭނާއަށް ފާޑުކިޔުންތައް އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ.

އިސްތިއުފާ ދިނުމަށްފަހު ކްލާކް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުޓުބޯޅައަށް ލޯބިކުރާ އަދި އެތައް ދުވަސްތަކެއް ވަންދެން ފުޓުބޯޅައަށް ހިދުމަތް ކުރެވުން މީހެއްގެ ހައިސިއްޔަތުން މިއަދު އެންމެ އިސްކުރާނީ މިވަގުތަށް ފުޓުބޯޅައަށް ފައިދާހުރި ގޮތް ކަމަށެވެ. އަދި 2020 ވަނަ އަހަރަކީ ހުރިހާގޮތަކުންވެސް ދަތި އަހަރެއް ކަމަށާއި އެހެން ޗެއަރމަން އަކަށް ފުރުސަތު ދިނުމަށް މަގާމުން އިސްތިއުފާދިނުމަށް ވިސްނަމުން ދާތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ.

"އަހަރެން މަގާމުން އިސްތިއުފާ ދޭން ވިސްނާތާ ދުވަސްތަކެއް ވެއްޖެ. އަކަމަކު އިސްތިއުފާ ދޭން މަޖުބޫރު މިވީ ކޮމިޓީގައި އަހަންނަށް ދެއްކުނު ބަލައިނުގަނެވޭ ފަދަ ވާހަކަތައް. އެވާހަކަ ތަކަކީ އެއްވެސް ކުޅުންތެރިއެއް ނިކަމެތި ކޮށްލުމަށް ނުވަތަ ތަފާތު ކުރުމަށް ދެއްކި ވާހަކަ ތަކެއް ނޫން. ޖަވާބު ދިނުމުގައި ބޭނުން ކުރެވުނު ބަސްތައް ރަނގަޅެއް ނޫން. އެކަމަށް މާފައް އެދެން".

މީގެއިތުރުން ބަޔާން ނިންމާލަމުން ކްލާކް ބުނެފައިވަނީ އެކުގައި އޭނާގެ ދަށުން އެތައް ދުވަސްތަކެއް ވަންދެން މަސައްކަތްކުރި ހުރިހާ އެންމެންގެ ފަރާތުންވެސް ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބުންކަމަށާއި ބަޔާން ހަވާލުކުރާ ވަގުތުން ފެށިގެން މަގާމުން އޭނާ އިސްތިއުފާ ދޭކަމަށެވެ.

މިކަމާއި ގުޅިގެން އިނގިރޭސި އެފްއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކްލާކް މަގާމުން އިސްތިއުފާ ދީފިކަމަށާއި އެހެންކަމުން ވަގުތީ ޗެއަރމަނެއްގެ ގޮތުގައި ކުޅިވަރު ވަކީލު ޕީޓަރ މެކް ކޯމިކް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ދާއިމީ ޗެއަރމަންއެއް ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ.